Roadha Mihaaru
އަދަބު ލުއިކުރަން އުސޫލާ ޚިލާފަށް ހުށަހެޅިޔަސް ނުބަލާނެ

އަދަބަށް ލުއިދޭން އުސޫލާ ޚިލާފަށް ހުށަހަޅާ ނަމަ ބަލައެއްނުގަންނާނެ: ރައީސް އޮފީސް

12 ޖެނުއަރީ 2019

ކުށްވެރިންނަށް މައާފު ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި އުސޫލުތަކާ ޚިލާފަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުށްވެރިންނަށް މައާފު ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި އުސޫލުތަކާ ޚިލާފަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މައާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި ރައީސް އޮފީހަށް ސިޓީތައް ހުށަހެޅުން އިތުރުވަމުން އަންނަ ކަމަށެވެ. އެކަމަކު އެފަދަ ހުށަހެޅުންތަކަކީ އެކަމަށް ވަކި ޚާއްސަ ފޯމަކުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މައާފް ދިނުމުގައި ނުވަތަ އަދަބު ލުއިކޮށް ދިނުމާ މެދު ދިރާސާ ކުރުމާއި އެކަމުގައި ރައީސަށް ލަފާ އަރުވާ ފަރާތަކީ ކްލެމެންސީ ބޯޑު ކަން ވެސް އެ އިއުލާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ބޯޑަށް އެކަން ހުށަހެޅުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭ ކަން ވެސް އެ އިއުލާނުގައިވެ އެވެ.

އެގޮތުން ހުކުމުގެ ހަތަރު ބައި ކުޅަ އެއް ބައި ތަންފީޒުވެފައި ވުމާ އެކު އިސްތިއުނާފްގެ ފުރުސަތު ބަންދުވެފައި އޮތުން ނުވަތަ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައި އޮތުމަކީ ވެސް ޝަރުތެއް ކަމަށް އިއުލާނުގައިވެ އެވެ، އަދި އެ ޝަރުތުތައް ފުރިހަމަ ނުވާ ހުށަހެޅުންތައް ކްލެމެންސީ ބޯޑުން ބަލައި ނުގަންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.