Roadha Mihaaru
ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް

ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް

16 ޖެނުއަރީ 2019

ސިޔާސީ ޕާޓީ އުފެއްދުމާއި އެހެނިހެން ފުރުސަތުތައް ވެސް ގާނޫނުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިޔާސީ ޕާޓީ އުފެއްދުމާއި އެހެނިހެން ފުރުސަތުތައް ވެސް ގާނޫނުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް އެގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުގެ ތެރެއިންނެވެ.

ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހައްޔަރު ކުރުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަނުގައި ދިރިއުޅުއްވި ގާސިމް ވިދާޅުވީ ޔާމީނަށް އަނިޔާއެއް ލިބެން އެދިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުގައި ވެސް ޔާމީނާ މެދު ކަންކަން ކުރެވެން ޖެހޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޔާމީނަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހެ އެވެ. އެގޮތުން، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޔާމީން އުޅުއްވާއިރު، އެ ކަމަށް ހުރަސް އެޅުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަޖިސްޓަރީ ކުރަން ޕާޓީއެއް ހުށަހެޅީމާ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހިފަހައްޓައި [ހެދުމަކީ] އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. ގާނޫނުގެތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގުތައް ދޭން ޖެހޭނެ. ވަކި މީހެއްގެ ގައުމެއް ނޫން މި ގައުމަކީ،" ޔާމީންގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވި އެވެ.

މިރޭހެ ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭހެ ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބެލެނިވެރިކަމާ މެދު ސުވާލު އުފެދިފައިވާ ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޕީޕީއެމްގެ ދަރަނިތައް އޮއްވައި އެހެން އާ ޕާޓީއެއް ނުއުފެއްދޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރައްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ޕީއެންސީ ރަޖިސްޓަރީ ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެކަމުގައި އިސްވެ ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޔާމީން ވެސް ކުށެއް ކުރައްވާފައިވާ ނަމަ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި ވަކި ކަމެއް ވަކި ގޮތަކަށް ބައްޓަން ކޮށްގެން ކަންކަން ކުރުމަކީ ގަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބަދަލު ހިފަން އުޅެގެން ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެކަމަކު، އެ ފަދަ ކަމެއް މިހާރު ހިނގަމުންދާ ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު، ޔާމީންގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ މައްސަލަތަކުގެ ތަހުގީގަށް އެމަނިކުފާނު ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ.