Roadha Mihaaru
ގޭންގުތަކުން ކޯޓަށް ފަނޑިޔާރުން ކަނޑައަޅާ: ސުއޫދު

ގޭންގުތަކުން ކަނޑައަޅާ ފަނޑިޔާރުން ކޯޓުތަކުގައި އެބަތިބޭ: ސުއޫދު

30 ޑިސެމްބަރ 2018

ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާއި ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ގޭންގްތަކަށް ކޯޓާ ވެސް އޮންނަ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާއި ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ގޭންގްތަކަށް ކޯޓާ ވެސް އޮންނަ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ގަރާރަކުން އުފައްދާފައިވާ ކޮމިޝަނުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ސުއޫދު ވިދާޅުވީ ފަނޑިޔާރުންނާ ގޭންގްތަކާ ގުޅިގެން، މަރުގެ ބައެއް މައްސަލަތަކުގައި މީހުންގެ މައްޗަށް ކުށް ސާބިތު ނުކޮށްފައި ވެސް އެބަހުރި ކަމަށެވެެ.

ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައި ވެސް އެބަ ތިބި ކަމަށް ސުއޫދު ވިދާޅުވި އެވެ. ކޯޓަށް ނުފޫޒު ފޯރުވައިގެން ގޭންގުތަކުން ކުރާ ކަންތައްތައް ކަމަށް ސުއޫދު ތުހުމަތުކުރައްވާ ބައެއް ކަންތައްތައް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މައްސަލަތަކުގައި ބަންދުކުރަން ޖެހޭ ބައެއް މީހުން ބަންދުކުރުމުގެ އަމުރު ނެރެ ނުދިނުމާއި ބަންދުކުރަން ނުޖެހޭ މީހުން ބަންދުކުރުމުގެ އަމުރު ނެރުން ފަދަ ކަންތައްތައް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،" އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ޝަރުއީ ނިޒާމު މިހާރު އޮތް ގޮތުން ކޮމިޝަނުގެ ތަހުގީގަކީ ނަތީޖާއެއް ނުނެރެވޭ މަސައްކަތަކަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ވެސް އުއްމީދެއް ނެތް، އިތުބާރެއް ނެތް ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމާމެދު. އަޅުގަނޑުމެން ކިތަންމެ ރަނގަޅަކަށް ތަހުގީގުކޮށްފައި ފޮނުވިޔަސް ކްރިމިނަލް ކޯޓުގައި މިހާރު އެ ތިއްބެވި ގާޒީން، ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މަރުގެ ބައެއް މައްސަލަތައް އޮއްބާލުމަށް ގޭންގުތަކުން އެއްބަސްވުން ހަދައި، އެކި މީހުން ސަލާމަތްވާ ގޮތަށް ހެކިބަސްދީފައިވާ ކަމަށާއި އެފަދަ ކަންތައްތަކުގައި ފަނޑިޔާރުން ވެސް ޝާމިލުވެފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.