Roadha Mihaaru

ފަނޑިޔާރުންނާ ގޭންގުތަކާ ގުުޅުން އޮތްތޯ ބަލަން ޖޭއެސްސީން ތަހުގީގެއް ފަށަނީ

ބައެއް ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ފަނޑިޔާރުންނާ ގޭންގުތަކާ ގުުޅުންއޮތްތޯ ޖޭއެސްސީން ބަލަނީ

ބައެއް ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ގޭންގްތަކުގެ ނުފޫޒުގައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ އެ ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށާއި ގޭންގްތަކާ ފަނޑިޔާރުންނާ ގުޅުން އޮތް ކަމަށް ވިދާޅުވެ، ސުއޫދު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށް ކޮމެޓީއެއް އެކުލަވާލައި، އެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ކޮމިޝަނުން ފަނޑިޔާރުން އައްޔަންކުރާ ގޮތާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެ ކޮމިޝަނަށް ދިނުމެއް ނެތި މީޑިއާގައި އެފަދަ ވާހަކައެއް އާންމުކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ. އަދި ފަނޑިޔާރުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރުހުންތެރިކަން އުފެދޭ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދައްކަން އިލްތިމާސް ކުރާ ކަމަށް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން ވެސް ކުރިން ވަނީ ސުއޫދު ދެއްކެވި ވާހަކަތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެކަމާބެހޭ މައުލޫމާތު އެ ކޯޓާ ހިއްސާ ކުރުމަށް އެދިފަ އެވެ.

ސުއޫދުގެ އެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެ ވާހަކަތަކަކީ ގައުމު ހަލަބޮލިކުރަން ދެއްކި ވާހަކަތަކެއް ކަމަށް އެ ކޯޓުން ކުރިން ވަނީ ބުނެފަ އެވެ.