Roadha Mihaaru
ޖިއާންގެ މަރު: "ނިވިގެން އެދިޔައީ ހަޔާތުގެ އަލިކަން"

ޖިއާންގެ މަރު: "ނިވިގެން އެދިޔައީ ހަޔާތުގެ އަލިކަން"

23 ޖެނުއަރީ 2019

ބާރު އަޑަކާ އެކު މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކުން ޑރ. ފަރުޒާނާ ހުސައިން ހުންނެވީ ސިފަ ވަކިނުވާ ވަރު ވެފަ އެވެ. ގައިން ސިމެންތި ފިލުވަން އުޅުނީ އަންހެން ދަރިފުޅު ރޯޝަން ޖިއާން އޭރު ހުންނާނީ ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވީދާ އެކުގައި ކަމަށް ހީކުރެއްވުމުންނެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން މަންމަގެ އަތުން ޖިއާން ދޫކޮށްލީ ބައްޕަގެ އަތުގައި ހިފާށެވެ. އެކަމަކު ލޮލަށް އެޅުނު ސިމެންތިން ކޮންމެވެސް ވަރަކަށް ސަލާމަތްވެ، ތަންދޮރު އެނގޭވަރު ވީ އިރު ފެނިވަޑައިގަތީ ރޮމުން ނޫނީ ކިޔައި ނުދެއްވޭނެ މަންޒަރެކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބާރު އަޑަކާ އެކު މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކުން ޑރ. ފަރުޒާނާ ހުސައިން ހުންނެވީ ސިފަ ވަކިނުވާ ވަރު ވެފަ އެވެ. ގައިން ސިމެންތި ފިލުވަން އުޅުނީ އަންހެން ދަރިފުޅު ރޯޝަން ޖިއާން އޭރު ހުންނާނީ ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވީދާ އެކުގައި ކަމަށް ހީކުރެއްވުމުންނެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން މަންމަގެ އަތުން ޖިއާން ދޫކޮށްލީ ބައްޕަގެ އަތުގައި ހިފާށެވެ. އެކަމަކު ލޮލަށް އެޅުނު ސިމެންތިން ކޮންމެވެސް ވަރަކަށް ސަލާމަތްވެ، ތަންދޮރު އެނގޭވަރު ވީ އިރު ފެނިވަޑައިގަތީ ރޮމުން ނޫނީ ކިޔައި ނުދެއްވޭނެ މަންޒަރެކެވެ.

ޑިސެމްބަރު 17 ވަނަ ދުވަހު ޖިއާން ނިޔާވި ހާދިސާގެ ވާހަކަ ފެށުމާ އެކު ޑރ. ފަރުޒާނާއަށް މިހާރު ވެސް ރޮވެނީ ހިފެހެއްޓުމެއް ނެތި އެވެ. އޭގެ ފަހުން މަސް ދުވަސް ފާއިތުވި އިރު ކިތަންމެ ބަޔަކަށް އެވާހަކަ ކިޔައިދެއްވައިފަވެ އެވެ. އެކަމަކު އޭނާއަށް ކުރާ އަސަރަށް ބަދަލެއް ނާދެ އެވެ.

ކިތައްމެ ވަރަކަށް ރޮވުނަަސް އެ ވާހަކަތައް އެހެން މީހުންނާ ހިއްސާކުރެއްވުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިވަޑައިގަނެ އެވެ. ރޯޝަން ޖިއާން އަކީ އޭނާގެ ނަމުގެ މާނަ ކަމަށް ވާ "އުފާވެރިކަން" ގެނެސްދިން ކުއްޖެކެވެ. މަންމަޔާއި ބައްޕަޔަށް އެކަންޏެއް ނޫނެވެ.

ޖިއާން (ވ) އޭނާގެ ބައްޕަ އާއި ފިރިހެން ކޮއްކޮއާ އެކު

ޖިއާން (ވ) އޭނާގެ ބައްޕަ އާއި ފިރިހެން ކޮއްކޮއާ އެކު

"ރޯޝަން ޖިއާން" ގެ މާނައަކީ އުޖާލާ ހަޔާތެވެ. ނަމުގެ މާނައިގައިވާ ފަދައިން ޖިއާން އައީ ވަށައިގެންވާ އެންމެންގެ ހަޔާތް އުޖާލާ ކުރަމުންނެވެ. ކިޔެވުމުގައި ހޯދަމުން އައި ކާމިޔާބީއަށް ވުރެ ވެސް އޭނާގެ މަންމަ ހަނދާން ކުރަނީ ލޯބި ވުމުގައި ދެއްކި ނަމޫނާ އެވެ.

"އެއް ފަހަރެއްގައި ސްކޫލްގައި އޮތް ރޭހެއްގައި އޭނާ ބައިވެރިވި. އެކަމަކު ޕްރެކްޓިސްގައި ދުވި އިރު އެހެން ކުދިންނަށް ވުރެ ކުރިއަށް އެރުމުން ފަސް އެނބުރި ބަލަނީ އެހެން ކުދިން ކޮބައިތޯ. އުޅުނީ ހުރިހާ ކުދިން ގޮވައިގެން ދާން،" ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

އެކަން ހައްލު ކުރަން ޖެހުނީ ރޭސް ނިންމާ ހިސާބުގައި މަންމަ މަޑުކުރާ ގޮތަށް ހަމަޖައްސައިގެންނެވެ. ޓީޗަރުންނާ ވާހަކަ ދައްކައިގެން އެކަން އިންތިޒާމްކޮށްފައި ޖިއާން ގާތު ބުނީ މަންމައާ ދިމާލަށް ނޫނީ ނުބަލައި ދުވާށެވެ.

"އެދުވަހު އޭނާ ރޭސް ކާމިޔާބު ކުރި،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވަކިން "މިހާރު"އާ ވާހަކަ ދައްކަވަމުން، ލޯ ފުހެލައްވާފައި ފަރުޒާނާ ކިޔައިދެއްވި އެވެ.

ޑރ. ފަރުޒާނާ އާއި އޭނާގެ އާއިލާއާ އެކު ރާއްޖެ ވަޑައިިގެން ފުރަތަމަ އުޅުއްވީ ބައި މަދު ދ. ރިނބުދޫގަ އެވެ. ޖިއާން ދިވެހި ދަސްކުރީ ކްލާސް ކުދިންނާ ވާހަކަ ދައްކަން ފަސޭހަކުރާށެވެ. ފަރިތަކަމާ އެކު އިނގިރޭސި ބަހުން ވާހަކަ ދެއްކުނަސް އޭނާ ހިތް އެދޭ ވަރަށް އެކުވެރިންނާ މުއާމަލާތް ކުރެވޭނީ ދިވެހި ބަހުން ކަމަށް ވާތީ އެވެ.

"ދިވެހި ބަހުގެ ކޮންމެވެސް ވަރެއް އަޅުގަނޑު ވެސް ދަސްކުރީ ޖިއާންގެ ގާތުން،" ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

ޖިއާން އަކީ ވަަރަށް ރީތިކޮށް ޤުރުއާން ވެސް ކިޔެވި ކުއްޖެކެވެ.

ރިނބުުދުއަށް ދިއުމާ އެކު ބައިސިކަލެއް ބޭނުން ވެގެން ޖިއާން އުޅުނެވެ. އެކަމަކު އޭނާއަށް އޭރު ބައިސްކަލެއް ގަނެނުދިނީ، ޑރ. ފަރުޒާނާ ދެއްކެވި ވާހަކަތަކަށް ބަލާ ނަމަ "ވަރަށް އާދަޔާ ހިލާފު ސަބަބަކާ" ހެދި އެވެ: ރިނބުދޫ ސިއްހީ މަރުކަޒުގެ ހަމައެކަނި ޑޮކްޓަރަކީ އޭނާއަށް ވުމެވެ.

"ޒަހަމެއް ވެ، ޖިއާންގެ ތަނެއް ފެހުން ފަދަ ކަމެއް ކުރަން ޖެހިއްޖެއްޔާ އެއީ އަޅުގަނޑަށް ކުޅަދާނަވާނެ ކަމެއް ނޫންކަން އެނގޭ. ބައިސްކަލެއް ގަނެ ނުދިނީ އެހެންވެ،" ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

ރިނބުދޫން ދެން އެއާއިލާ ބަދަލުވީ ފ. ނިލަންދުއަށެވެ. ޖިއާން އަށް ބައިސްކަލެއް ލިބުނީ އެ ހިސާބުންނެވެ.

"ލިބުނުތާ އެންމެ ގަޑި އިރެއްގެ ތެރޭގައި ޖިއާން ދަސްކޮށްލި ފަރިތަކޮށް ބައިސްކަލް ދުއްވަން،" ބައްޕަ ޖާވީދު ވިދާޅުވި އެވެ.

މާލެއަށް އައީ ވެސް ޖިއާން އަށް ޓަކައި

ޑރ. ފަރުޒަނާ (ކ) އާއި ފިރިކަލުން ޖާވިދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ

ޑރ. ފަރުޒަނާ (ކ) އާއި ފިރިކަލުން ޖާވިދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ

ޑރ. ފަރުޒާނާ ފުރަތަމަ ރާއްޖެ ވަޑައިގަތީ މާ ގިނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރައްވާކަށް ނޫނެވެ. އެކަމަކު ރާއްޖެއިން އެނބުރި ދާންވާ ދުވަސް ކައިރި ވީ އިރު ޖިއާންއަށް ރާއްޖެ މާ ބޮޑަށް ކަމުދިޔަ އެވެ. އާއިލާ މަޑުކުރަން ނިންމީ އެހެންވެ އެވެ.

"ބައިބޯ ސިޓީތަކުގެ ދިރިއުޅުމަށް ވުރެ، ރާއްޖޭގެ ރީތި ރަށްތައް އޭނާއަށް މާ ރަނގަޅު. ރިނބުދޫ ވެސް އޭނާއަށް ވަރަށް ބޮޑު. ނިލަންދޫ އަދި މާ ބޮޑު. އެރަށު މީހުން ވެސް އަހަރެމެން ދެކެ އެހާ ލޯބިވޭ،" ފަރުޒާނާ ވިދާޅުވި އެވެ.

ޖިއާންއަށް ޓަކައި ރާއްޖޭގައި މަޑުކުރި ފަދައިން ޑިސެމްބަރު 15 ގައި އާއިލާ މާލެ އައީ ވެސް އެކުއްޖާއަށްޓަކަ އެވެ.

"ޖިއާން މާލެ އަންނަން ބޭނުންވީ ޕިއްޒާ ހަޓަށް ގޮސް ޕިއްޒާ ކާން. ބާޒާރު ވެސް ކޮށްލަން. އޭނާ ގަންނަން ބޭނުންވި ތަކެތީގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ކޮއްކޮ ރޯޝަން އަޒާންއަށް ގަންނަން ބޭނުންވި ބައިސްކަލެއް،" ޖާވީދު ކިޔައިދެއްވި އެވެ.

ހަދަމުން ދާ ނަލަހިޔާ މަންޒިލްގެ މަތިން ސިމެންތި ބަސްތާ ވެއްޓި އޭގެ ދަށުވުމުގެ ހިތާމަވެރި ހާދިސާ ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ޝަކުވާއަކަށް އޮތީ ޕިއްޒާ ކާން ދިއުމާއި ބާޒާރުކުރަން ދިއުން ލަސްވުމެވެ.

"އޭރު ސުވާލުކުރި އަދިވެސް ރަސްމީ ކަންތައްތައް ނިމޭކަށް ނޫޅޭހޭ،" ޖިއާންއާ އެކު އެންމެ ފަހުން ހޭދަކުރި ވަގުތުކޮޅުގެ ވާހަކަ ދެމަފިރިން އަސަރާ އެކު ކިޔައިދެއްވި އެވެ.

ރާއްޖެއާ މެދު ޝަކުވާއެއް ނެތް

އުމުރުން ހަތް އަހަރުގެ ދޮށީ ދަރިފުޅު އެ ނުރައްކާތެރި އަދި އާދަޔާ ހިލާފު ހާދިސާގައި މަރުވިޔަސް ރާއްޖެއާ މެދު އާއިލާގެ ޝަކުވާއެއް ނެތެވެ. ޝަކުވާ އޮތީ ފަރުވާކުޑަކޮށް، ސަލާމަތީ ފިޔަވަޅުތައް ގަވައިދުން ނާޅާ މަސައްކަތް ކުރާ މީހުންނާ މެދުގަ އެވެ. އެމީހުންނަކަށް އެ އާއިލާގެ މާފެއް ނެތެވެ.

"ދިވެހި ރާއްޖޭގައި އަދިވެސް މަސައްކަތް ކުރެވިދާނެ. ރާއްޖެއިން އަހަރެމެންނަށް ދިން ގެއްލުމެއް ނެތް،" ރާއްޖޭގައި އަދިވެސް މަސައްކަތް ކުރެވިދާނެތޯ އެހުމުން ޑރ. ފަރުޒާނާ ޖަވާބު ދެއްވި އެވެ.

އެކަމަކު އެ އާއިލާއިން ރާއްޖޭގައި ދެން ތިބޭނީ ޖިއާން ނިޔާވި ހާދިސާ ތަހުގީގުކޮށް ނިމެންދެނެވެ. ޖިއާންގެ ހަށިގަނޑު ހިފައިގެން ބަންގްލަދޭޝްއަށް ވަޑައިގެން ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ފަހު ދެމަފިރިން ރާއްޖެ ވަޑައިގަތީ ދާދި ފަހުންނެވެ. އެކަމަކު އެ ހާދިސާއަށް ފަހު އަދިވެސް އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ހުރި ގަވައިދާ ހިލާފު ކަންކަމަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް އެ އާއިލާ އިން ބުނެ އެވެ. އެގޮތުން އިމާރާތްކުރާ ސައިޓްތައް އަދިވެސް ފެންނަނީ ނުރައްކާތެރި ތަންތަނުގެ ގޮތުގައި ކަމަށް ދަމަފިރިން ވެސް ވިދާޅުވި އެވެ.

ޖިއާންގެ ކުއްލި މަރާ އެކު ފަރުޒާނާ އާއި ޖާވީދަށް ލިބިވަޑައިގެންނެވި ހިތާމަ ދެމަފިރިން ވެސް ސިފަކުރެއްވީ ދަރިފުޅުގެ ނަމާ ގުޅުވައިގެންނެވެ.

"އެއީ އަހަރެމެންގެ ހަޔާތުގެ އުޖާލާކަން. ނިވިގެން އެ ދިޔައީ ހަޔާތުގެ އެ އަލިކަން."