Roadha Mihaaru
ދެ މީހަކު ހޯދަން ރިޔާސީ ކޮމިޝަނުން އިއުލާން ކޮށްފި

ރިޔާސީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި

21 ޖެނުއަރީ 2019

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ ކޮމިޝަނުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ ކޮމިޝަނުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި، ހޯދަން އިއުލާން ކޮށްފައިވަނީ ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖެއްގައި ފެންނަ ދެ މީހެކެވެ. އެކަމަކު އެ ވީޑިއޯ ނުސާފުކަމުން އެ ދެ މީހުން މޫނު ފެންނަ ގޮތެއް ނުވެ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފުރަތަމަ މީހާ އިންނަނީ މަގެއްގެ އެއް ފަރާތު ސައިކަލުގައި މަޑުކޮށްލައިގެންނެވެ. އެ މީހާ އެގޮތަށް އިންނަތާ އިރުކޮޅެއް ފަހުން އެހެން ސައިކަލެއްގައި މީހަކު އައިސް، ފުރަތަމަ މީހާގެ ސައިކަލުގެ ފަހަތުގައި މަޑުކޮށްލަ އެވެ. ދެވަނަ މީހާ ސައިކަލުގައި އައިސް މަޑުކޮށްލުމާ އެކު، ފުރަތަމަ މީހާ ސައިކަލު ދުއްވާލާފައި އެތަނުން ދާތަން ފެނެ އެވެ.

އެކަމަކު އެއިން އެއްވެސް މީހެއްގެ މޫނެއް އަދި ސައިކަލުގެ ނަމްބަރު ވެސް އެ ވީޑިއޯއަކުން ސާފެއް ނުވެ އެވެ. އަދި އެއީ ކޮން ދުވަހެއްގެ ވީޑިއޯ ފުޓޭޖެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

ރިޔާސީ ކޮމިޝަންގެ ޓްވީޓް

ރިޔާސީ ކޮމިޝަނުން ބުނިގޮތުގައި އެ ދެ މީހުންނަކީ ވެސް އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުންނެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަަމަ، އެ ކޮމިޝަނަށް ގުޅައި އެ މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން އެދެ އެވެ. މިއީ އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.

ރިޔާސީ ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލަތައް މިހާރު ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި އިތުރު ބައެއް މަރުތައް ވެސް ހިމެނެ އެވެ. އެ ތަހުގީގުތަކަށް ބޭރުގެ އެހީތެރިކަން ހޯދަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.