Roadha Mihaaru
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"

ވަޒީރުކަމުގައި ވެސް ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން: އަބްދުއްރަހީމް

11 ސެޕްޓެމްބަރ 2021

އާ ސިޔާސީ ޕާޓީއެއް އުފައްދަން މިހާރު މަސައްކަތް ފައްޓަވާފައިވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީރުކަން ދެއްވުމުން އުޅުއްވީ ރިޔާސީ ކެންޑިޑޭޓްކަން ހޯއްދަވަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާ ސިޔާސީ ޕާޓީއެއް އުފައްދަން މިހާރު މަސައްކަތް ފައްޓަވާފައިވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީރުކަން ދެއްވުމުން އުޅުއްވީ ރިޔާސީ ކެންޑިޑޭޓްކަން ހޯއްދަވަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްކޮށް ތިއްބަވައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ނާޒިމަށް ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގަތީ އޭނާގެ ހުރި ގާބިލު ކަމެއްގެ ސަބަބުން ނޫން ކަމަށެވެ. އެ މަގާމު ދެއްވުމުން ނާޒިމް މަސައްކަތް ކުރެއްވީ ރައީސް އޮފީހުގެ ތެރޭގައި އިންނަވައިގެން ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވުމަށް ކަމަށާއި އެކަމަށް ހުރަސް އެޅުއްވީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަބަދުވެސް ރައީސް އޮފީހުގައި އުޅުއްވަމުން ގެންދެވީ. ހަވާލު ކުރައްވާފައި ހުރި މިނިސްޓްރީ އަށް ވުރެ ބޮޑަށް މަސައްކަތް ކުރަން އުޅުއްވީ ރައީސް އޮފީހުގައި. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިތުބާރު އޮތް މިނިސްޓަރު ކަމަށް ދެއްކިގެން އެހެން މީހުންނަށް އޭނާއަކީ މާ ބޮޑު މީހެއް ކަމަށް ހީކުރުވައިގެން ދެން އަންނަ ރިޔާސީ އިންތިޚާބަކަށް ތައްޔާރުވުމުގެ މަސައްކަތް ކުރެއްވީ،" އިދިކޮޅު ޕީޕީއެމް ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ފުރުސަތު ރައީސް ޔާމީން [ނާޒިމަށް] ނުދެއްވީ."

ނާޒިމް، ޖޭޕީ އަށް ސޮއިކުރެއްވުމަށް 2018 ގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ އާއި ރިޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު

ނާޒިމް، ޖޭޕީ އަށް ސޮއިކުރެއްވުމަށް 2018 ގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ އާއި ރިޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލައިގައި ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން ނާޒިމް ދުރުކުރެއްވީ އެކަމާ ދެކޮޅަށް ސިފައިން ނެރެން ނާޒިމް މަސައްކަތް ކުރެއްވުމުންނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ނާޒިމަށް ޑިފެންސް މިނިސްޓަރުކަން ދެއްވީ ވެސް ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، ޕީޕީއެމަކީ ކުޅޭކުޅޭ ޕާޓީއަކަށް ނާޒިމް ހީކުރައްވައިގެން ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހޯމް މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމަށް ކަމަށެވެ. އަދި އެ މަގާމު އޭނާ އަށް ދެއްވަން ޔާމީން ވެސް އޭރު އެއްބަސްވެވަޑައިގަތް ކަމަށާއި އެކަމަކު މަގާމު ލިބިވަޑައިނުގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސް ނުވުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަބްދުﷲ ރިޔާޒަށް މިވީ ދެ މީދާ ފެހި ބުޅަލަށް ވީ ވަރު. ހޯމް މިނިސްޓަރުކަން ވެސް ލިބިވަޑައިނުގަތީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް ލިބިވަޑައިނުގަތީ. ރަށް މެދަށް ބޭޒާރުވީ. އެއީކީ އެއްގޮތަކަށް ވެސް ރައީސް އަބްދުﷲ ޔާމީން ދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާޒިމާއި ރިޔާޒާއި އަތޮޅުތަކަށް ވަޑައިގެން ޔާމީނަށް ފާޑު ވިދާޅުވާންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުން އިސްވެ ތިއްބަވައިިގެން އަލަށް އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއަށް މެމްބަރުން ހަމަނުވެގެން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ފާޑުވިދާޅުވުން ނާޒިމަށް އަމާޒުވިއިރު، ނާޒިމް ވަނީ ޔާމީނަކީ ކަންނެތް ބޭފުޅެއް ކަމަށް ވިދާޅުވެ، ބަހުގެ ހަމަލަތަކެއް ދެއްވައިފަ އެވެ.