Roadha Mihaaru
ޕީޕީއެމް ކޮންގްރެސް މައްސަލައިގެ ޝަރީއަތް ފަށަނީ

ޕީޕީއެމް ކޮންގްރެސް މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

17 ޖެނުއަރީ 2019

ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ މައްސަލާގެ ޝަރީއަތް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ މައްސަލާގެ ޝަރީއަތް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަން ހަމަޖައްސައިފި އެވެ.

ޕީޕީއެމުން މިދިޔަ މަހު ބޭއްވި ޚާއްސަ ކޮންގްރެސްގައި އެ ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، އެކި މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ހައި ކޯޓުން ވަނީ އެ ނިންމުންތައް ބަލައިގަތުމަށް އަމުރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ޕީޕީއެމް ކޮންގްރެސްގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި އޮތްއިރު، ޕީޕީއެމްގެ ލީޑާޝިޕާ ގުޅުންހުރި މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ. ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދޭން އެދި އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައަކާ ގުޅިގެން ޕީޕީއެމުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ ސިވިލް ކޯޓުން ބެލޭނެ ކަމާ މެދު ގޮތެއް ނިންމުމަށް ހަމަޖައްސައިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެވެ.

ޕީޕީއެމްގެ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އިސްކޮށް ތިއްބަވައިގެން ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.