Roadha Mihaaru
ތާރީހު ގެއްލޭތީ އާ ލޯގޯ މިނިސްޓަރަށް ކަމަކު ނުދޭ!

ތަރިކަ އާއި ތާރީހު ގެއްލޭތީ، މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ މިނިސްޓަރަށް ކަމަކު ނުދޭ

28 ނޮވެމްބަރ 2021

މާލޭ ސިޓީ ކައުންސިލް އިދާރާގެ އާ ލޯގޯ އިން ތަރިކަ އާއި ތާރީހު ގެއްލޭ ކަމަށާއި ސަގާފަތް ދިރުވެނީ ކުރީގެ ލޯގޯ އިން ކަމަށް، ރާއްޖޭގެ ސަފާތާއި ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލް އިދާރާގެ އާ ލޯގޯ އިން ތަރިކަ އާއި ތާރީހު ގެއްލޭ ކަމަށާއި ސަގާފަތް ދިރުވެނީ ކުރީގެ ލޯގޯ އިން ކަމަށް، ރާއްޖޭގެ ސަފާތާއި ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިދާރާގެ ލޯގޯ ބަދަލުކޮށް އާ ލޯގޯއެއް ތައާރަފްކުރީ މި ދައުރުގެ ފުރަތަމަ ހަ މަސް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަށް ހުންނަވައި ލޯގޯ ބަދަލުކުރެއްވިއިރު، މާލޭގެ އެއްވެސް ރަމްޒެއް ލޯގޯގައި ނެތް ކަމުގެ ފާޑުކިއުން ބޮޑެވެ.

އެ ފާޑުކިއުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން، ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލް އިދާރާގެ ކުރީގެ ލޯގޯ އިން ރަމްޒު ކޮށްދިނީ މާތްވެގެންވާ އިސްލާމް ދީނާއި މާލޭގެ ދިގު ތާރީހާއި ޒަމާންވީ ތަރިކަ އާއި ސަގާފަތް ކަމަށެވެ. ދިވެހިންގެ އަމިއްލަ ވަންތަކަމާއި ފަންނުވެރިކަން ކުރީގެ ލޯގޯ އިން ފެނުނު ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އާ ލޯގޯއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ފާޅުކުރައްވައިފަ އެވެ.

"އަޅުގަނޑަށް އެ ލޯގޯ [ކުރީގެ ލޯގޯ] މާ ރީތި،" ޔުމްނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާ ލޯގޯ ތައާރަފުކުރުން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާ ލޯގޯ ތައާރަފުކުރުން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯ ބަދަލުކޮށް، މިހާރު ބޭނުންކުރަން ފަށާފައި ވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމަށް ބަލައިގެން، މާލޭގެ ހަ އަވަށް ދައްކައިދޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯއެކެވެ.

އާ ލޯގޯއާ ގުޅޭ ހިތްހަމަނުޖެހުންތަކަށް ރައްދު ދެއްވައި މާލޭގެ މޭޔަރު ޑރ. މުއިއްޒު މިއަދު "މިހާރު" އަށް ވިދާޅުވީ މި ލޯގޯ ފަރުމާކޮށްފައި ވަނީ މާލޭގެ ހަ އަވަށް ރަމްޒުވާނެ ގޮތަށް ކަމަށާއި މި ލޯގޯގައި ހިމެނޭ ކުލަތަކަކީ އެއްވެސް ކަހަލަ ސިޔާސީ ނިޔަތެއްގައި ބޭނުން ކޮށްފައިވާ ކުލަތަކެއް ނޫން ކަމަށެވެ.

"އެއްވެސް ގޮތަކަށް ސިޔާސީ ކުރުމުގެ ނިޔަތުގައެއް ނޫން އަޅުގަނޑުމެން ލޯގޯ ބަދަލުކުރީ. ކައުންސިލުން ހިދުމަތް ދިނުމުގައި ވެސް އަޅުގަނޑުމެން ވަކި ފިކުރަކަށް، ކުލައަކަށް ނުބަލަން،" އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ބޭނުންކުރަމުން އަންނަ ލޯގޯ ބަދަލުކުރި މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބޭނުންކުރީ މާލޭގެ މަލަމަތި ސިފަވާ ގޮތަށް، މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރާއި ދިވެހި ދިދަ ހިމަނައިގެން ފަރުމާކޮށްފައިވާ ލޯގޯއެކެވެ. ހުކުރު މިސްކިތުގެ މުންނާރު ފެންނަ ލޯގޯ ބޭނުންކުރަން ފެށީ، މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގަ އެވެ.