Roadha Mihaaru
ލަތީފްގެ އަމަލަކީ ނަޝީދަށް ފުރައްސާރަ ކުރުން: އެމްޑީޕީ

ލަތީފްގެ އިސްލާހު އަނބުރާ ނެގުމުގައި ޖޭޕީން އިސް ދައުރެއް އަދާކުރުމަށް އެމްޑީޕީން ގޮވާލައިފި

18 ޖެނުއަރީ 2019

ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ކަނޑައެޅުމަށް ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލިހަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެނައުމުގައި ޖޭޕީން އިސް ދައުރެއް އަދާކުރުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ކަނޑައެޅުމަށް ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލިހަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެނައުމުގައި ޖޭޕީން އިސް ދައުރެއް އަދާކުރުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް އިސްލާހު ހުށަހެޅުއްވީ ނަޝީދަށް ފުރުސަތު ބަންދު ކުރުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ. އެކަމަކު، ލަތީފް އެކަން ގަބޫލެއް ނުކުރައްވަ އެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިސްލާހު އަނބުރާ ނެގުމަށް ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް އެންގެވި ނަމަވެސް އެކަމަކަށް ލަތީފް މިހާތަނަށް އިޖާބައެއް ނުދެއްވި އެވެ. ޖޭޕީން ބުނާ ގޮތުގައި ލަތީފް އިސްލާހު ހުށަހެޅުއްވީ އެ ޕާޓީއާ މަޝްވަރާ ކުރެއްވުމެއް ނެތި އެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ނަޝީދަށް އަމާޒުކޮށް، ލަތީފް ހުށަހެޅުއްވި އިސްލާހެއް ކަމަށާއި އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާ ކަމަށެވެ. އަދި ޖޭޕީގެ ލީޑަޝިޕުން އެކަން ކަށަވަރު ކޮށްދިނުމަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"އަދި މިފަދަ އަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަހަތު ނުގެއްލޭ ގޮތަށް އަމަލު ކުރެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީގެ ބަޔާނުގައި ވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހަށް ކުރިމަތި ނުލެއްވޭ ގޮތަށް ލަތީފް އިސްލާހު ހުށަހެޅުއްވީ ނަޝީދަށް ފުރައްސާރަ ކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތު ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، އިތުރު ޝަރުތުތަކެއް ކަނޑައަޅަން ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ކުރީގެ ރައީސް ނަޝީދާއި މެމްބަރު ލަތީފް.

ކުރީގެ ރައީސް ނަޝީދާއި މެމްބަރު ލަތީފް.

"އަދި އެއީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތް ކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ޚިލާފު އަމަލެކެވެ،" އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން އަދި ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަތީފާ މެދު ހިންގި ކަންކަމުގެ ޝިކާރަ އަކަށް ވެ އެ ކަންކަމުން ހިންދެމިލުމާ އެކު، އެހެން މީހުންގެ ސިޔާސީ ހައްގުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ލަތީފް ދެކެވަޑައިގަތުމަކީ ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

ލަތީފްގެ އިސްލާހު އަނބުރާ ނުނަންގަވައި، މަޖިލިހުގައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ، ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ، މަޖިލިހުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީ އާއި ޖޭޕީގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ފެށިފައި ވުމާއި އަދި މަޖިލިހުގައި ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު އެމްޑީޕީގެ ބައިވެރިވުމެއް ނެތި ވެސް އިސްލާހު ފާސްވުމުގެ ފުރުސަތު ބޮޑުވުމެވެ.