Roadha Mihaaru
ރާއްޖޭގެ ޓެކްސްގެ ގާނޫނު ބަދަލުކުރަންޖެހޭ: ނަޝީދު

ރާއްޖޭގެ ޓެކްސްގެ ގާނޫނު ބަދަލުކުރަންޖެހޭ: ނަޝީދު

03 ޖެނުއަރީ 2019

ރާއްޖޭގައި މިހާރު އޮތް ޓެކްސްގެ ގާނޫނު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މިހާރު އޮތް ޓެކްސްގެ ގާނޫނު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ޓެކްސް ނެގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށްފަހު ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިޖުތިމާއީ ރައްކާތެރިކަން، ދޮށީ އުމުރުގެ މީހުންނަށް އެއްޗެއް ދެވޭގޮތް ވުން، އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް އަޅާލެވޭ ގޮތް ވުން. އަދި ނުކުޅެދޭ ފަރާތްތަކަށް ވެސް އިނާޔަތްތައް ދެވޭ ގޮތް ވުން. ސަރުކާރުގެ މުވައްޒަފުންނަށް ޕެންޝަނެއް ކަށަވަރު ކޮށްދިނުން. އިޖުތިމާއީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ލިބުނީ 2009 ވަނަ އަހަރު ރާއްޖޭގެ ޓެކްސްގެ ނިޒާމު ބަދަލުކުރެވުނު ހިސާބުން. ކުރިއަށް އޮތް މަޖިލީހުގައި ޓެކްސަށް ބަދަލު ގެންނަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން އެންމެ ފުރަތަމަ ވެރިކަމަށް އައިއިރު އެ އަހަރުގެ ބަޖެޓަކީ ހަތް ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ޓެކްސްގެ ނިޒާމަށް ގެނައި ބަދަލާ އެކީގައި ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ރަނގަޅުވެފައި އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާ ކަން ފާހަގަކުރެއްވި އެވެ.

"ބަދަލުވި އާމްދަނީއާ އެކުގައި ސަރުކާރަށް ހިންގެން ހުރި މަޝްރޫއުތައް ވެސް ވަނީ މާ ބޮޑަށް ގިނަވެފައި. ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ވިއަސް އަދި އެހެން ވަޒީފާގެ ފުރުސަތު ހޯދައިދޭ ފުރުސަތަކަށް ވިއަސް މިއަދުގެ ސަރުކާރަށް އެކަންކަން ކުރެވޭނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދުތައް އަކުރުން އަކުރަށް ފުއްދާނެ ކަމަށެވެ. އެ ވައުދު ފުއްދަން ކޮންމެހެން ބޭނުންވަނީ މަޖިލިސް މެޖޯރިޓީކަމަށާއި 2009 ވަނަ އަހަރު އަދި 2014 ވަނަ އަހަރު އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނުލިބުމުން ދެން ކަންތައް ދިމާވި ގޮތް ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލިސް މެޖޯރިޓީ ލިބުމުގެ މުހިއްމުކަން ބޮޑުވެގެން ދަނީ، މަޖިލިސް ނުލިބި ރައީސް އާއި ސަރުކަރަށް ލިބޭ ގެއްލުމާއި އަދި ލިބޭ ނިކަމެތިކަން ކަމަށާއި ގާނޫނީ ބާރުވެރިކަން ނެތި އެމްޑީޕީން ކުރާ އުއްމީދު ހަގީގަތަކަށް ނުހެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދެން އުފެދިގެން އަންނާނީ އިހުލާސްތެރި މަޖިލީހެއްކަމަށާއި އެ މަޖިލީހުގައި އެމަނިކުފާނު ވެސް އިންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަޝީދު ވަނީ، މިފަހަރު އަލަށް އުފައްދާ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ.

ރާއްޖޭގެ ފަނޑިޔާރުގެއަކީ އިތުބާރު ނުލިބޭ ތަނަކަށް ވާނަމަ ބޭރު މީހުން ރާއްޖެއަށް ފައިިސާ ހިފައިގެން ވިޔަފާރިކުރަން ނާންނާނެ ކަމަށާއި އަތުގައި ފައިސާ ހުންނަ މީހެއް ވެސް ވިޔަފާރި ކުރުމަށް ޖެހިލުންވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.