Roadha Mihaaru
ދަރަނި އޮއްވައި ޕާޓީ ދޫކޮށް ދިއުމަކީ ސަގާފަތް: އަދުރޭ

ދަރަނި އޮއްވައި ޕާޓީ ދޫކޮށް ދިއުމަކީ ރާއްޖޭގެ ސަގާފަތް: އަދުރޭ

09 ޖެނުއަރީ 2019

ޕާޓީގެ ދަރަނި އޮއްވައި ލީޑަޝިޕް ޕާޓީ ދޫކޮށް ދިއުމަކީ ރާއްްޖޭގެ ސަގާފަތް ކަމަށާއި ޕީޕީއެމްގެ ދަރަނީގެ ވާހަކަ ދައްކާކަށް ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި އެޕާޓީގެ މެމްބަރު ކަމުން ދާދި ފަހުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީއާ ގުޅިވަޑައިގެންނެވި އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޕާޓީގެ ދަރަނި އޮއްވައި ލީޑަޝިޕް ޕާޓީ ދޫކޮށް ދިއުމަކީ ރާއްްޖޭގެ ސަގާފަތް ކަމަށާއި ޕީޕީއެމްގެ ދަރަނީގެ ވާހަކަ ދައްކާކަށް ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި އެޕާޓީގެ މެމްބަރު ކަމުން ދާދި ފަހުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީއާ ގުޅިވަޑައިގެންނެވި އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބުދުއްރަހީމް އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އަބުދުއް ރަހީމް ވިދާޅުވީ ދަރަނި އޮއްވައި ޕާޓީ ދޫކޮށް ދިއުމަށް ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށެވެ.

ޕީޕީއެމް ވެރިކަމުގައި އޮވެ، އެޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ކުރެއްވި ކެމްޕޭނުގައި އެޕާޓީން ވަނީ ބޮޑެތި ހަރަދުތަކެއް ދަރަންޏަށް ކޮށްފައެވެ. އެގޮތުން އޭރު ކުރިދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް 3.8 މިލިޔަން ރުފިޔާ ނުދައްކާ އެބަ އޮތެވެ.

"މިސަގާފަތަކީ މާކުރިން އަޅުގަނޑުގެމެންގެ ވަރަށް ބޮޑެތި ބޭބޭފުޅުން ދަސްކޮށްދެއްވާފައި އޮތް ސަގާފަތެއް ރާއްޖޭގައި،" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީ ދޫކުރައްވައި ކުރީގެ ރައީސް މައުމޫނު އަބުދުއް ގައްޔޫމު ވަޑައިގެންނެވި އިރު އެޕާޓީގެ ދަރަނީގެ ގޮތުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތް ކަމަށާއި އޭގެ ފަހުން އެޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި އަހުމަދު ތަސްމީން އަލީ އެޕާޓީ ދޫކުރައްވައި ވަޑައިގެންނެވި އިރު ވެސް އެ ދަރަނި އޮތް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ދަރަންޏެއް އޮއްވައި ލީޑަޝިޕްގެ ބޭފުޅަކަށް ނުވަތަ އާއްމު މެމްބަރަކަށް ވެސް ޕާޓީ ދޫކޮށް ނުދެވޭނެ ކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ނެތް ކަމަށެވެ.

ޕީއެންސީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް އެޕާޓީ ވެގެން ދާނެ ކަމަށެވެ. އެޕާޓީން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ދޫކޮށް އެޕާޓީގެ ލީޑަޝިޕުން އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި އިރު އެއީ ރާއްޖޭގައި މެމްބަރުން އެންމެ ގިނަ އެއް ޕާޓީއެވެ. ޕީޕީއެމްގައި 48،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކަ އެވެ.

ޕީއެންސީން މިއަދު ވަނީ 4،000 އަށް ވުރެ ގިނަ ފޯމް އިލެކްޝަންސް އަށް ހުށަހަޅައިފަ އެވެ.