Roadha Mihaaru
އުގެއިލްގެ އެ ސްޓޭޓަސް، ކިހިނެއް އައި ހިޔާލެއް؟

އުގެއިލްގެ އެ ސްޓޭޓަސް، ކިހިނެއް އައި ހިޔާލެއް؟

16 އޮކްޓޯބަރ 2016

ޕްރޮފެސަރު ހަސަން އުގެއިލް ދައްކަވާ ވާހަކައެއްގެ ބުރަދަން ވަރަށް ބޮޑުވާނެ ކަމަށް ގަބޫލުކުރާ ދިވެހިން ގިނަވާނެ އެވެ. އެކަމަކު ފޭސްބުކްގެ އަހުލުވެރިން މި ދެ ތިން ދުވަހެއްގެ ތެރޭގައި އުގެއިލް ހޫނު ފެނަށް ލައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޕްރޮފެސަރު ހަސަން އުގެއިލް ދައްކަވާ ވާހަކައެއްގެ ބުރަދަން ވަރަށް ބޮޑުވާނެ ކަމަށް ގަބޫލުކުރާ ދިވެހިން ގިނަވާނެ އެވެ. އެކަމަކު ފޭސްބުކްގެ އަހުލުވެރިން މި ދެ ތިން ދުވަހެއްގެ ތެރޭގައި އުގެއިލް ހޫނު ފެނަށް ލައިފި އެވެ.

"#ތޯޓްއޮފްދަޑޭ"ގެ ގޮތުގައި އުގެއިލް ލިޔުއްވަމުން ގެންދަވާ ސިލްސިލާ ސްޓޭޓަސްތަކުގެ ތެރެއިން ސްޓޭޓަސްއަކާ ދޭތެރޭ އެތައް ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ. އުގެއިލް ވިދާޅުވެފައި އޮންނަނީ އިންސާނުން ހަގީގަތުގައި އެކަކު އަނެކެއްގެ އިހުސާސްތަކާ މެދު އެއްވެސް ކަހަލަ އަޅާލުމެއް ނުގެންގުޅޭ ކަމަށެވެ. އަޅާލައޭ ހީވާ ނަމަ އޭގެ ސަބަބަކަށް ވާނީ އެކަމުން އެ މީހަކަށް ލިބޭ އަމިއްލަ ހިތްހަމަޖެހުން ކަމަށާއި އެހެންވީމާ މީހަކާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާ މީހާ އެ ބަލަނީ އޭނާގެ އަމިއްލަ އިހުސާސްތަކަށް އެކަނި ކަމަށް ވިދާޅުވެފައިވެ އެވެ. އުގެއިލްގެ ވާހަކަކޮޅު ނިންމާލައްވަމުން ވިދާޅުވީ މައިންބަފައިންގެ ލޯބި ފިޔަވައި އެހެން އެއްވެސް ކަމެއްގައި އަނެކާގެ އިހުސާސްތަކަށް ބެލުމެއް ނޯންނާނެ ކަމަށެވެ.

ހާހެއްހާ ރިއެކްޝަން ލިބި 600 އަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައިވާ މި ސްޓޭޓަސް އަށް ކޮމެންޓްތައް ވެސް ދަނީ އޮހެމުންނެވެ. އުގެއިލް އެ ވިދާޅުވި ވާހަކަ އަށް ބައެއް މީހުން ތާއީދެވެ. އަނެއް ބަޔަކު ދިމާ އިދިކޮޅެވެ. އަޑުގަދަވެފައި "ރުއް ގިނައީ" އިދިކޮޅު މީހުންގެއޭ ބުނެވިދާނެ އެވެ.

އުގެއިލްގެ ޕޯސްޓް

"ވަރަށް ބޮޑު ހަގީގަތެއް" ހާމަކުރެއްވީތީ އެއް ބަޔަކު އުގެއިލް އަށް ތައުރީފްކުރި އިރު އަނެއް ބަޔަކު ތިބީ މިހާ "ނެގެޓިވް" އެއްޗެއް އުގެއިލް ފަދަ ބޭފުޅަކު ވިދާޅުވީތީ ހައިރާންވެފަ އެވެ. ދެރަވެ، މާޔޫސްވެފަ އެވެ. ރުޅިގަދަވެފަ އެވެ.

އުގެއިލްގެ ވާހަކަ ދޮގުކަން ސާބިތުކޮށްދޭން އަމިއްލަ ތަޖުރިބާ އާއި އިހުސާސްތަކާއި ދިރިއުޅުމުގެ އެތައް ކަމެއް ހެކީގެ ގޮތުގައި ބައެއް މީހުން ދައްކާފައިވެ އެވެ. އަނެއް ބަޔަކު ވިސްނަމުން ގެންދިޔައީ އުގެއިލް މިހެން ވިދާޅުވާން ޖެހުނު ސަބަބަކާ މެދުގަ އެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގައި އަޅާލުމެއް ނުލިބެނީތޯ، ގޯސް ތަޖުރިބާތަކެއް ކުރެއްވުނީތޯ ނުވަތަ މުޅި ދުވަސް ޚަރާބުވެގެން އުޅުއްވަނީތޯ ވެސް ބައެއް މީހުން ސުވާލުކުރި އެވެ.

އެކަމަކު އުގެއިލް އުޅުއްވަނީ އެކަހަލަ އެއްވެސް ކަމެއް ދިމާވެގެނެއް ނޫނެވެ. އޭނާ ވިދާޅުވީ އެ ޕޯސްޓާއި އަމިއްލަ ދިރިއުޅުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކޮށެއް ނޫޅެން،" އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އުގެއިލް ފޯނުން ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

އެހެން ވެއްޖެއްޔާ، ހިސާބު އިލްމުން ޕީއެޗްޑީ ހެއްދެވި ދިވެހި ފުރަތަމަ ބޭފުޅާ އަދި ސައިންސްގެ ރޮނގުން ދިވެހި ފުރަތަމަ އަދި ހަމައެކަނި ޕްރޮފެސަރު، މިކަހަލަ އެއްޗެއް ވިދާޅުވީ ކީއްވެގެން ހެއްޔެވެ؟

"އެކި ކަހަލަ ފިލޮސޮފިކަލް ތިއަރީތަކަށް ބިނާކޮށްފައި އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ފާޅުކޮށްލީ. މިއީ ހަމަ ފިލޮސޮފިކަލް ތޯޓެއް. އިންސާނުންނަކީ އެމީހުންގެ ޒާތުގައި ވެސް އަމިއްލަ އެދުން ބޮޑު ބައެއް،" ޔުނިވާސިޓީ އޮފް ބްރެޑްފަޑްގައި ވިޝުއަލް ކޮމްޕިއުޓިން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އުގެެއިލް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑަށް ވަރަށް އާދައިގެ ޚިޔާލެއް. އަޅުގަނޑު ކޮލީގުންނާ އެކު ރެ އާއި ދުވާލު ދައްކާ އުޅޭ ކަހަލަ ވާހަކައެއް މިއީ. އަބަދުވެސް މިކަހަލަ ޑިބޭޓްތައް ކުރިއަށްދާނެ."

އެހެންވީމާ މި ސްޓޭޓަސް އެހާ ބޮޑު "މައްސަލައަކަށް" ވާނެއެކޭ އުގެއިލް ގައިމު ވެސް ހިއެއް ނުކުރައްވާނެތާ އެވެ!

ކްރިޓިކަލް ތިންކިން ގެންގުޅުމަށް އަބަދުވެސް ބާރުއަޅުއްވާ ޕްރޮފެސަރު ވިދާޅުވީ ދިވެހިން އެ ގޮތަށް ވިސްނާ ނަމަ ރަނގަޅުވީސް ކަމަށެވެ. އަދި ބައެއް މީހުން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާ އިރު، ކްރިޓިކަލް ތިންކިން އަށް ދިވެހިން އަހުލުވެރިވެފައި ނުވާ ކަން އެނގޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މީގައި މުހިއްމީ އަޅުގަނޑު އެއްޗެކޭ ބުނީމާ އެ ވާހަކަ ޕާސަނަލްކޮށް ނުނެގުން. އަމިއްލަ ދިރިއުޅުން ނުވަތަ އެ މީހަކާ އެހެން މީހުންނާ ދެމެދު އޮންނަ ޕާސަނަލް ރިލޭޝަންޝިޕްތަކާ އެ ކަމެއް ނުގުޅުވައި މިކަހަލަ ކަންކަމާ މެދު ވިސްނާލުން މުހިއްމު،" އުގެއިލް ވިދާޅުވި އެވެ.

އިދިކޮޅު ޚިޔާލުތައް ކިތަންމެ ގިނަޔަސް އުގެއިލް އަށް މި ވިސްނުން ފެނިވަޑައިގަންނަވަނީ ވަރަށް ބޮޑު ހަގީގަތެއްގެ ގޮތުގަ އެވެ. އަދި އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑު އަޅުގަނޑުގެ އަންހެނުން ދެކެ ލޯބިވަނީ އަޅުގަނޑު ބޭނުންވާތީ. އަޅުގަނޑުގެ އަންހެނުން އަޅުގަނޑު ދެކެ ލޯބިވަނީ އޭނަ އެ ގޮތް ބޭނުންވާތީ. އޭގައި ކޮބައިތޯ މައްސަލައަކީ؟"