Roadha Mihaaru
ޕީއެންސީ ރަޖިސްޓްރީ ނުކޮށްދެނީ ޒާތީވެގެން: އަދުރޭ

ޕީއެންސީ ރަޖިސްޓްރީ ނުކޮށްދެނީ ޒާތީވެގެން: އަދުރޭ

23 ޖެނުއަރީ 2019

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ލަސްކުރަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނަށް ފާޑުކިޔުމުން އެކަމާ ޒާތީވެގެން ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ލަސްކުރަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނަށް ފާޑުކިޔުމުން އެކަމާ ޒާތީވެގެން ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް 5،100 ފޯމް ހުށަހެޅުމުން އޭގެ ތެރެއިން ސައްހަ ކަމަށް އީސީން ކަނޑައަޅާފައިވަނީ 2،300 ފޯމް ކަމަށެވެ. ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން ހުއްދަ ހޯދަން އެ ޕާޓީގައި 3،000 މެމްބަރުން ހަމަކުރަން ޖެހެ އެވެ.

އަދުރޭ ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ކޮށްދިނުން ލަސްވާ ސަބަބާ ގުޅޭގޮތުން އީސީގެ މެމްބަރު އިސްމާއިލް ހަބީބާ އޭނާ މިއަދު ސުވާލު ކުރެއްވުމުން "އެއީ ޖެއްސުމުގެ އަމަލެއް" ކަމަށް ހަބީބު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އެ މައްސަލައިގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"ހަބީބް އެއްބަސްވެ ވަޑައިގެންނެވި މިއީ، އުސޫލީ މައްސަލައެއް ނޫން ކަމަށް. މިއީ ޒާތީ މައްސަލައެއް ކަމަށް،" އަދުރޭ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕީއެންސީ އާއި އެހެން ޕާޓީތައް ތަފާތުކުރަމުންދާ ކަމުގެ މިސާލެއްގެ ގޮތުން އަދުރޭ ދެއްކެވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ޕާޓީއެއް އުފައްދަން 24 ގަޑިއިރު ނުވަނީސް ހުއްދަ ދެއްވުމެވެ. އެމްޓީޑީ އުފައްދަން 3،333 ފޯމާއެކު ހުށަހެޅިތާ އެއް ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އެހެން ޕާޓީތަކަށް ސޮއިކުރާ މެމްބަރުންނާ ހިލާފަށް ޕީއެންސީއަށް ސޮއިކުރި ހުރިހާ މެމްބަރުންނަށް ގުޅައިގެން ފޯމް ސައްހަތޯ ބަލަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އިލެކްޝަނުން ދީފައިވާ ޖަވާބަކީ ހުށަހެޅިފައިވާ ޝަކުވާތަކެއްގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވި އެވެ. އެ ޕާޓީއަށް ސޮއިކުރި މެމްބަރަށް އީސީން ގުޅާއިރު ފޯން ނުނަގާނަމަ އެ ފޯމެއް ބާތިލް ކުރާ ކަމަށާއި ގުޅާ ކޮންމެ ވަގުތަކު ފޯން ނެގުމަކީ ވާނެ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މިއަދުގެ ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޕީއެންސީ ރަޖިސްޓްރީ ނުކޮށްދޭ އީސީން މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ބޭފުޅުން މަޖިލީހަށް ވާދަ ކުރުމަށް ހުރަސް އެޅުމަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އީސީން އަންގާފައި ވަނީ ޕާޓީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރުމަށް ބާއްވާ ޕްރައިމަރީތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ ކަމަށެވެ.

ޕީޕީއެމްގެ ބަލަދުވެރި ފަރާތްކަނޑައެޅުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޓިކެޓް ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނަށް ކުރިން ވަނީ ދީފަ އެވެ. އެކަމަކު އެ ބޭފުޅުން ވާދަކުރައްވާނީ ޕީޕީއެމުންތޯ ނުވަތަ ޕީއެންސީންތޯ ކަނޑައަޅާނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމުމުންނެވެ.

ޕީއެންސީގެ ނަމުގައި ކުރީގެ ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަނީ، އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި ޕީޕީއެމްގައި އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ހެދި، އެ ޕާޓީ މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވުމުންނެވެ.