Roadha Mihaaru
ލީގު ފޯރިގަދަވީ ލިވަޕޫލާއި ޗެލްސީގެ ސަބަބުން: ސްޓާލިން

ލީގު ފޯރިގަދަވީ ލިވަޕޫލާއި ޗެލްސީގެ ސަބަބުން: ސްޓާލިން

26 ޑިސެމްބަރ 2018

މެންޗެސްޓާ (ޑިސެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގު މި ފަހަރު ފޯރިގަދަވި އެންމެ ބޮޑު ސަބަބަކީ ވާދަވެރި ދެ ޓީމު ކަމަށްވާ ޗެލްސީ އާއި ލިވަޕޫލް ވަރުގަދަވުން ކަމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ވިންގާ ރަހީމް ސްޓާލިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޑިސެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގު މި ފަހަރު ފޯރިގަދަވި އެންމެ ބޮޑު ސަބަބަކީ ވާދަވެރި ދެ ޓީމު ކަމަށްވާ ޗެލްސީ އާއި ލިވަޕޫލް ވަރުގަދަވުން ކަމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ވިންގާ ރަހީމް ސްޓާލިން ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ސިޓީން ވަނީ ބޮޑު ތަފާތަކާ އެކު 100 ޕޮއިންޓް ހަމަކޮށް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު މި ފަހަރު ސިޓީ އަށް ވަނީ މިދިޔަ ސީޒަނުގައި ނެގި ލީޑުނަގަން އުނދަގޫވެފަ އެވެ. އަދި ލީގު ދެބައިވިއިރު ސިޓީ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެެވެ.

"މި ފަހަރު އަހަރެމެންގެ އެބައޮތް ވަރަށް ވަރުގަދަ ދެ ވާދަވެރިން. އެއީ ލިވަޕޫލާއި ޗެލްސީ. މި ދެ ޓީމުގެ ސަބަބުން ލީގު އިތުރަށް ފޯރިގަދަވެއްޖެ. މި ދެ ޓީމު ވަރުގަދަނުވި ނަމަ ސިޓީ އަށް ލީގު ފަސޭހަވެ ފަހު މެޗުތަކަށްދާއިރު ފޯރިއެއް ނެތި ފޫހިކޮށްދާނީ،" މި ފަހަރު ސިޓީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޓާލިން ބުންޏެވެ.

ލިވަޕޫލް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ސްޓާލިން ސޮއިކުރީ 49 މިލިއަން ޕައުންޑަށެވެ. ލިވަޕޫލުގައި ހޭދަކުރި އެންމެ ފަހު ސީޒަނުގައި ސްޓާލިން ވަނީ އެ ޓީމާ އެކު ލީގު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.

"އެ ފަހަރު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ އަހަރެމެން (ލިވަޕޫލް). އެކަމަކު ވަރުގަދަ ޓީމު ކަނޑައަޅާނީ ހޯދާ ކާމިޔާބީން. އަހަރެމެންނަށް ތަށީގައި އަތްލުމުގެ ނަސީބު ނުލިބުނު. އެއީ މަދުވި ބަޔަކީ،" ސްޓާލިން ބުންޏެވެ.

އޭނާ ބުނީ މިހާރު ލިވަޕޫލުގައި އޮތީ އެ އަހަރު އޮތް ޓީމާ އަޅާކިޔާއިރު މާ ވަރުގަދަ ޓީމެއް ކަމަށެވެ.

"ލިވަޕޫލްގައި މިހާރު އޮތް ޓީމު ހުރިހާ ގޮތަކުން ވެސް ތަފާތު. ބޮޑު ހަރަދުކޮށްފައި ގެނައި ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުން. ސިޓީ އަށް އަސްލު އޮތް ޗެލެންޖަކީ ލިވަޕޫލް،" ކުރީގެ ޓީމާ ބެހޭގޮތުން ސްޓާލިން ބުންޏެވެ.

ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެވެ. ލީގުގައި މިރޭ ރަށުންބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އަލުން ފޯމަކަށް އެޅެން މަސައްކަތްކުރާނެ ކަމަށް ސްޓާލިން ވަނީ ބުނެފަ އެވެ. ސިޓީ އާއި ލެސްޓާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.