17 ޑިސެމްބަރ 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި އެވެ.
"މިހާރު" އެނގިފައިވާ ގޮތުގައި ޔާމީން އިސްކޮށް ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި އިރު، އެ ޕާޓީގެ ކައުންސިލަށް ވަނީ ޕާޓީއަށް ކިޔާނެ ނަންތަކެއް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު، މިހާތަނަށް އައި އިރު، އެއްވެސް ނަމެއް ފައިނަލްކޮށްފައި ނުވާ ކަން އެނގިފައިވެ އެވެ.
ޔާމީންގެ ގާތް ބޭފުޅަކު "މިހާރު" އަށް މިރޭ ވިދާޅުވީ އަލަށް ޕާޓީއެއް އުފައްދަވަން ޔާމީން ނިންމެވި އެއް ސަބަބަކީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގު ދެމިގެންދާތީ ކަމަށެވެ. ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ޔާމީނާ އެއްކޮޅަށް ނިމިދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދި ފަހުން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ ވިދާޅުވީ އާ ޕާޓީއަށް، ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީޕީ) އާއި ޕީޕަލްސް އެލައިންސް ޕާޓީ (ޕީއޭޕީ) އާއި ނެޝަނަލް ފްރަންޓް (އެންއެފް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރެއިން ނަމެއް ކިއުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އާ ނަމެއް ފައިނަލް ކުރުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޯމަތިވަމުން އަންނައިރު، ޔާމީން ބޭނުންފުޅުވީ އިންތިހާބަށް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނުކުމެ، ގޮނޑިތަކެއް ކާމިޔާބު ކުރަން،" އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމް ގެއްލިއްޖެނަމަ، ޔާމީނަށް ތާއީދުކުރާ ބޭފުޅުން އަމިއްލަ ގޮތުން ވާދަކުރުމުގެ ބިރު އޮތީ މަޖިލިސް އިންތިހާބުގެ ކުރިން ޕާޓީއެއް އުފަން ނުކުރެވިއްޖެނަމަ. އެހެންވެ، ޔާމީން ސީދާ ނިންމެވީ އާ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ ހަރަކާތް ހިންގައި، ސަރުކާރު ޒިންމާދާރު ކުރުވަން."
އެކަމާ ގުޅޭ ގޮތުން ޕީޕީއެމުން މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އާ ޕާޓީއެއް އުފައްދަވަން ޔާމީން ނިންމެވީ، އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު 40 އަށްވުރެ ގިނަ ބޭފުޅުންނަށް ދީފައިވަނިކޮށެވެ. އެކަމަކު، ޔާމީން އަރިހުގައި އުޅުއްވާ ބައެއް ބޭފުޅުންނަށް އަދިވެސް ޓިކެޓެއް ނުދެ އެވެ.
އާދަމް ޝަރީފް ފޭސްބުކްގައި ކުރެއްވި ޕޯސްޓު.
އޭގެތެރެއިން، ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އާދަމް ޝަރީފް ފޭސްބުކް ޕޭޖްގައި ވިދާޅުވީ މަޑުއްވަރީ ދާއިރާއަށް ނުކުންނަވާނީ "ޕީޕީއެމުން އުފައްދާ ޕާޓީ"ގެ ނަމުގައި ކަމަށެވެ.
ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކުރި މައުމޫނާ ހަވާލު ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަދިވެސް ބާއްވާފައެއް ނުވެ އެވެ.
ޔާމީން ސިޔާސީ ހަޔާތްޕުޅު ލީޑަރެއްގެ ގޮތުން އެންމެ ފުރަތަމަ ފެއްޓެވީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިންނެވެ. އޭގެ ފަހުން، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެން ގުޅިވަޑައިގެންނެވީ ޕީޕީއެމާ އެވެ. ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވައި އެމަނިކުފާނު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެކަމަކު، ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުން، ޔާމީނަށް އިންތިހާބުގައި ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބީއެކެވެ.
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމައިފި
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޔާމީން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި
އިންތިހާބުގައި ގޯހެއް ހިނގި ކަމަކަށް ނެތް: ފުއާދު
ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދޭން ނިހާން ގޮވާލައިފި
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
ޔާމީން އައުމަށް މަގުފަހިކުރާ ބަޔަކަށް މާފެއް ނުކުރާނެ
މަޖިލިސް އިންތިޚާބަށް ފާރަވެރިވާން ޖެހޭ: ޔާމީން
ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް: ޔާމީން