Roadha Mihaaru
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި

26 ޑިސެމްބަރ 2018

މާދަމާ ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ރ. ދުވާފަރުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާދަމާ ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ރ. ދުވާފަރުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2004 ވަނަ އަހަރު ރާއްޖެއަށާއި އިންޑިއާ ކަނޑުގެ އެހެން ބައެއް ގައުމުތަކަށް ކުރިމަތިވި ވަރުގަދަ ސުނާމީގައި އެތައް ބަޔަކު ހާޅުގައި ޖެހުނުއިރު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ. ދުވާފަރަކީ އެ ސްނާމީގައި މުޅިން ވީރާނާވީ ކަނދޮޅުދޫގެ ރައްޔިތުން އާބާދުކޮށްފައިވާ ރަށެެވެ.

ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބުުދުﷲ "މިހާރު" އަށް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މިރަށުގައި ފާހަގަ ކުރަން ނިންމީ މިއީ ސުނާމީއާ ގުޅިގެން އަލަށް އާބާދުކުރި ހަމަ އެކަނި ރަށަށް ވާތީ ކަމަށެވެ. މިނިސްޓަރު މިވަގުތު ހުންނެވީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުވާފަރުގައެވެ.

"މިއީ ފުރަތަމަ ފަހަރު މިރަށުގައި މި ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރާ. އަޅުގަނޑުމެން މިގޮތަށް ނިންމީ މުޅި ރާއްޖޭން ވެސް ސްނާމީއާ ގުޅިގެން އަލަށް އާބާދުވި ރަށަކީ މިއީ ކަމަށް ވާތީ. އަދި އެ ދުވަހު އެންމެ ބޮޑު ގެއްލުމެއް ލިބި، އެންމެ ހިތްދަތި ތަޖުރިބާއެއް ކުރި އެއް ބަޔަކީ މިރަށުގެ ރައްޔިތުން ކަމަށް ވާތީ،" އިމްރާން ވިދާޅުވި އެވެ.

މާދަމާ ދުވާފަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

އިންޑޮނީޝިއާގެ ސުމަޓްރާގެ ކައިރިން ބިމުގެ އަޑިއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގައި ކަނދޮޅުދޫން ތިން މީހުން މަރުވި އެވެ. އެ ހާދިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ބަޔަކު މަރުވި އެެވެ.