Roadha Mihaaru
ފެންވަރު ވަޒަންކުރުން ހަރުދަނާކުރާނަން: އެމްކިޔުއޭ

ފެންވަރު ވަޒަންކުރަން އެސައިންމަންޓަށް ބަރޯސާވުން ހަރުދަނާކުރާނަން: އެމްކިޔުއޭ

10 ޖެނުއަރީ 2019

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ދަރިވަރުންގެ ފެންވަރު ބެލުމަށް އެސައިމަންޓަށް ބަރޯސާވުން އިތުރުކަން ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަން ހައްލުކުރަން، ކޯސްތައް އެޕްރޫވްކުރާއިރު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ އާ ސީއީއޯ ޑރ. އަބްދުލް ހަންނާން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ދަރިވަރުންގެ ފެންވަރު ބެލުމަށް އެސައިމަންޓަށް ބަރޯސާވުން އިތުރުކަން ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަން ހައްލުކުރަން، ކޯސްތައް އެޕްރޫވްކުރާއިރު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ އާ ސީއީއޯ ޑރ. އަބްދުލް ހަންނާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ ފެންވަރު ދަށް ކަމަށް ވާހަކަ ދެކެވޭއިރު އެންމެ ގިނަ ބަޔަކު ފާހަގަކުރާ އެއް މައްސަލައަކީ ގޭގައި ހަދާ އެސައިމަންޓުތަކަށް ބަރޯސާވެ ސެޓްފިކެޓްތައް ދިނުމެވެ. ބައެއް ކޮލެޖްތަކުން ހަމައެކަނި އެސައިންމަންޓަށް މާސްކް ދީގެން ވެސް ސެޓްފިކެޓް ދެ އެވެ. ދަރިވަރުންގެ ނަމުގައި އެސައިމަންޓް ހަދައި ދިނުމަކީ ރާއްޖޭގައި މިހާރު ވިޔަފާރިއަކަށް ވެފައިވާ ކަމެކެވެ.

މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، އެމްކިއުޔޫގެ ސީއީއޯ ހަންނާން "މިހާރު" އަށް ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް އެ މީހުންގެ ފެންވަރު ބެލުމަށް ޓެސްޓްތައް ގިނަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މާސްޓާސްއިން ދަށް ލެވަލްގައި އެސައިމެންޓްތަކަށް ވުރެ އެގްޒާމްތައް އިތުރުކުރުމަށް މަސައްކަތް ކުރާނަން،" ހަންނާން ވިދާޅުވި އެވެ.

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހަންނާނެ

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހަންނާނެ

"ކޯސްތައް އެޕްރޫވް ކުރާއިރު އެމްކިޔުއޭއިން ބަލަންޖެހޭ ކަންކަން ބަލާފަ ހުއްދަ ދިނީމަ އެ ކަންކަން ރަނގަޅު ކުރެވޭނެ."

އެމްކިޔުއޭގެ މަސައްކަތްތައް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުން ހަންނާން ވިދާޅުވީ އެކަން ކުރާނީ ހަރުކަށިކަމާއެކު އަޅާ ފިޔަވަޅުތަކެއްގެ ބަދަލުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ރަނގަޅުކުރަން ޖެހޭ ކަންކަމުގެ އިރުޝާދު ދީގެން ކަމަށެވެ.

"އެމްކިޔުއޭއިން ކޮލެޖްތަކަށް ދޭންޖެހޭ ގައިޑެންސް ފުރިހަމަ ކުރީމަ އެންމެން ގުޅިގެން އެކަންކަން ހައްލު ކުރާނީ. މިކޮޅުގެ ޒިންމާ ވަރަށް ބޮޑު. މިނިމަމް ސްޓޭންޓްތަކެއް [ގައުމީ ސަނަދުގެ އޮނިގަނޑު] އޮންނައިރު އެކިފަހަރު އެކި ޖަވާބު ދޭތީ ގޯސް ވަނީ. އޭގެ ބަދަލުގައި އެކަންކަން ތަންފީޒު ކުރަން މަސައްކަތް ކުރީމާ ހައްލުވާން އޮތީ،"

އެމްކިޔުއޭ ބާރުވެރިކޮށް ހަރުދަނާ ކުރުމަށްޓަކައި ހާއްސަ ބިލެއް މިސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު ކުރިއަށް އޮތްތަނުގައި އެތަނުގެ މަސައްކަތްތައް ރަނގަޅު ވެގެން އަންނާނެ ކަމަށް ވެސް ހަންނާން ވިދާޅުވި އެވެ.

މަހަކު ދެތިން ދުވަހު ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ކިޔަވަން އަންނަން ޖެހޭގޮތަށް ހިންގާ ބްލޮކް މޯޑް ކޯސްތަކާއި އޮންލައިންކޮށް ކިޔަވާ ވާޗުއަލް ކޯސްތައް ރާއްޖޭގައި ވަރަށް ގިނަ އެވެ. އެއީ އެކަށީގެންވާ ގޮތަކަށް ކިޔަވައިދިނުމުގެ ބަދަލުގައި ގިނަ ބަޔަކަށް ސެޓްފިކެޓު ދިނުމަށް ހިންގާ ކޯސްތަކެއް ކަމަށް ބުނެ ފާޑުކިޔުންތައް އިތުރެވެ.

އެ މައްސަލައާ ގުޅޭގޮތުން ހަންނާން ވިދާޅުވީ އެ ދެ ގޮތަށް ކިޔަވައިދިނުން ރާއްޖޭގައި މިހާރު އާއްމު ކަމަކަށް ހަދާފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމުގައި ގަބޫލު ނުކުރެވޭ ކަންކަން ހުންނަ ކަމަށް ހަންނާން ވިދާޅުވި އެވެ.

"މަދު ދުވަހެއްގައި ކޮލެޖަށް ނުވަތަ ޔުނިވާސިޓީ އަށް އައިސް އެއްފަހަރާ ގިނަ އެއްޗެހިތަކެއް މިކިޔަވައި ދެނީ. ކުދިންނަށް އެ އެއްޗެހި އެނގުނުތޯ ނުވަތަ ނޭނގޭތޯ ރަނގަޅަކަށް ނުބެލޭ. އޭގެ ސަބަބުން ކުދިންގެ ފެންވަރު ދަށްކަމުގެ ވާހަކަ މިދެކެވެނީ. އެހެންކަމުން އެފަދަ ކޯސްތަކުގެ ނިސްބަތް މަދުކުރަން ޖެހޭ،" އެމްކިޔުއޭގެ އިސްމަގާމުތައް ވެސް ކުރިން ފުރުއްވާފައިވާ އަދި ޓިވެޓްގެ ސީއީއޯކަން ވެސް ކުރެއްވި ހައްނާން ވިދާޅުވި އެވެ.

ކިޔެވުމަށް ގިނަ ވަގުތު ދިނުމުގެ ބަދަލުގައި އެހެންކަންކަމުގައި އުޅެފައި ލިބޭ ހުސްވަގުތުގައި ކިޔަވާ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ހަންނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ޔުނިވާސިޓީ ނުވަތަ ކޮލެޖުގައި ގިނަ ވަގުތު ހޭދަކުރާގޮތަށް ހިންގާ ކޯސްތައް އިތުރުކުރަންޖެހެ އެވެ.

އެކި މުއައްސަސާތަކުން ހިންގާ އިންސްޓްޓިއުޓްތަކުގައި ހިންގާ ކޯސްތަކުގެ ފެންވަރު ވެސް ޔަގީންކުރަން ޖެހިފައިވާ ކަމަށް، 2004 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އެކްރެޑިޓް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ހައްނާން ވިދާޅުވި އެވެ.