Roadha Mihaaru
ދޫކޮށްލާ ޕާޓީތަކާއި ދަރަނި: ގާނޫނީ ހައްލެއް ނެތް!

ދޫކޮށްލާ ޕާޓީތަކާއި ދަރަނިތައް: ގާނޫނީ ހައްލެއް ނެތް!

17 ޖެނުއަރީ 2019

މީގެ އަހަރުތަކެއް ކުރި އެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޭރު އޮތް ޑީއާރުޕީގެ ލީޑާޝިޕްގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި، އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެހެން ޕާޓީއެއް ހެއްދެވިއިރު، ޑީއާރުޕީގެ ލީޑަރަކަށް ހުންނެވީ އަހުމަދު ތަސްމީން އަލީ އެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެންމެ ފަހުން ތަސްމީނު ވެސް ޕާޓީ ދޫކުރައްވައި، ނިކުމެވަޑައިގަތްއިރު ޑީއާރުޕީގައި 19 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޮތެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ އަހަރުތަކެއް ކުރި އެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޭރު އޮތް ޑީއާރުޕީގެ ލީޑާޝިޕްގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި، އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެހެން ޕާޓީއެއް ހެއްދެވިއިރު، ޑީއާރުޕީގެ ލީޑަރަކަށް ހުންނެވީ އަހުމަދު ތަސްމީން އަލީ އެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެންމެ ފަހުން ތަސްމީނު ވެސް ޕާޓީ ދޫކުރައްވައި، ނިކުމެވަޑައިގަތްއިރު ޑީއާރުޕީގައި 19 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޮތެވެ.

ޑީއާރުޕީގެ ލީޑަރުކަމާ އޭގެ ފަހުން ހަވާލުވެވަޑައިގަތް މުހައްމަދު ނަޝީދު (ކާނަލް) އޭރު އެ ޕާޓީ ސިފަކުރެއްވީ ބޮޑު ދަރަންޏަކާ އެކު "އައިސީޔޫގައި" އޮތް ޕާޓީއެއްގެ ގޮތުގަ އެވެ. އޭރު ސިޔާސީ މަސްރަހު އޮތް ގޮތުން އެކަން މާ ބޮޑު ކަމަކަށް ނުވިޔަސް، އެ ޕާޓީގެ ދަރަނީގެ މައްސަލަތައް ދާދި ފަހަކާ ޖެހެންދެން ވެސް ކޯޓުތަކުގައި ދިޔައީ ހިނގަމުންނެވެ. ޑީއާރުޕީގެ އަސްލު ލީޑާޝިޕް އެ ޕާޓީ ދޫކޮށްލުމުން ދަރަނި ދެއްކުމުގެ ބުރަ އުފުލަން ޖެހުނީ އާ ލީޑާޝިޕަށެވެ.

އޭގެ އަހަރުތަކެއް ފަހުން، މިއީ އަނެއްކާވެސް އެފަދަ ދުވަސްކޮޅެކެވެ. ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސް ބޭޭފުޅުން އިސްކޮށް ތިއްބަވައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ މަސައްކަތް އެ ބޭފުޅުން ފެއްޓެވީ ޕީޕީއެމްގެ ލީޑާޝިޕާ މެދު ސުވާލު އުފައްދައި، ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ލީޑާޝިޕްގެ މައްސަލަ ކޯޓުގައި އޮވެގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ނިކުތުމުގެ ރިސްކް ނަގަން އެ ބޭފުޅުން ބޭނުންފުޅު ނުވީ އެވެ.

އެކަމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޕީޕީއެމްގައި އޮތް ދަރަންޏާ ހެދި އެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ކުރި ޚަރަދުތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުއްޓާ، އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް ކޯޓުގައި ހިނގަމުން ދަނިކޮށް، އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވި ސަބަބެކެވެ.

އެއް ބައެއްގެ ނަޒަރުގައި އާ ޕާޓީއެއް އުފައްދަނީ ދަރަނިތަކުން ސަލާމަތްވުމަށެވެ. އެކަމަކު ޕީއެންސީ އުފެއްދުމުގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ނަޒަރުގައި، ދަރަނިތައް އޮއްވާ ޕާޓީ ދޫކޮށްލުމަކީ ކުރިން ވެސް ރާއްޖޭގައި އޮތް ސަގާފަތެކެވެ. އެހެންވެ، ޕީޕީއެމާ ހަމައިން އެކަން ގޯސްވާން ޖެހޭނެ ކަމަށް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ރަޖިސްޓްރީވެފައިވާ ކޮންމެ ޕާޓީއަކީ ވެސް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި މުދާ ހޯދުމާއި ލިބިގަތުމުގެ އިތުރުން ޕާޓީގެ މުދަލާއި ފައިސާ އިން މުއާމަލާތު ކުރުމުގެ ހައްގު ލިބިގެންވާ ވަކި ގާނޫނީ ޝަހުސެކެވެ. އެހެންވެ، ޕާޓީއެއްގެ ލީޑާޝިޕްގެ މެމްބަރަކު ނުވަތަ ވަކި މެމްބަރުންތަކެއް ޕާޓީން ވަކިވެގެން ދިޔަޔަސް، ގާނޫނުގައިވާ ގޮތުގެ މަތިން އެ ޕާޓީއެއް އުވާ ނުލާހާ ހިނދަކު، އޭގެ ޒާތުގައި އެ ޕާޓީއެއް ދެމިއޮންނާނެ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅަކަށް ވިޔަސް ޕާޓީ ދޫކޮށްލުމަށް ފަހު އެހެން ޕާޓީއެއް އުފައްދަން އެ ގާނޫނު ހުރަހެއް ނާޅަ އެވެ.

ދެން އޮތީ ޕާޓީތަކުގެ ދަރަންޏެވެ. ޕާޓީތަކަކީ ވަކި ގާނޫނީ ޝަހްސަކަށް ވާތީ ޕާޓީގެ ނަމުގައި ހިންގާ މުއާމަލާތްތަކުގެ ސަބަބުން ދައްކަން ޖެހޭ ދަރަންޏަށް ޒިންމާވާން ޖެހެނީ އެ ޕާޓީއެކެވެ. އެކަމަކު ޕާޓީއެއްގެ ދަރަނި ނުދެއްކޭ ހާލަތުގައި ޕާޓީގެ އެއިރެއްގެ ލީޑާޝިޕްގެ ބޭފުޅުން އެ ދަރަންޏަކަށް ޒިންމާ ކުރުވޭނެ ގޮތެއް ޕާޓީތަކުގެ ގާނޫނުގައި މިހާރަކު ނެތެވެ.

ދަރަނި ނުދެއްކޭ ހާލަތެއް މެދުވެރިވެގެން ޕާޓީއެއްގެ މުދާ ވިއްކާލައިގެން ދަރަނި އަދާކުރަން ބެލިޔަސް، ގާނޫނު އޮތް ގޮތުން އެކަމަށް ހުރަސްތަކެއް އެބަ އޮތެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީތަކުގެ މުދާ ވިއްކާލައިގެން ދަރަނި އަދާކުރުމުގެ ބާރު ދައުލަތަށް ލިބެނީ ޕާޓީއެއް އުވާލާ ހިނދު އެވެ. ޕާޓީއެއް އުވާލާއިރު ދަރަންޏެއް އޮތް ނަމަ، އެ ޕާޓީއެއް މުދާ ވިއްކާލައިގެން އެ ދަރަންޏެއް އަދާކުރަން ޖެހެ އެވެ. އެކަމަކު އެ ނޫން ހާލަތެއްގައި ޕާޓީގެ މުދާ ވިއްކައިގެން ދަރަނި އަދާ ކުރުމުގެ ބާރު ގާނޫނުން ދީފައެއް ނެތެވެ. އެހެންވުމުން ގާނޫނުގައިވާ ގޮތަށް ޕާޓީ އުވައި ނުލާހާ ހިނދަކު އެ ޕާޓީގެ ދަރަނިތައް ހޯދެން އޮންނާނެ ހަމައެކަނި ގޮތަކީ ޝަރުއީ މަރުހަލާއަށް ދިއުމެވެ.

އެހެންވީއިރު، ޕާޓީގެ ނަމުގައި ހުރި ދަރަންޏަށް ޕާޓީގެ އިސް ބޭފުޅުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. އަދި ޕާޓީތައް އުފެއްދުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެން ވާއިރު، އެހެން ޕާޓީއެއްގައި އޮތް ދަރަންޏެއްގެ ސަބަބުން ކަމަށް ބުނެ އާ ޕާޓީއެއް އުފެއްދުން ހުއްޓުވިދާނެތޯ ވެސް އެއީ އުފެދޭ ސުވާލެކެވެ. އެކަމަކު އޭގެ އަނެއްކޮޅުން، ދަރަނިވެރިވާ ޕާޓީތަކުގެ ޒިންމާ އަބަދުވެސް އެހެން ބަޔަކު ނަގަން ޖެހުމުގެ ސަގާފަތް އަދިވެސް އެގޮތުގައި ބާއްވަން ވީތޯ މިއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ.

ޕާޓީއެއްގެ ނަމުގައި ހުރި ދަރަންޏަށް ޕާޓީއެއްގެ އިސް ބޭފުޅުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ހެއްޔެވެ؟ އަދި އެގޮތަށް ފަރުދީ ގޮތުން ޒިންމާ ކުރުވޭ ނަމަ، ޕާޓީތަކަކީ ވަކި ގާނޫނީ ޝަހްސެއްގެ ގޮތުގައި އޮންނަ އޮތުން ގެއްލިގެން ނުދާނެ ހެއްޔެވެ؟

ދެން އޮތް ސުވާލަކީ ޕާޓީތައް ދަރަނިވެރިވުމުން އެހެން ބަޔަކު އެ ދަރަނިތައް ދެއްކުމުގެ ޒިންމާ އުފުލަން ޖެހުމުގެ ސަގާފަތް އަދިވެސް އެގޮތުގައި ބާއްވަން ވީތޯ އެވެ؟

ޕާޓީތައް ނޫން އަމިއްލަ ބައެއް ގާނޫނީ ޝަހްސުތަކުގައި، ފަރުދީ ގޮތުން މީހުން ކަންކަމަށް ޒިންމާ ކުރުވެ އެވެ. މިސާލަކަށް ކުންފުނިތައް ބަލަމާ ހިނގާށެވެ. ކުންފުންޏާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ކުންފުންޏަކީ ވެސް މެމްބަރުންނާ ވަކިން އޮންނަ ވަކި ގާނޫނީ ޝަހްސެކެވެ. އެކަމަކު ކުންފުނި ނިވައި ފަތްގަނޑަކަށް ބޭނުން ކޮށްގެން ޑިރެކްޓަރުން ކުރާ ކަންކަމަށް ބައެއް ހާލަތްތަކުގައި ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވުމުގެ ބާރު އެ ގާނޫނުން ލިބިދެ އެވެ. އެފަދަ ބައެއް މައްސަލަތައް ކޯޓުތަކުން ނިންމާފައި ވެސް އެބަހުއްޓެވެ. އެކަމަކު ޕާޓީތަކުގެ ގާނޫނުގައި އެފަދަ އެއްވެސް ގޮތަކަށް ބުނެފައެއް ނެތެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލަ މިހާރު ކޯޓުން ނިމިގެން ދާއިރު، ޕީޕީއެމް ހިންގުން މައުމޫން ލިބިވަޑައިގެންފި ނަމަ، އެމަނިކުފާނު އަލުން ޕީޕީއެމް ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އަދި ޔާމީނަށް ޕީޕީއެމް ނުގެއްލޭ ގޮތަށް މައްސަލަ ނިމިއްޖެ ނަމަ، މިހާރު ވެސް އޮތް ގޮތަށް ޔާމީން އެ ޕާޓީ ހިންގެވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، ޕީޕީއެމް ދަރަންޏާ މެދު އަމަލު ކުރާނެ ގޮތެއް ނެތި، "ގޮތް ހުސްވީ" ކަމަށް ބުނެވޭނެ ޖާގައެއް މިވަގުތަކު ނެތެވެ.

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސް: ޕާޓީގައި ދަރަނި އެބަ އޮތް -- ފޮޓޯ/ޕީޕީއެމް

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސް: ޕާޓީގައި ދަރަނި އެބަ އޮތް -- ފޮޓޯ/ޕީޕީއެމް

އެކަމަކު މިސާލަކަށް ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕް އެއްކޮށް އެ ޕާޓީއަކުން ވަކިވެ އަދި އެ ޕާޓީއެއް ހިންގުމާ އެހެން ބަޔަކު ހަވާލު ނުވެއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމުގައި އަމަލު ކުރާނެ ގޮތެއް ގާނޫނުގައި އޮންނަން ޖެހެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން، ދަރަނީގެ މައްސަލައެއް ޝަރީއަތަށް ހިނގައްޖެ ނަމަ، ޝަރުއީ މަރުހަލާއެއްގައި އެ ޕާޓީއެއް ތަމްސީލު ކުރާނެ ފަރާތެއް ކަނޑައެޅުގައި ވެސް އިތުރު މައްސަލަތަކެއް ނިކުންނާނެ އެވެ.

މިއީ އެފަދަ ހާލަތެއްގައި ގާނޫނީ ގޮތުން ދިމާވެދާނެ ބައެއް މައްސަލަތަކެވެ. ކުރިން ވެސް ފާހަގަކުރި ހެން، ޕާޓީއެއްގެ ލީޑާޝިޕް އެއްކޮށް ޕާޓީއަކުން ވަކިވެ، އަދި އެ ޕާޓީ ހިންގާނެ އެހެން ބަޔަކު ނެތް ހާލަތެއް މިވަގުތު ރާއްޖޭގައި މެދުވެރިވެފައެއް ނެތެވެ. އަދި މިއީ ޕާޓީތަކާ ބެހޭ ގާނޫނު އެއްވެސް ވަރަކަށް ތަސައްވުރު ކޮށްފައިވާ ހާލަތެއް ވެސް ނޫނެވެ. އެކަމަކު މިއީ އޭގެ ޒާތުގައި ދުރާލާ ގާނޫނީ ގޮތުން ހައްލެއް އޮންނަން ޖެހޭ ކަންކަމެވެ.

ޕާޓީތަކުގެ ދަރަނި ނުދެއްކޭ ހާލަތުގައި އެ ދަރަންޏަކަށް ޕާޓީގެ ލީޑާޝިޕް ޒިންމާވާން ޖެހޭ ގޮތަށް ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ބޭރުކޮށްލީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ދެކޭ ގޮތުގައި އެކަމަށް އޮތް ހައްލަކީ ގާނޫނު އިސްލާހުކޮށް، އެގޮތަށް ޒިންމާ ކުރުވޭނެ ގޮތަށް ބަދަލު ގެނައުމެވެ. އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމުގެ އިތުރުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހެޅުމާއި ގަވާއިދުތައް އިސްލާހު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ.

"ވަކި ޕީއެންސީއަކަށް އަމާޒު ކޮށްގެނެއް ނޫން މިކަން މިކުރަނީ. ރާއްޖޭގެ ތާރީޚުގައި ކުރިން ހިނގާފައި ހުރި ކަންކަން ތަކުރާރުވަމުންދާތީއާ އެކީގައި އަދި ޕާޓީތައް އުފެއްދުމާއި ޕާޓީތައް ހިންގުމުގައި އޮންނަ ގާނޫނާއި ގަވާއިދުގެ ފްރޭމް ވޯކްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް އިރާދަކުރެއްވިިއްޔާ މި މަސް ނިމުމުގެ ކުރިން އަޅުގަނޑުމެން ގެޒެޓް ކުރާނަން،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ދާދި ފަހުން ވިދާޅުވި އެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކުންފުނިތަކެކޭ އެއްގޮތަށް، ޕާޓީތަކުގެ ދަރަނީގެ މައްސަލަތަކުގައި ވެސް ޝަރުއީ މަރުހަލާ މެދުވެރިކޮށް ބައެއް ހާލަތްތަކުގައި ޕާޓީއެއްގެ ލީޑާޝިޕް ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ އެވެ. އެގޮތުން ޕާޓީއެއްގެ ލީޑާޝިޕުން ޕާޓީގެ ގާނޫނީ ޝަހްސު އެހެން ބޭނުމެއްގައި ބޭނުން ކުރިކަން ކޯޓެއްގައި ސާބިތުވެއްޖެ ނަމަ، އެކަމަށް ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އެކަމަކު މީގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ ކުންފުންޏާ ބެހޭ ގާނޫނު އޮންނަ ގޮތަށް ޕާޓީތަކުގެ ގާނޫނު ވެސް އިސްލާހުކޮށް، މިކަން ތަފްސީލުކޮށް ދިނުން،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

އެހެން ބައެއް ގާނޫނީ ބޭފުޅުންގެ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ދަރަންޏެއް އޮތުމަކީ ގާނޫނު އޮތް ގޮތުން، އެހެން ޕާޓީއެއް އުފައްދަން ހުރަސް އެޅޭނެ ކަމެއް ނޫނެވެ. އެކަމަކު އެ ފުރުސަތު އެގޮތަށް ދޭން ފެށުމަކީ ޕާޓީ ފަދަ ގާނޫނީ ޝަހްސުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަގާފަތެއް އުފެދިދާނެ ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ޕާޓީތަކުގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން އެކަންކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ ގޮތުން މައްސަލަތަކެއް އޮތީމަ ޕާޓީ ދޫކޮށްލަނީ. އެކަމަކު މިސާލަކަށް އެއްވެސް މައްސަލައެއް ނެތް ޕާޓީއެއްގައި ދަރަނި ބޮޑުވީމަ އަނެއްކާވެސް އާ ޕާޓީއެއް ހަދަން ބޭނުންވީމަ ހަމަ އެ ފުރުސަތު ދޭންވީތޯ؟. އެހެން ބައެއް ހައްގުތަކެއް ވެސް ހިމެނޭ ކަންކަން މިއީ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ޕާޓީތަކުގެ ދަރަނީގެ މައްސަލަތަކުގައި، މިހާރު ގާނޫނުތަކުގައި ގާނޫނީ ލޫޕް ހޯލްތަކެއް އެބަ ހުއްޓެވެ. ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، އެކަމަށް ހައްލުތަކެއް އެބަ އޮންނަން ޖެހެ އެވެ.