Roadha Mihaaru
މާލޭ ސްކޫލް ކްރިކެޓް މުބާރާތުގެ ދެ ތަށި ތާޖުއްދީނަށް

މާލޭ އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ ދެ ތަށި ތާޖުއްދީނަށް

13 ފެބުރުއަރީ 2023

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މާލެ ސަރަހައްދުގައި ބާއްވާ އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މާލެ ސަރަހައްދުގައި ބާއްވާ އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އިންޓަަ ސްކޫލް މުބާރާތް ބާއްވާފައި މިވަނީ ދެ އަހަރުގެ މެދުކެޑުމަކަށް ފަހު އެވެ. ހޮނިހިރު ދުވަހު ނިންމާލި މުބާރާތުގައި ތިން އިވެންޓެއް ކުރިއަށް ދިޔަ އެވެ. އެއީ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އިވެންޓުގެ އިތުރުން 13 އަހަރުން ދަށުގެ ފިރިހެން މުބާރާތެވެ.

އަންހެން އިވެންޓްގައި ބައިވެރިވީ ތާޖުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. ދެ ސްކޫލް ބައިވެރި ވުމުން ދެ ޓީމުގެ މެދުގައި ހާއްސަ އެއް މެޗު ކުޅުނެވެ. އެ މެޗު 32 ލަނޑުން ކާމިޔާބު ކުރީ ތާޖުއްދީނެވެ. އެންމެ ގިނަ ލަނޑު ހެދީ ތާޖުއްދީންގެ ފާތިމަތު ޝިފާ މުހައްމަދު ރަޝީދެވެ.

އަންހެން އިވެންޓް ކާމިޔާބު ކުރި ތާޖުއްދީންގެ 17 އަހަރުން ދަށުގެ ޓީމް.-- ފޮޓޯ: ސީބީއެމް

އަންހެން އިވެންޓް ކާމިޔާބު ކުރި ތާޖުއްދީންގެ 17 އަހަރުން ދަށުގެ ޓީމް.-- ފޮޓޯ: ސީބީއެމް

ސަތާރަ އަހަރުން ދަށުގެ ފިރިހެން އިވެންޓް ގައި ހަތަރު ސްކޫލެއް ބައިވެރި ވިއެވެ. އެއީ ޖަމާލުއްދީން، މުހްޔިއްދީން، ރެހެންދި އަދި ތާޖުއްދީން ސްކޫލެވެ. ތާޖުއްދީން މި އިވެންޓް ކާމިޔާބު ކުރީ ފައިނަލުގައި ނުވަ ވިކެޓުން ވިލިމާލޭ މުހްޔިއްދީން ބަލިކޮށްގެންނެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަންކަން ހޯދި މުހްޔިއްދީންގެ ތާދު މުހައްމަދު ފައިސަލް އާއި ތާޖުއްދީންގެ އަހުމަދު ނާހިލް މުހައްމަދު، އަލްޔާން، އާދަމް ހަލަފް ހަލީލް ގެ އިތުރުން ޖަމާލުއްދީންގެ މުހައްމަދު ޝަމާލް ޝިޔާމް އެވެ.

ތިން ސްކޫލް ވާދަކުރި ފިރިހެން 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލެވެ. ބިލަބޮންގް ޗެމްޕިއަންކަން ހޯދީ ހަތް ވިކެޓުން ތާޖުއްދީން ބަލިކޮށްފަ އެވެ. މި ދެ ސްކޫލުގެ އިތުރުން ދެން ވާދަކުރީ މުހްޔިއްދީން ސްކޫލެވެ. މި އުމުރުފުރާގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބިލަބޮންގްގެ ޝާޒިލް، ތާޖުއްދީންގެ އިސްމާއިލް އައުސަމް އާއި އިސްމާއިލް މާން މުހްތަބާ ގެ އިތުރުން މުހްޔިއްދީންގެ މުހައްމަދު ނީލް ފައިޒާން އާއި ހުސެއިން އިޒާން އެވެ.

13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ބިލަބޮންގް ޓީމު.-- ފޮޓޯ: ސީބީއެމް

13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ބިލަބޮންގް ޓީމު.-- ފޮޓޯ: ސީބީއެމް

މި އަހަރުގެ ކްރިކެޓް ކަލަންޑަރުގައި ސްކޫލް މުބާރާތް ބާއްވަން އޮތީ އަހަރުގެ މެދުތެރޭގަ އެވެ. ނަމަވެސް އަވަސް ކުރަން ޖެހުނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން، ސްކޫލްތަކުގެ އެކަޑަމިކް ކަލަންޑަރަށް ފެއްތުމުގެ ގޮތުންނެވެ.

މުބާރާތް އަވަސް ކުރަން ޖެހުމުން ކުރިން އަހަރުތަކަށް ވުރެ މި އަހަރު ވާދަކުރި ޓީމުތައް މަދެވެ. ނަމަވެސް ކާމިޔާބު ކަމާ އެކު ނިންމާލި މުބާރާތުގެ ޓީމުތަކުން ފާހަގަވި ކުޅުންތެރިން ކްރިކެޓް ޖޫނިއާ ޕޫލަށް ހޮވާލައިގެން ކޯޗެއް ހަމަޖައްސައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ކްރިކެޓް ބޯޑުން ވަނީ ނިންމައިފަ އެވެ.

ފިރިހެން ކުދިންގެ ޖޫނިއާ ޕޫލްގެ ލީޑު ކުރަން ހަމަޖައްސާފައި ވަނީ ކްރިކެޓް ބޯޑުގައި ހިމެނޭ ކޯޗު އިސްމާއިލް ނަޒްވާން އެވެ. އަދި އަންހެން ކުޅުންތެރިންގެ ތަމްރީނުތައް ކުރިއަށް ދާނީ ބަންގްލަދޭޝްގެ ތަޖުރިބާކާރު ކޯޗު ފާތެމާ ތުޒް ޖަހޭރާގެ އިރުޝާދުގެ ދަށުންނެވެ.

ފުވައްމުލަކުގައި ވެސް އިންޓަ ސްކޫލް މުބާރާތް ކުރިއަށް ގެންދަން ރޭވިފައި ވެއެވެ. ގުރޭޑް 3 އާއި 6 އާ ދެމެދުގެ ކުދިންނަށް އަންހެން އަދި ފިރިހެން މުބާރާތެއް ބާއްވާގޮތަށް ހަމަޖެހިފައި ވާއިރު ގުރޭޑް 7 އާއި 10 އާ ދެމެދުގެ އަންހެން އަދި ފިރިހެން ކްރިކެޓް ލީގެއް ކުރިއަށް ގެންދަން ހަމަޖެހިފައި ވެއެވެ.