Roadha Mihaaru
އާމްދަަނީ ދަށްވުމުން މުވައްޒަފުން "ގަން ހިންގައިފި"

ކުންފުނީގެ އާމްދަނީ ދަށްވަމުން މުވައްޒަފުން ހަތަރެސްފައިގައި ހިންގުވައިފި

21 ޖެނުއަރީ 2019

ޗައިނާގައި ކޮސްމެޓިކްސް އުފައްދާ ކުންފުންޏެއްގެ މިދިޔަ އަހަރުގެ އާމްދަނީ، ލަފާކުރި ވަރަށް ވުރެ ދަށްވުމުން އެތަނުގެ މުވައްޒަފުންގެ ބޮލުގައި ޒިންމާ އަޅުވައި، އެ މީހުން ހަތަރެސްފައި ޖަހައިގެން މަގުމަތީގައި ހިންގުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގައި ކޮސްމެޓިކްސް އުފައްދާ ކުންފުންޏެއްގެ މިދިޔަ އަހަރުގެ އާމްދަނީ، ލަފާކުރި ވަރަށް ވުރެ ދަށްވުމުން އެތަނުގެ މުވައްޒަފުންގެ ބޮލުގައި ޒިންމާ އަޅުވައި، އެ މީހުން ހަތަރެސްފައި ޖަހައިގެން މަގުމަތީގައި ހިންގުވައިފި އެވެ.

ޗައިނާގެ ޝަންޑޮން ޕްރޮވިންސްގައި މިކަން ކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެގޮތުން މަގުމައްޗަށް ހަ މުވައްޒަފަކު ނެރެ، ހަތަރެސްފައި ޖަހައިގެން ހިންގުވި އިރު އެ މީހުން ގެންދިޔައީ ރަތް ކުލައިގެ ދިދައެއް ހިފައިގެން ހުރި މީހެއްގެ އޯޑަރާ އެއްގޮތަށް ކަންކުރަމުންނެވެ.

މި މަންޒަރު ފެނިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ މި މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުންފުންޏަކުން މުވައްޒަފުންނަށް މި ދިން ހަރުކަށި އަދަބާ އެކު، ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައި، ކުންފުނީގެ މަސައްކަތް މި ވަގުތު ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ނަން ހާމަ ނުކޮށް ކުންފުންޏާ ހަވާލާދީ ޗައިނާގެ ބައެއް މީޑިއާތަކުން ބުނީ ކުންފުނީގެ މެނޭޖަރުގެ އޯޑަރަށް ހަ މުވައްޒަފަކު މަގުމައްޗަށް ނެރެ ހަަތަރެސްފައިގައި ހިންގުވީ، އެ މީހުންގެ ފަފޯމަންސް ދަށްވުމުން، އެކަން "މޯޓިވޭޓް" ކުރަން ކަމަށެވެ.

މިދިޔަ އަހަރު ޗައިނާގެ ކުންފުންޏަކުން ވަނީ އާމްދަނީ ދަށްވުމުން މުވައްޒަފުންނަށް އަދަބެއްގެ ގޮތުން ކުރަފި ކާން ވެސް މަޖުބޫރުކޮށްފަ އެވެ.