Roadha Mihaaru
ޔާމީން ހައްޔަރުކުރުމުން އުފާކުރުމާ ގާސިމް ދެކޮޅު!

ޔާމީން ހައްޔަރުކޮށްގެން ޖޭޕީން އުފާކުރުމާ ގާސިމް ދެކޮޅު!

19 ފެބުރުއަރީ 2019

މަނީ ލޯންޑަރިން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން އުފާކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަނީ ލޯންޑަރިން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން އުފާކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް މިހެން ވިދާޅުވީ، ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރުމުގެ އުފަލުގައި ބޮނޑިބަތް ކެއުމުގެ ހަފުލާއެއް ކުނޫޒުގައި ރޭ އޮންނާނެ ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވުމުންނެވެ.

ގާސިމްގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކައުންސިލް މެމްބަރަކު އެހެން ވިދާޅުވުމާ ގުޅިގެން ގާސިމް އޭގެ ރައްދުގައި ވިދާޅުވީ، ޔާމީން ޖަލަށްލުމުން ޖޭޕީގެ މެމްބަރުން އުފާކުރުން ރަނގަޅު ނޫން ކަމަށެވެ.

"ކޮންކަމަކާ އުފާ ފާޅުކުރަން. ކުނޫޒުގައި ނޫނީ އެހެން ތަނެއްގައި ވެސް ޖޭޕީގެ ނަމުގައި ޖޭޕީގެ މީހުން، ރައީސް ޔާމީން ބަންދުކޮށްގެން އެއީ އުފަލެއް ކަމަށް ހަދައިގެން އެއްވެސް ކަމެއް ކުރުން އެއީ ބުއްދިވެރި ކަމެއް ނޫން،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކައުންސިލް ގުރޫޕްގެ ވަޓްސްއެޕް ގުރޫޕްގައި ގާސިމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް ވިދާޅުވީ، ޔާމީނަކީ ރާއްޖެ އެހެން ގައުމަކަށް ވިއްކައިލަން އުޅުއްވި ވެރިއެއް ނޫން ކަމަށެވެ. އެކަމަކު، އޭގެ ތަފްސީލެއް ގާސިމް ނުދެއްވަ އެވެ.

"ކޮންމެ މީހަކަށް ވެސް މިފަދަ ދުވަހެއް ދިމާވެދާނެ. ވިސްނުމުގައި ބަހައްޓަވާ ރައީސް ޔާމީނަކީ ގައުމު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅުނު ވެރިއެއް ނޫން،" ގާސިމް ލިޔުއްވާފައިވެ އެވެ.

ޔާމީންގެ ޕީޕީއެމާއި ޕީއެންސން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ޕާޓީގެ އިސްވެރިން ވަނީ ގާސިމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ގައުމު އެހެން ބަޔަކަށް ވިއްކައިލަން އުޅޭއިރު ގާސިމް މަޑުން ނުހުންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވެ އެވެ.

ޔާމީން ހައްޔަރުކުރުމަކީ ޖޭޕީން އުފާކުރުން ބުއްދިވެރި ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއިރު، އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީ އާއި ޔާމީނަށް ތާއީދު ކުރާ މީހުން އެކުގައި ވާދަ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެ އެވެ. އަދި ޖުމްހޫރީ ޕާޓީން ވާދަ ކުރާ ބައެއް ދާއިރާތަކަށް ޕީޕީއެމް/ޕީއެންސީ އިން ވާދަ ނުކުރަން ޔާމީން ވަނީ ނިންމަވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ، އެސްއޯއެފް ކުންފުނި މެދުވެރިކޮށް ގާސިމްގެ ވިލާ ކުންފުންޏަށް ވެސް ލިބިފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، ގާސިމް ވިދާޅުވެފައިވަނީ އޭނާގެ ކުންފުންޏާއި އެސްއޯއެފާ ދެމެދު ކުރީ ސައްހަ މުއާމަލާތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ވިލާ ޓްރެވަލްސް އިން އެސްއޯއެފާ އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށާއި ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ޔާމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.