ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މީގެ 10 އަހަރު ކުރިން ވަޅިން ހަމަލާދިން މައްސަލާގައި ޖަލަށްލާފައިވާ މީހާގެ އަދަބު ލުއިކޮށް ދިނުމަށް މައުމޫންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކްލެމެންސީ ބޯޑަށް އެމަނިކުފާނު އަންގަަވައިފި އެވެ.
17 ސެޕްޓެމްބަރ 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މީގެ 10 އަހަރު ކުރިން ވަޅިން ހަމަލާދިން މައްސަލާގައި ޖަލަށްލާފައިވާ މީހާގެ އަދަބު ލުއިކޮށް ދިނުމަށް މައުމޫންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކްލެމެންސީ ބޯޑަށް އެމަނިކުފާނު އަންގަަވައިފި އެވެ.
ރައީސް ކަމުގައި ހުންނަވައިގެން މެއި، 2008 ގައި މައުމޫން ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނަށް ވަޅިން ހަމަލާދިން މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެރަށު ކިނާރާ، މުހައްމަދު މުރުޝިދުގެ މައްޗަށެވެ.
މައުމޫން އެރަށުގައި އާންމު ރައްޔިތުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް އަމާޒުކުރި ހަމަލާއިން މައުމޫން ސަލާމަތްވެ ވަޑައިގަތީ އެވަގުތު އެތަނުގައި ހުރި ސްކައުޓް ކުއްޖެއް ކަމަށްވާ މުހައްމަދު ޖައިޝަމު ހުރަސް އެޅުމުންނެވެ. އެ ހާދިސާގައި ޖައިޝަމްގެ އަތް ވަރަށް ބޮޑަށް ޒަހަމްވި އެވެ.
ހަމަލާ ދިން މައްސަލާގައި މުރުޝިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާގެ މައްޗަށް އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ އޭރު އަމަލުކުރި ގާނޫނުލް އުގޫބާތުގެ 34 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއް ދޭން ރޭވުމުގެ ކުށުގައި 12 އަހަރަށް ޖަލަށްލުމަށް އަދި ތޫނު އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ކުށުގައި އެ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އިތުރު އެއް އަހަރަށް ޖަލަށްލުމަށެވެ.
މުރުޝިދަށް މައާފް ދިނުމަށް ނުވަތަ އޭނާގެ އަދަބު ލުއިކޮށް ދިނުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް، ޖަލުގައި ހުންނެވި މައުމޫންގެ ފަރާތުން ކްލެމެންސީ ބޯޑަށް އެންގެވީ އެކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން ކްލެމެންސީ ބޯޑުން އެދުމުން ކަމަށް މައުމޫންގެ ވަކީލުން ބުންޏެވެ.
"އަނިޔާ ލިބުނު ފަރާތެއް ހުރި ނަމަ އެ މީހަކު ދެކޭ ގޮތެއް ހޯދަން ކްލެމެންސީ ބޯޑުން އެދޭނެ. އެގޮތަށް އެދުނީމަ އެކަމުގައި އެމަނިކުފާނުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ހަފުތާއެއްހާ ދުވަސް ކުރިން ރައީސް މައުމޫން ސޮއި ކުރައްވައި، ލިޔުމުން ވަނީ އަންގަވާފައި،" މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ އެރުވުމަށް އުފެދިފައި އޮންނަ ބޯޑެކެވެ.
މުރުޝިދުގެ އަދަބު ލުއިކޮށް ދިނުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް މައުމޫން އެންގެވިއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މައުމޫންގެ މައްޗަށް ދައުލަތުން ކުރެ އެވެ.
އަދަބު ލުއިކުރަން އުސޫލާ ޚިލާފަށް ހުށަހެޅިޔަސް ނުބަލާނެ
މައުމޫނަށް ހުކުމްކުރި މައްސަލައިގެ ރިޕޯޓް ދޫކޮށްފި
"މައުމޫންގެ ހާލަތާ މެދު އިހުމާލުވުމަކީ ޓޯޗާގެ އަމަލެއް"
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދެނީ
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
އިބޫ 256 މީހަކަށް މާފު ދިން، ރައީސް މުއިއްޒު 13
ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކޮށްފި
ރާއްޖޭގައި މަރުގެ އަދަބު ދޭކަށް ނުފެނޭ: މައުމޫން
ކުށްވެރިން ދޫކޮށްލުމުން ކުށްތައް އިތުރުވި