Roadha Mihaaru
ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހެއް

ކުރީގެ ރައީސުން މަޖިލީހަށް ވާދަ ނުކުރެއްވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

14 ޖެނުއަރީ 2019

ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ފޮނުވި އިރު، އަންނަ އޭޕްރީލް މަހު އޮންނަ މި އަހަރުގެ ރައްޔިތުންގެ އިންތިޚާބަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެއާ އެކު، ކުރީގެ ރައީސް ޔާމީން ވެސް މަޖިލިހުގެ އިންތިޚާބަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަން ދާދި ފަހުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައިވެ އެވެ. ވާދަކުރައްވާނެ ކަމަށް ސީދާ ވިދާޅު ނުވެ ޔާމީން ވިދާވެފައި ވަނީ ވަގުތު ޖެހުމުން އެކަން ނިންމަވާނެ ކަމަށެވެ.

ލަތީފް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަށް ވަނަ މާއްދާގެ ނ. އަށް ނަމްބަރެއް އިތުރު ކުރާށެވެ.

އިންތިހާބުގައި ވާދަ ނުކުރެވޭނެ ފަރާތްތައް ބަޔާންކުރާ އެ މާއްދާގެ ފަސް ވަނަ ނަމްބަރަކަށް ލަތީފް ހުށަހެޅުއްވީ "ރައީސްކަން ކޮށްފައިވާ ފަރާތަކަށް ވުން" މި ޝަރުތެވެ.

އެ ގާނޫނު މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ މީހުންގެ ތެރޭގައި ފަނޑިޔާރުން ހިމެނެ އެވެ.

ލަތީފް "މިހާރު" އަށް މިރޭ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ރައީސް ކަން ކުރެއްވި ބޭފުޅުންނަކީ ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ޚާއްސަ އިއްޒަތަކާއި ޝަރަފެއް ލިބިދީފައިވާ ބޭފުޅުންނަށް ވާތީ އެ އަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވުމުން އެ ޝަރަފަށް އުނިކަން އަންނާނެތީ ކަމަށެވެ. "ގާނޫނުއަސާސީ ބުނާ ގޮތުން ވެސް އެހާ ބޮޑަށް ތަންދޭ ކަމެއް ނޫން އެއީ. އެ ބޭފުޅުންނަށް ވަރަށް ބޮޑެތި އިނާޔަތްތަކާއި ރައްކާތެރިކަމާއި ޝަރަފެއް ދީފައި އެ ތިއްބަވަނީ ޝަރަފާއި އިއްޒަތުގައި ތިއްބަވަން،" އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި އެފަދަ ޝަރަފަކާއި އިއްޒަތެއް ދީފައި ވަނިކޮށް ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވަން އުޅުއްވަނީ ކޮން މަގުސަދެއްގައި ތޯ އޭނާ އަށް ސުވާލު އުފެދެ އެވެ. ކުރީގެ ރައީސުން ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންފުޅު ނަމަ އެ މަސަައްކަތް ކުރެއްވޭނެ އިންތިޒާމް ވެސް ދައުލަތުން ހަމަޖައްސަައި ދީފައިވާކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

"އެ ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވެވަޑައިގަންނަވާ ނަމަ އެ މަސައްކަތް ކުރައްވަން އޮފީސް ހިންގެވުމުގެ ޚަރަދުވެސް ދަލަތުން އެބަ ދޭ. އެހެންވީމާ ސުވާލު އުފެދޭ އެފަދަ ބޭފުޅުން ކުރިމަތި ލައްވަންޏާ،" ލަތީފް ވިދާޅުވި އެވެ. ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލިހުން ފުރުސަތު ގެއްލޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ލަތީފް ވިދާޅުވި ގޮތުގައި، ވަކި ބޭފުޅަކަށް އަމާޒުކޮށްގެންނެއް ވެސް ނޫނެވެ. ނަމަވެސް ކުރީގެ ރައީސުންތަކެއް ކުރިމަތިލައްވަން އުޅުއްވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުން އެ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިވަޑައިގެންނެވުމަށް ހުރަސް އެޅޭ ކަމަށް ލަތީފު ދެކެވަޑައިގަންނަ ވަ އެވެ.

"އެ ބޭފުޅުންނަށް އެބަ އޮވޭ ސަލާމަތާއި ރައްކާތެރިކަމާއި ޝަރަފުގެ ގޮތުން އެހެން އެއްވެސް ބޭފުޅަކަށް ނޯންނަ އިމްތިޔާޒުތައް. އެހެންވީމާ ހަމަހަމަ ފުރުސަތަށް ވެސް ހުރަސް އެޅޭ،" ލަތީފް ވިދާޅުވި އެވެ.

"ވަރަށް ޔަގީންކަން އެބައޮތް މި އިސްލާހު ފާސް ވާނެ ކަމުގެ،" އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު، ނަޝީދުގެ އެމްޑީޕީގެ މެމްބަރުންގެ ވޯޓު ނުލިބުނަސް އެހެން ޕާޓީތަކުގެ މެމްބަރުންގެ ވޯޓާ އެކު ލަތީފްގެ އިސްލާހު ފާސްވާނެ އެވެ. އެކަމަކު، މަޖިލިހުގެ މިހާރުގެ އަޣުލަބިއްޔަތު ޕާޓީ އަދި ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނީ ލަތީފްގެ އިސްލާހު މަޖިލިހަށް ފޮނުއްވީ އެ ޕާޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.