Roadha Mihaaru
ކޮރަޕްޝަން ބަލާ ކޮމިޝަނުން މެމްބަރަކު އިސްތިއުފާދީފި

ކޮރަޕްޝަން ބަލާ ކޮމިޝަނުން މެމްބަރަކު އިސްތިއުފާ ދެއްވައިފި

27 ފެބުރުއަރީ 2020

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރު، އާސް އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރު، އާސް އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަނުގެ މެމްބަރަކަށް ހަމަޖައްސަވައި ދެއްވި ފުރުސަތަށް ރައީސަށް ޝުކުރު އަދާކުރައްވައި ޓުވީޓް ކުރެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު އޭނާ ވިދާޅެއް ނުވެ އެވެ. އޭނާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2018 ގަ އެވެ.

އާސް އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގައި މިހާރު ތިއްބަވާނީ ރައީސް އަހްމަދު އަސްއަދާއި ނަދީމް އިބްރާހީމާއި އައިމިނަތު ހަސަންގެ އިތުރުން ފާތުމަތު ސަރީރާ އެވެ.

މި މެމްބަރުންނާ ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. އެފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް ގާނޫނަކުން ވަނީ ދީފަ އެވެ.

މަރު ކޮމިޝަނެކޭ އެއްގޮތަށް އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ވެސް އާއްމުން އުއްމީދުކުރިހާ ބާރު ސްޕީޑުގައި ނުދާތީ ފާޑުކިއުން ބޮޑެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުން. --ފޮޓޯ/ރައީސް އޮފީސް

އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުން. --ފޮޓޯ/ރައީސް އޮފީސް

އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީއާ ގުޅޭ ތަހުގީގުކޮށް، ރައީސަށް ރިޕޯޓެއް ހުށަހަޅައިފަ އެވެ. އޭގައި، އެ ޚިޔާނާތުން ދައުލަތަށް ގެއްލުނު ކަމަށް އަންދާޒާ ކުރެވުނު މިންވަރާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ ރަށްތަކުގެ މައުލޫމާތު ތަފްސީލްކޮށްދީފައިވެ އެވެ. އެ ކޮމިޝަނުން ތަހުގީގުކުރާ އެހެން މައްސަލަތަކުގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެ އެވެ.