Roadha Mihaaru
އިމާރާތް ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

ގަވައިދުތައް ހެދެންދެން އިމާރާތް ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

17 ޑިސެމްބަރ 2018

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 14 ގަވައިދެއް އޮތީ ނުހަދާ ކަމަށާއި އެ ގަވައިދުތައް ހެދެންދެން އިމާރާތް ކުރުމުގެ މަސައްކަތްތައް ހުއްޓުވާލުމުގެ ވަގުތީ އަމުރަކަށް އެދި ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓަށް މައްސަލަ ވައްދައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 14 ގަވައިދެއް އޮތީ ނުހަދާ ކަމަށާއި އެ ގަވައިދުތައް ހެދެންދެން އިމާރާތް ކުރުމުގެ މަސައްކަތްތައް ހުއްޓުވާލުމުގެ ވަގުތީ އަމުރަކަށް އެދި ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓަށް މައްސަލަ ވައްދައިފި އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައިި އެދިފައި ވަނީ އިމާރާތްކުރުމުގެ ގާނޫނުގައިވާ 14 ގަވާއިދެއް ހެދުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެ މަސައްކަތް ހައުސިން މިނިސްޓްރީން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ވަކީލުން އެދިވަޑައިގެންފައި ވަނީ އެ ކަންތައްތައް 30 ދުވަހުގެ ތެރޭގައި ކުރުމަށް އަމުރުކޮށްދިނުމަށެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ގަވައިދާ ހިލާފަށް ކަމަށް ވާތީ، މަސައްކަތް ކުރާ ތަންތަން ބަލައި ފާސްކުރުމަށް ވެސް އެދިފައި ވެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ މާލޭގައި އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އެ ހާދިސާގައި ޒަހަމްވި ހަތް އަހަރުގެ ބިދޭސީ އަންހެންކުއްޖާ އޮތީ ނާޒުކުރު ހާލަތެއްގަ އެވެ.

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަފިއާ ރިޒާ "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ގޮތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ވަކީލުންތަކެއް ކަމަށެވެ. ވަކީލުންގެ ޓީމުގައި ވިޝާމް އެންޑް ކޯ އެލްއެލްޕީ ލޯ ފާމާއި ރިޒާ، ޝަފްނީޒް އެންޑް ކޯ ލޯ ފާމްގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ވަކީލް އައިމިނަތު އަރީޖް ހުސައިން އާއި ސޮފިއްޔާ ތައުފީގާއި ފާތިމަތު ޝަރީފް ވެސް ހިމެނެ އެވެ.

ރިޒާ، ޝަފްނީޒް އެންޑް ކޯ ގައި މަސައްކަތް ކުރައްވާ ވަކީލް ޝަފިއާ ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ގަވާއިދުތައް ހަދަން ޖެހޭ މުއްދަތު ހަމަވީ މީގެ ހަތް މަސް ދުވަސް ކުރިން ކަމަށެވެ. އަދި މި މުއްދަތުގައި ފުރިހަމަ ކުރަން ޖެހޭ ގަވާއިދުތަކުގެ ތެރޭގައި ބިލްޑިންގު ކޯޑާއި، އިމާރާތްކުރުމުގެ ހުއްދަ ދޭ ގަވާއިދާއި، އިމާރާތް ކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން މައްސަލަ ހުށަހަޅާނެ ގޮތާއި އެ ކަންތައްތައް އިސްތިއުނާފު ކުރާނެެ ނިޒާމެއް ވެސް ކަނޑައެޅުން ހިމެނޭ ކަމަށެވެ.

ޝަފިއާ ވިދާޅުވި ގޮތުގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާ އަކީ ހިނގައިގެން ނުވާނެ ހާދިސާއެއް ކަމަށާއި، އެކަހަލަ ކަންތައް ނުހިނގާނެ ކަން ޔަގީން ކުރުމަށް ގަވާއިދުތައް ހެދިފައި ހުންނަން ޖެހޭނެ ކަމަށެވެ.