Roadha Mihaaru
ނަޝީދު ރުކުމާއަށް: "އަހުލާގު ދަސްކުރަން އެބަޖެހޭ"

ނަޝީދު ރުކުމާއަށް: "އަހުލާގު ދަސްކުރަން އެބަޖެހޭ"

05 މާޗް 2019

އެމްޑީޕީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުން އަމިއްލަ ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަހުލާގު ދަސްކުރެއްވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެމްޑީޕީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުން އަމިއްލަ ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަހުލާގު ދަސްކުރެއްވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދިލް ސަލީމްގެ ކެމްޕެއިންގައި މާފުށީގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ޕްރައިމަރީގައި އާދިލްއާ ވާދަކުރައްވައި ބަލިވި ކެންޑިޑޭޓް މިހާރު ވެސް އެމްޑީޕީއާ އެކު ހުރުމުން އެއީ ނަމޫނާއެއް ކަމަށް ވިދާޅުވެ ތައުރީފު ކުރައްވައިފަ އެވެ. އަދި އެ ނަމޫނާ ދަސް ކުރެއްވުމަށް ރުކުމާ އެ ރަށަށް ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ހެންވޭރު އުތުރު ދާއިރާގެ ކެންޑިޑޭޓަށް، އަޅުގަނޑުމެންގެ ބަލިވި ކެންޑިޑޭޓަށް، ރުކުމާ އަހުމަދަށް ދަންނަވާލަން ބޭނުން މާފުއްޓަށް ދުރުވެ މިތާ އުޅުއްވާލަންވީ ނޫންތޯއޭ ދުވަސްކޮޅަކު. އަހުލާގު ފަހަރެއްގައި ލިބިދާނޭ. ދުނިޔޭގައި އަޅުގަނޑުމެން ލެއްވީތީ ހަމަ އުޅޭކަށް ނުވާނެ. ކޮންމެވެސް ގޮތެއް ވެސް ހުންނަން ވާނެ،" އެމްޑީޕީން ވަކިވެ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ރުކުމާ އަށް ނިސްބަތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވާ ބޭނުން ނުވާ ކަމަށް ރުކުމާ ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވުމަށް ޕްރައިމަރީ ނާކާމިޔާބުވި މެމްބަރުން ތިއްބަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވި އެއްވެސް ބޭފުޅަކީ ގެއްލިދާނެ ބޭފުޅެއް ނޫން. އެއީ އަޅުގަނޑުމެން ސަރުކާރު ހިންގުމުގައި ވެސް ތިއްބަވާނެ ބޭފުޅުންނަކީ. އެއީ އަޅުގަނޑުމެންގެ މަޝްރޫތައް ވެސް ހިންގަން ތިބޭނެ މެމްބަރުންނަކީ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ބާރުވެރިކަމާ ގުޅޭގޮތުން ވެސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތަކީ ސްޕްރީމް ކޯޓޭ ހީވާފަހަރު އަންނަ ކަމަށާއި ނަމަވެސް ހަގީގީ އިސް ފަރާތަކީ ރައްޔިތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ދައުލަތުގެ، ދިވެހިރާއްޖޭގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ މާފުއްޓަކީ ތަރައްގީގެ ނަމޫނާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ރަށް ހިއްކުމަކީ ރަށުގެ ގިނަ ބައެއްގެ ހުވަފެނަކަށްވާއިރު ރަށުގެ ރައްޔިތުން އަމިއްލައަށް އެކަން ކުރެވޭނެ ގޮތަކަށް ހަމަޖެއްސުމަކީ އެމްޑީޕީން މަޖިލީހުގައި ކުރާނެ ކަންތައް ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ މާނައަކީ ކައުންސިލްތަކަށް ބާރުތައް ދިނުން ކަމަށް ބެލެވެ އެވެ.

ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ އެ ދާއިރާގެ މެމްބަރަކަށް ހުންނަވާތާ ދެ ދައުރު ވާއިރު އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފުއްޓަށް ކޮށްދީފައިވާ ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކުރިއަށް އޮތް އިންތިހާބުގައި އެ ދާއިރާގެ ޕީޕީއެމް ބޭފުޅުން ވެސް އާދިލަށް ވޯޓް ލުމަށް އެދިވަޑައިގެންފަ އެވެ.