Roadha Mihaaru
މި ޒުވާނާގެ ހިތާއި ސިކުނޑި ދިވެހި ތާރީޚުގެ ތެރޭގައި!

މި ޒުވާނާގެ ހިތާއި ސިކުނޑި ދިވެހި ތާރީޚުގެ ތެރޭގައި!

19 ޖެނުއަރީ 2019

އެއީ މީގެ 13 ވަރަކަށް އަހަރުކުރި އެވެ. ހިނގަމުން ދަނީ މަޖީދިއްޔާ ސްކޫލުގެ ހެނދުނު ދަންފަޅީގެ އިންޓޯލު ވަގުތެވެ. ސްކޫލުގެ ގޯތިތެރެ އޮތީ ރަކަރަކަ އަޅާފަ އެވެ. ހެދިކާ ކަމުން ފުޅިބޮމުން، ހީ ސަކަރާތްޖަހައި މަޖާނެގުމައިގެންނެވެ. ފުޓްބޯޅައިގެ ވާހަކަ ނޫނީ ކޮންމެވެސް ގޭމެއްގެ މޮޅު ވާހަކަ ދެއްކުމައިގެންނެވެ. އެ އެންމެންނާ ވަކިން ތަންކޮޅެއް ދުރުގައި ކުއްޖަކު އެބަ ހުއްޓެވެ. ދައްކަމުން ދިޔައީ ތާރީހީ ކޮންމެވެސް ވާހަކައެކެވެ. އޭނާ ވަށައިގެން ވެސް ބައެއް ކުދިން ތިއްބެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެއީ މީގެ 13 ވަރަކަށް އަހަރުކުރި އެވެ. ހިނގަމުން ދަނީ މަޖީދިއްޔާ ސްކޫލުގެ ހެނދުނު ދަންފަޅީގެ އިންޓޯލު ވަގުތެވެ. ސްކޫލުގެ ގޯތިތެރެ އޮތީ ރަކަރަކަ އަޅާފަ އެވެ. ހެދިކާ ކަމުން ފުޅިބޮމުން، ހީ ސަކަރާތްޖަހައި މަޖާނެގުމައިގެންނެވެ. ފުޓްބޯޅައިގެ ވާހަކަ ނޫނީ ކޮންމެވެސް ގޭމެއްގެ މޮޅު ވާހަކަ ދެއްކުމައިގެންނެވެ. އެ އެންމެންނާ ވަކިން ތަންކޮޅެއް ދުރުގައި ކުއްޖަކު އެބަ ހުއްޓެވެ. ދައްކަމުން ދިޔައީ ތާރީހީ ކޮންމެވެސް ވާހަކައެކެވެ. އޭނާ ވަށައިގެން ވެސް ބައެއް ކުދިން ތިއްބެވެ.

ދިވެހި ތާރީހާއި ސަގާފަތް ދަސްކުރުމަކީ ބޯދާކަމެއްގެ ގޮތުގައި ބައެއް ޒުވާނުން ދުށް އެދުވަސްވަރު ވެސް، އަލާ ދީދީގެ ޝައުގުވެރިކަން ހުރީ އެ ދާއިރާއަށެވެ. އޭނާގެ ބައްޕަ މަރްހޫމް މުހައްމަދު ވަހީދު (ނަދުވީ) އަކީ ރާއްޖެ މި ފަހުން ދުށް އެންމެ ބޮޑު އެއް ތާރީހު އިލްމުވެރިޔާ އެވެ. އެކަމަކު ހަގީގަތުގައި، އަލާގެ ތާރީހު އިލްމުވެރިކަމުގެ ގަހުގައި މިއަދު މޭވާ އަޅައި އޭގެ ފޮނިމީރުކަން އެތައް ބަޔަކަށް ލިބުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޭނާގެ ކާފަ، ދީނީ އިލްމުވެރިޔާ މަރްހޫމް ރީހުއްސަބާ އިބްރާހިމް ހަސަނަށެވެ.

ދީނީ ނަސޭހަތް އަޑުއަހަން އެގެޔަށް އަންނަ މީހުންނާ އެކު އިބްރާހިމް ހަސަން ސައިގަޑީގައި ދައްކަވާ ތާރީހީ ވާހަކަތައް އަލާ ހުރީ ކަނުލައި އަޑުއަހާށެވެ. ދޭތެރެއަކުން އަލާ ސުވާލެއްކޮށްލީމާ، މިއީ ބޮޑެތި މީހުންގެ ވާހަކައޭ ބުނެ އޭނާގެ އަނގަ ބަންދުނުކުރީ އިބްރާހިމް ހަސަންގެ އިހުސާންތެރިކަމުންނެވެ. އެކަމަކު އެއީ ހަގީގަތުގައި އޭނާ ނޭނގި ނަމަވެސް ދިވެހި ތާރީހަށް ކޮށްދެވި ހިދުމަތެކެވެ. އެ ދުވަހު އިބްރާހިމް ހަސަން، ކާފަދަރިފުޅަށް އެ ތާރީހީ ވާހަކަތައް ވިދާޅުވެދެއްވުމަކީ، އޭނާއާ އެކު އެ ވާހަކަތައް ވަޅުލެވިގެން ނުދިޔަ ސަބަބެވެ.

އަލާގެ ކާފަ މަރްހޫމް ރީހުއްސަބާ އިބްރާހިމް ހަސަން: އެތައް ބަޔެއްގެ އިހުތިރާމް ހޯއްދެވި ދީނީ އިލްމުވެރިއެއް.

އަލާގެ ކާފަ މަރްހޫމް ރީހުއްސަބާ އިބްރާހިމް ހަސަން: އެތައް ބަޔެއްގެ އިހުތިރާމް ހޯއްދެވި ދީނީ އިލްމުވެރިއެއް.

ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަށް ދިއުމުގެ ބަދަލުގައި، އަލާގެ އެދުމުގެ މަތިން ހުކުރު މިސްކިތަށް އޭނާ ގެންދިއުމަކީ، 361 އަހަރު ވީ އެ ބިނާގެ ތެރެއިން ދިވެހި ހަޟާރަތުގެ ތެރެއަށް އަލާ އަށް ވަދެވުނު ސަބަބެވެ. ޒަމާނުގެ ތަރައްގީ ސިފަކޮށްދޭ އިސްލާމީ މަރުކަޒަށް ވުރެ އޭނާގެ ހިތް ދަމައިގަތީ އެވޭލާ ޒަމާނުގެ މަސައްކަތްތެރިކަން ސިފަކޮށްދޭ ހުކުރު މިސްކިތަށެވެ. އަދި ކާފަ ގޮތަށް މުންޑު އަނދެ، ބޮޑު ތާހިކަލުގައި ދިވެހި ސަގާފަތް ތަޖުރިބާކުރަމުން ހުކުރަށް އެދާ ދިއުމުގައި އިހުގެ ގެތައް ފެނުމުން މިއީ ކާކުގެ ކޮން ގެޔެއްހޭ ބުނެ އަލާ ކުރި ސުވާލުތަކަށް އިބްރާހިމް ހަސަން ޖަވާބު ދެއްވުން ވެގެން ދިޔައީ، ދިވެހިން ނަސަބު އިލްމުގެ ތެރެއަށް އަލާ ވަދެވުނު ވެސް ސަބަބު ވެސް މެ އެވެ.

"އިލްމީ ގުލްޝަނެއްގައި، އިލްމުވެރި މުސްކުޅިއެއް ކައިރީ ބޮޑުވުން، އެއީ އަޅުގަނޑު ތާރީހަށް ލޯބި ޖެހުނު ސަބަބަކީ،" އަލާ ބުންޏެވެ.

ފުރަތަމަ ނަޒަރުން ވެވުނު އެ ލޯބި ވީ، ހަމަ ހަގީގީ ލޯތްބަކަށެވެ. މިއަދު އުމުރުން 28 އަހަރުގައި، އޭނާ އަކީ ދިވެހި ތާރީހާއި ސަގާފަތާއި ނަސަބު އިލްމު، އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާކުރާ އެކެކެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށް، ދިވެހި ތާރީހު ކިޔަވައިދެއްވާ ލެކްޗަރާ އެވެ. އެ ޔުނިވާސިޓީގައި އެ މާއްދާ ކިޔަވައިދޭން ފެށި ފެށުމުގައި ވެސް، ރާއްޖޭގައި ޑިގްރީ ފެންވަރުގައި ކިޔަވައިދޭ އެންމެ ޒުވާން އެއް ލެކްޗަރާގެ ހިއްސާ ވަރަށް ބޮޑެވެ.

އަލާ (ވ) އާއި އެކުވެރިޔާ ޝައްމޫން ޖަލީލް (ލޫކަސް) ބ. ކުޑަރިކިލުގެ އުމުރުން ދުވަސްވީ މީހެއްގެ ވާހަކަތަކެއް ރެކޯޑްކުރަނީ.

އަލާ (ވ) އާއި އެކުވެރިޔާ ޝައްމޫން ޖަލީލް (ލޫކަސް) ބ. ކުޑަރިކިލުގެ އުމުރުން ދުވަސްވީ މީހެއްގެ ވާހަކަތަކެއް ރެކޯޑްކުރަނީ.

ރަސްމީ ވަޒީފާގެ ބޭރުން ދެން ލިބޭ ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ ތާރީހު ދިރާސާކުރުމުގަ އެވެ. މާލޭގައި އަދި ރާއްޖޭގެ އެކި ރަށްރަށް ދަތުރުކޮށް މުސްކުޅިންނާ ބައްދަލުކޮށް ދިވެހި ފޯކްލޯރު ރެކޯޑްކުރުރުމާއި ނަސަބު ޗާޓު ހެދުމުގަ އެވެ. ސަގާފަތް ދިރުވުމުގަ އެވެ. ތާރީހީ މައުލޫމާތުތައް ދަރިވަރުންނާއި ނޫސްވެރިންނާ ހިއްސާކުރުމުގަ އެވެ. ސޯޝަލް މީޑިއާ އާއި ޓީވީތައް މެދުވެރިކޮށް އާއްމުންނަށް ތާރީހު އުނގަންނައިދިނުމުގަ އެވެ. ބޭނުމަކީ މިއީ މުއްސަނދި ތާރީހެއް އޮތް ގައުމެއްކަން އަންގައިދިނުމެވެ.

Maafannu ge fahuruveri mudhahris: Ujaalaakan genesdhehvi!

Maafannu ge fahuruveri mudhahris: Ujaalaakan genesdhehvi!

The most trusted news source in the Maldives

Mihaaru

އަލާގެ ކާފަ އިބްރާހިމް ހަސަންއާ ގުޅޭ ގޮތުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުން.

އަލާ ބުނި ގޮތުގައި ބައެއް ޒުވާނުން "މިއީ އިހަކަށް ދުވަހާ ހަމަޔަށް ވެސް ހަޔެއްކަ ހާސް މީހުން އުޅުނު ގައުމެކޭ" ބުނެ "މި ގައުމުގައި ތާރީހެއް ނޯންނާނެ" ކަމަށް ދައުވާކުރެ އެވެ. މި ގައުމުގައި މުއްސަނދި ތާރީހެއް އޮތްކަން ގަބޫލުކުރަން ބައެއް މީހުން ބޭނުމެއް ނުވެ އެވެ.

އެހެންވެ ތާރީހު ދިރާސާކުރުމުގެ މަސައްކަތުގައި ބައެއް ފަހަރު އޭނާ ޖެހުނީ ގަނަތެޅޭށެވެ. ތާރީހީ ބިނާތައް ނައްތާލާތީ އެކަމާ ދެކޮޅަށް ކުރި މަސައްކަތުގައި ބައިވެރިވީ މަދު ބަޔެކެވެ. އުސްގެކޮޅާއި ފަނޑިޔާރު މިސްކިތުގައި ހުރި ކުފުރުވި ހަނދޭގިރިންގެ މަހާނަ ތަޅާލަން އުޅުމުމުންނާއި ޝަމްސުއްދީން މިސްކިތުގެ ލޮއި ފޮތި ގެއްލުމުން އޭނާ ދެފައި އެއްތާކު ނުޖައްސާ ކޮޅުކޮޅުމައްޗަށް ހިނގިއިރު ބައިވެރިވީ މަދު ބަޔެކެވެ.

އަލާ (ކ) އާއި އެކުވެރިންތަކެއް އިހުގެ ގޮތަށް ހެދުން އަޅައިގެން: ދިވެހި ސަގާފަތް ދިރުވުމަކީ އަލާގެ މުހިއްމު މަސައްކަތެއް.

އަލާ (ކ) އާއި އެކުވެރިންތަކެއް އިހުގެ ގޮތަށް ހެދުން އަޅައިގެން: ދިވެހި ސަގާފަތް ދިރުވުމަކީ އަލާގެ މުހިއްމު މަސައްކަތެއް.

އެކަމަކު މިހާރު އެ މަންޒަރު އަންނަނީ ބަދަލުވަމުންނެވެ. ކަޅުވަކަރު މިސްކިތް ނެގި މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުން ނުހަނު ބޮޑެވެ. އަދި އާ ސަރުކާރުން ވަނީ، ދިވެހި ތާރީހާއި ސަގާފަތަށް ހާއްސަ ވުޒާރާއެއް އުފައްދައިފަ އެވެ. އެކަމުގައި ވެސް އޭނާގެ ހިއްސާ އެބައޮތެވެ. އެހެން ވިޔަސް އަދިވެސް ބަދަލުވާން ޖެހޭ ކަންކަން އެބަހުރި ކަމަށް އަލާ ދެކެ އެވެ. ހާއްސަކޮށް ނަސަބު އިލްމުގެ މައްސަލަ އެވެ. އެހެން ގައުމުތަކުގައި ޑިގްރީ ފެންވަރަށް ކިޔަވައިދޭ އެ އިލްމު ހާސިލްކޮށްފައި މީހުންނަކީ، ބަލިބަލި ފެތުރޭ ގޮތް ބެލުމަށްޓަކައި ޑޮކްޓަރުން ވެސް، އެހީތެރިކަން ހޯދާ ބަޔެކެވެ. އެކަމަކު ރާއްޖޭގައި އެއީ މާ އަގެއް ހުރި ބަޔެއް ނޫނެވެ.

އެ އިލްމުގައި ރާއްޖޭގައި އެންމެ ކުރީގައި ހުންނެވީ އަލާގެ ބައްޕަ ނަދުވީ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އަވަހާރަވި ނަދުވީގެ އަތުގައި އިހުގެ ފަތްފުށްތަކާއި ފޮތްތައް އެބަހުއްޓެވެ. އަދި އަމިއްލަފުޅަށް ވެސް އެތައް ދިރާސާތަކާއި ފޮތްތައް (ޗާޕުނުކުރެވި) ވަނީ ލިޔުއްވައިފަ އެވެ. ބަލި އެނދުގައި އޮވެ ނަދުވީ ވަނީ ގަދަވެގެން އެ މަސައްކަތް ދެބަފައިން ވެގެން ކުރަން ބޭނުންވާކަމަށް އަލާ ގާތު ވިދާޅުވެފަ އެވެ. އެ ނަސީބު ނުލިބުނަސް ބައްޕަގެ އެ އުއްމީދު ހާސިލްކޮށްދޭން އަލާ ހުރީ ތައްޔާރަށެވެ.

މިހާރު ވެސް އަލާ ވަނީ ތާރީހީ ވަރަށް ގިނަ ދިރާސާތަކެއްކޮށް ވަރަށް ގިނަ ކަންކަމުގައި އާ ނަޒަރިއްޔާތުތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދެ ވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްވީ، ރަސްކަމާ މެދު އާއްމުން ހިތްހަމަނުޖެހޭތީ ނޫން ކަމަށާއި އެކަމުގައި ސިޔާސީ ސަބަބުތަކެއް ހުރި ކަމަށް އޭނާ ބުނުން ހިމެނެ އެވެ. މީގެ އިތުރުން ފުރަތަމަ ގާނޫނު އަސާސީ ވީދާލި މައްސަލައިގައި، ޝަމްސުއްދީން ރަސްގެފާނާ މެދު އުފެދިފައިވާ ގޯސް ތަސައްވުރު ސާފުކުރުމާއި މާލެ އަކީ މުޅި ދުނިޔޭގައި ވެސް، މެދުނުކެނޑި އެންމެ ގިނަ ދުވަހު ގައުމެއްގެ ވެރިކަންކުރި އެއް ރަށްކަމަށް އޭނާ ކަނޑައެޅި ކަނޑައެޅުން ފާހަގަކުރެވެ އެވެ.

އަލާ (ކ) އާއި ނާޖިހު (ކ-2) ވީޓީވީގެ ޕްރޮގްރާމެއްގައި އިމާދު ލަތީފާ އެކު: ތާރީހީ މައުލޫމާތު އާއްމުންނާ ހިއްސާކުރުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވޭ.

އަލާ (ކ) އާއި ނާޖިހު (ކ-2) ވީޓީވީގެ ޕްރޮގްރާމެއްގައި އިމާދު ލަތީފާ އެކު: ތާރީހީ މައުލޫމާތު އާއްމުންނާ ހިއްސާކުރުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވޭ.

ރާއްޖެ އިސްލާމްކުރެއްވި މީހަކާ މެދު ކުރެވޭ ބަހުސަށް، ސޫފީ އިލްމުވެރިޔާ އިބްނު ސުހަރުވަރުދީގެ ލިޔުމެއް ދިރާސާކޮށް އެޔާއި އަދި ވެސް އިތުރު ތާރީހީ ގަރީނާތަކާ އެކު، އާ ނަޒަރިއްޔާތެއް އަލާ ވަނީ ހޯދައިފަ އެވެ. ނުވަ ވަނަ ހަސަން ރަސްގެފާނު ޕޯޗުގަލަށް ވަޑައިގެން އެ ގައުމުގެ ޝާހީ ބޭފުޅަކާ ކުރެއްވި ކައިވެނިފުޅުގެ މަތިކޮޅުގެ ނަސަބު ޗާޓު ހެއްދެއްވުމަކީ ވެސް އަލާ ކޮށްފައިވާ ތާރީހީ މުހިއްމު މަސައްކަތްތަކެވެ.

އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. ތާރީހު ދިރާސާކުރައްވާ ކުރީގެ ނޫސްވެރިޔާ އިމާދު ލަތީފު ވިދާޅުވީ އަލާ ފަދައިން ތާރީހު އެނގޭ ދެ ވަނަ ޒުވާނަކު ނުދެކޭ ކަމަށާއި އޭނާގެ މުއްސަނދީ ހަމައެކަނި ދިވެހި ތާރީހުގެ މައުލޫމާތުން ނޫން ކަމަށެވެ.

"ދުނިޔޭގެ ތާރީހުގެ ތެރެއަށް ވެސް ލޯނުހުޅުވި ރާއްޖޭގެ ތާރީހު ދިރާސާކުރަން ފަސޭހައެއް ނުވާނެ. އަލާ އަކީ ދުނިޔޭގެ ތާރީހު ވެސް ރަނގަޅަށް އެނގޭ މީހެއް. އަނެއްކާ އޭނާ އަށް ބަހުގެ މުއްސަނދިކަން ވަނީ ލިބިފައި،" އިމާދު ވިދާޅުވި އެވެ. "ތާރީހު ދިރާސާކުރުމުގައި މަސައްކަތުގައި އަލާގެ ބިންގަލަކީ އޭނާގެ ކާފަ އިބްރާހިމް ހަސަން."

ހުކުރު މިސްކިތުގައި އަލާ ތާރީހު ދިރާސާކުރުމުގެ މަސައްކަތެއްގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުކުރު މިސްކިތުގައި އަލާ ތާރީހު ދިރާސާކުރުމުގެ މަސައްކަތެއްގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަށް، ގުލްފާމްގޭ މުއިއްޒު އަދުދާން ވެސް ހެކިވެވަޑައިގަންނަވަ އެވެ. އިބްރާހިމް ހަސަން ފަދަ ދިވެހި ތާރީހު ފެން ފަދަ މީހެއްގެ ކައިރިން ތާރީހު ދަސްކުރައްވައިގެން މިއަދު އަލާ ވެފައިވަނީ ދިވެހި ޒުވާނުންގެ ތެރެއިން އެކަމަށް އެންމެ ލޯހުޅުވިފައިވާ އެކަކަށްކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

"ތާރީހުގެ މައުލޫމާތު ވަރަށް މުއްސަނދި އަދި ނަސަބު އިލްމަށް ވެސް ވަރަށް ކުޅަދާނަ ޒުވާނެއް އޭނާ އަކީ. އެހާމެ ހުލްގު ހެޔޮ، އެންމެންނާ ގުޅޭ، ނަމޫނަ ޒުވާނެއް އެއީ،" ޑިފެންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ތާރީހު ދިރާސާކުރުމުގައި އަލާއާ އެކު ބައިވެރިވާ މުހައްމަދު ނާޖިހު ބުނީ އެހެން މީހުންގެ އަތުގައި ނެތް ވަރަށް ގިނަ މައުލޫމާތު އަލާ ހަޒާނާގައި ރައްކާކުރެވިފައިވާ ކަމަށެވެ. ނާޖިހު ވެސް ދެކޭ ގޮތުގައި އޭގެ ސިއްރަކީ އަލާގެ ކާފަ އެވެ.

"އަނެއްކާ އޭނާގެ ބައްޕަ އަކީ ރާއްޖެ ނުދެކޭ ފަދަ އިލްމުވެރިއެއް. ނަދުވީގެ ދަރިއަކަށް ވުމުން ގުދުރަތީ ގޮތުން ވެސް އޭނާގެ ކިބައިގައި އެކަން އަށަގެންފައި ހުރީ،" ނާޖިހު ބުންޏެވެ.

އަލާގެ ބައްޕަ މަރްހޫމް ނަދުވީ ފިލާވަޅެއް ނަންގަވައިދެއްވަނީ.

އަލާގެ ބައްޕަ މަރްހޫމް ނަދުވީ ފިލާވަޅެއް ނަންގަވައިދެއްވަނީ.

ނަދުވީގެ ދިރާސާތަކާއި ހޯދުންތަކާއި ފަތްފުށްތަކާއި ފޮތްތައް މިއަދު އެރީ އަލާގެ އަތްމައްޗަށެވެ. ތިމާގެ އިލްމީ، ތާރީހީ ހަޒާނާގެ މިލްކުވެރިކަން، އެކަމަށް ޝައުގުވެރިވާ އަދި އެ މަސައްކަތް ކުރަމުން އަންނަ ޒުވާން ދަރިފުޅަށް ވާރުތަވުމަކީ ނަދުވީ ވެސް ދެކެފައިވާނެ ހުވަފެންކަމަށް ޔަގީންކުރެވެ އެވެ. އެއާ އެކު ތާރީހު ދިރާސާކުރުމުގެ މަސައްކަތުގެ ގިޔަރުމަތިކޮށްލަން އަލާ ހުރީ ތައްޔާރުގަ އެވެ.

އެކަމަކު ހުރަސްތަކެއް ވެސް އެބަހުއްޓެވެ. އެއް ކަމަކީ އެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރުމަށް މާލީ އެހީތެރިކަން ބޭނުންވުމެވެ. މިހާތަނަށް އެ މަސައްކަތްކުރީ ރަށްޓެހިންގެ ވަރަށް ބޮޑު އެހީއަކާ އެކު އެވެ. އޭނާ ދެކޭ ގޮތުގައި ރާއްޖެ، ރާއްޖެއަކަށް ވާނީ ގުދުރަތީ ރީތިކަމުގެ ވާހަކައިގައި މި އަގުހުރި ތާރީހާއި މި މުއްސަނދި ސަގާފަތާއި މި ގަދީމީ ހަޟާރާތުގެ ކުލަތައް ވެސް ޖައްސައިގެންނެވެ. އެހެން ފަރާތްތަކުގެ އެހީތެރިކަން އެކަމަށް ލިބޭނެ ކަމުގައި އުއްމީދުގައި ހުރެ، އޭނާ އަމިއްލަ ހައިސިއްޔަތުން ކުރެވުނު ހުރިހާ ކަމެއް ކުރާނެ އެވެ. އޭނާގެ ހިތާއި ސިކުނޑި ވަނީ ދިވެހި ތާރީހުގެ ތެރޭގަ އެވެ. އެކަމަށް ކިތަންމެ ގިނަ ވަގުތެއް ދިނަސް، "އަލާނުކެނޑޭ" ވަރަށެވެ.