Roadha Mihaaru
ދުވާފަރަށް ސިޔާސީ އީދެއް

ދުވާފަރަށް ސިޔާސީ އީދެއް

23 އޯގަސްޓް 2023

މި ރަށަށް އަރައިގެން ހިނގާފައި ދާއިރު، މަގުގެ އެއް ފަރާތުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ކޮށްދެއްވި ކަންތައްތަކެވެ. މަރުހަބާ ކިޔަން ހަދާފައި ހުރި ގިޑިގެއާ ޖެހިގެން އޮތީ ރައީސަށް މަރުހަބާ ކިޔަން ސަފު ދަމާލާފަ އެވެ. ދަމާލާފައި އޮތް ދިގު ކިއު ލޮލުކޮޅަށް ނުފެނެ އެވެ.

އާސިމާ ނިޒާރު ރ. ދުވާފަރުން އާސިމާ ނިޒާރު

މި ރަށަށް އަރައިގެން ހިނގާފައި ދާއިރު، މަގުގެ އެއް ފަރާތުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ކޮށްދެއްވި ކަންތައްތަކެވެ. މަރުހަބާ ކިޔަން ހަދާފައި ހުރި ގިޑިގެއާ ޖެހިގެން އޮތީ ރައީސަށް މަރުހަބާ ކިޔަން ސަފު ދަމާލާފަ އެވެ. ދަމާލާފައި އޮތް ދިގު ކިއު ލޮލުކޮޅަށް ނުފެނެ އެވެ.

ރައީސް މީހުންނާ ސަލާމްކުރައްވަމުން ގެންދަވާއިރު، ފަހަތުގައި ތިބި މީހުން ބޮޑުބެރުޖަހައި ނަށަނީ އެވެ. މި ރަށު މީހަކު ބުނި ގޮތުގައި، ސުނާމީގައި މީހުން އަލުން އާބާދުކުރި މި ދުވާފަރަށް މިއައީ ކުޑަ އީދެކެވެ. ރަށުގެ ކުޑަބޮޑު ގިނަ ބަޔަކު، އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެ ތިބީ ގިނަ ކަންތައްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބައެއް މީހުން ބުންޏެވެ.

ރައީސަށް މަރުހަބާ ކިޔަން ނުކުމެ ހުރި އެކަކަކީ އާމިނަތު މުހައްމަދުފުޅު، 53، އެވެ. ސުނާމީގައި ރ. ކަނދޮޅުދުއަށް ލިބުނު ގެއްލުމަށްފަހު މީހުން އަލުން އާބާދުކުރި މި ދުވާފަރަށް ކަމެއް ކޮށްދިނީ، އޭނާ ބުނާ ގޮތުން މި ސަރުކާރުންނެވެ. މި ރަށަށް ކޮށްދިނީ ކޮން ކަމެއްހޭ އަހާލުމުން، ކައިރީގައި ހުރި އެހެން އަންހެނަކު ވެސް ކޮށްލީ ސުވާލެކެވެ.

"ދަރިފުޅާ، ދޫންޏާ، މި ރަށަށް ނުކޮށްދެނީ ކޮން ކަމެއް؟ މިއޮތް ޗަކަ މަގުތަކުގައި މި އޮތީ ތާރުއަޅާ ރީތިކޮށްދީފި. ސްކޫލަށް ބަލާލަބަލަ. ހިތުގެ އެންމެ ފުންމިނުން މިކަން ގަބޫލުކުރަން." އޭނާ ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ތިބި މީހުންނާ ސަލާމްކުރައްވަނީ.- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ތިބި މީހުންނާ ސަލާމްކުރައްވަނީ.- ފޮޓޯ: އެމްޑީޕީ

އާމިނަތު ބުނީ އަލުން އާބާދުކޮށްގެން އުޅެން ފެށި މި ރަށް، ރަށެއްގެ ގޮތުގައި ހަދައިދިނީ މި ސަރުކާރުން ކަމަށެވެ. މި ރަށަށް ދެން ވެސް ކަމެއް ވާނީ ރައީސް ދެ ވަނަ ބުރަކަށް ހޮވައިގެން ކަމަށް އޭނާ ބުންޏެވެ.

"ކޮވިޑު އައިސްގެން ވެސް އަހަރެމެންނަށް ކޮން ކަމެއް އުނިވީ. އެ ނޫން މީހަކު ބޭނޫމެެއް ނޫން އަހަރެމެން." އާމިނަތު ބުންޏެވެ.

މަރިޔަމް ހަސަން ބުނި ގޮތުގައި 5،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަކީ މީގެ ކުރިން ޕީޕީއެމްގެ ވަރުގަދަ ރަށެކެވެ. ނަމަވެސް، ރައީސަށް މަރުހަބާ ކިޔަން އެހާ ގިނަ ބަޔަކު ނުކުތީ މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

މި ސަރުކާރުން މި ރަށަށް އެކަނި ވެސް 235 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން، ރައީސް މި ރަށަށް ކޮށްދެއްވި ކަންތައްތަކުގެ އަންގައިދޭ ބޯޑެއް ބަހައްޓާފައި.- ފޮޓޯ: އެމްޑީޕީ

ދުވާފަރު ކައުންސިލް މެމްބަރު އަބްދުﷲ ނަޒީމް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ރަށުގައި، މީހުން އާބާދުކުރަން ކުރި މަސައްކަތުގެ އިތުރަށް ދެން ކޮށްފައިވަނީ އޭޓީއެމް މެޝިން ބެހެއްޓުމުގެ މަސައްކަތް އެކަންޏެވެ.

ނަމަވެސް މި ފަސް އަހަރުގެ ތެރޭގައި ދިރިއުޅެން ރަނގަޅު ރަށަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުން އަރައިގެން، ކުޑަކުޑަ ސިންގަޕޫރެއް ފަދައިން ހިނގާފައި މި ދެވެނީ،" ނަޒީމް، ދުވާފަރު ސިފަކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީގެ އިތުރުން، ސިއްހީ ދާއިރާ ހަރުދަނާކުރަން ވެސް މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އާބާދީ ބޮޑު ނަމަވެސް މި ސަރުކާރާ ހަމައަށް މި ރަށުގައި ހުންނަ ސިއްހީ މަރުކަޒުން ރަނގަޅު ފަރުވާއެއް ނުލިބޭ ކަމަށް ފާހަގަކުރައްވަމުން ނަޒީމް ވިދާޅުވީ، އެ މަރުކަޒުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ދެ ޑޮކްޓަރުން އެބަތިބި ކަމަށެވެ.

"އިތުރު އެއް ދައުރަށް ހޮވައިފި ނަމަ މި ރަށަށް އިންގިލާބީ ބަދަލެއް އަންނާނެ،" އޭނާ ބުންޏެވެ.