Roadha Mihaaru
ރުޅި އިސްނުކޮށް ވިސްނުން އިސްކުރޭ: ރައީސް

ރައީސް، ވާދަވެރިންނަށް: ރުޅި އިސްނުކޮށް ވިސްނުން އިސްކުރޭ

24 އޯގަސްޓް 2023

ރުޅި އިސްނުކޮށް، ވިސްނުން އިސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިރޭ އިލްތިމާސްކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރުޅި އިސްނުކޮށް، ވިސްނުން އިސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިރޭ އިލްތިމާސްކުރައްވައިފި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މި އަތޮޅު ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވެރިކަން ދެމިގެން ދިޔައީ ވައުދުތައް ފުއްދުމުގައި ދެމި ތިބުމާއި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދިނުމުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއާއެކު، ރައީސް ވަނީ އިދިކޮޅުން ވާދަކުރާ ބޭފުޅުންނަށް ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާލަން ބޭނުން، ރުޅި އިސްނުކުރައްވައި ވިސްނުން އިސްކުރެއްވުމަށް. އަދިވެސް އަދިވެސް އަޅުގަނޑު ދަންނަވާނީ ރުޅި އިސްނުކުރައްވައި ވިސްނުން އިސްކުރައްވާށޭ. އަދި ފުރުސަތު ނުގެއްލޭ. އަދި ފުރުސަތެއް ނުގެއްލޭ." އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ގޮތެއް ހަދައިގެން ވެސް އިންތިހާބު ދެ ވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތްކުރާ ބަޔަކު އެބަތިބި ކަމަށާއި އެ ކޮންމެ މީހަކު ވެސް ބޭނުންވަނީ އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. ދުވާފަރަށް ވަޑައިގެން، މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. ދުވާފަރަށް ވަޑައިގެން، މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

އެއަށްފަހު، އެމަނިކުފާނު އަނެއްކާ ވެސް ގޮވާލެއްވީ، އިންތިހާބުގައި ދެން ވާދަކުރައްވާ ބޭފުޅުން، އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށެވެ.

"ދެ ވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން ހޯދޭނީ ކޮން މަންފާއެއްތޯ، ތިމަންނައަށް ލިބޭނީ ކޯއްޗެއްތޯ ހިސާބު ޖަހައިގެން ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އެ ވިސްނުން ދޫކޮށްލައްވާށޭ. ރައްޔިތުން ނެތޭ މިކަން މި ފަހަރު ދެ ވަނަ ބުރަކަށް ގެންދާކަށް. ރުޅި އިސްކުރުން ތިރިކުރައްވައިގެން ވިސްނުން އިސްކުރައްވައިގެން ނުކުމެވަޑައިގެން އަޅުގަނޑުމެން އެންމެން އެކީގައި ކުރިއަށް ދާންވީ ވަގުތު އަނެއްކާ މި އޮތީ އައިސް ޖެހިފައި." ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ދަންނަވާލާނީ ބޭކާރު ކަންތައް ނުކުރައްވައި ނުކުންނަވާށޭ. ބޭކާރު ކަންތައް ދެން ނުކުރައްވާށޭ. ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މި ތިބީ ކުރިއެކޭ ވެސް އެއްގޮތަށް ގިނަ ބަޔަކު ހިމެނޭ ކޯލިޝަނަކާ އެކު ސަރުކާރެއް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ތައްޔާރަށޭ."

މީގެ ކުރީގެ އިންތިހާބަށް ނުކުތީ ޖަޒީރާގެ ތަސައްވަރާ އެކު ކަމަށާއި ކޮންމެ ރަށަކަށް ބަލާލިއަސް އެ މެނިފެސްޓޯ ތަންފީޒުވާ ތަން ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުން ނެންގެވީ ދުވާފަރެވެ. މި ރަށު ކައުންސިލުން އެދުނު ގޮތަށް 22.2 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުން ދެން ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.