Roadha Mihaaru
މެގައިން ކަނޑާލި މީހުންގެ %80 އަލުން ވަޒީފާ އަށް

މެގަ މޯލްޑިވްސް އިން ކަނޑާލި މީހުންގެ 80 ޕަސެންޓަށް އަލުން ވަޒީފާ ދީފި

02 ނޮވެމްބަރ 2016

ވިޔަފާރި ދަށްވުމުގެ ސަބަބުން ވަޒީފާ އިން ވަކިކުރި 120 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށް މެގަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވިޔަފާރި ދަށްވުމުގެ ސަބަބުން ވަޒީފާ އިން ވަކިކުރި 120 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށް މެގަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ ކުންފުންޏަށް ކުރިމަތިވި ވިޔަފާރީގެ ގޮންޖެހުންތަކާ ގުޅިގެން 65 މަގާމެއް އުވާލައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށް މެގާ ރީސްޓްރަކްޗާ ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާލައިން ކަމަށްވާ މެގަ މޯލްޑިވްސް އިން މިދިޔަ އޮގަސްޓް މަހު ނިންމި އެވެ. އެ ބަދަލުތަކާ އެކު، މުވައްޒަފުންގެ އަދަދު 400 އިން 278 އަށް ވަނީ މަދުކޮށްފަ އެވެ.

މެގަ މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް މިފްޒާލް އަހުމަދު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗާ ކުރަން ޖެހުނީ އާ މަންޒިލްތަކަށް ދަތުރު ފެތުރުމަށާއި އެ ނޫން ވެސް ބަދަލުތައް ގެނައުމަށް ކަމަށެވެ. އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އޭގެ ދަށުން މި އަހަރު ނިމެންވާއިރަށް، ވަޒީފާ އިން ވަކިކުރި އެންމެންނަށް އަލުން ވަޒީފާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރު އިތުރު މުވައްޒަފުން ނެގޭނެ ކަމަށް،" މެގަ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފްޒާލް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ވެސް ހީނަރުވެ، ހާއްސަކޮށް ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެ ގޮތުން، ޗައިނާ މާކެޓް ވަނީ މި އަހަރު ގާތްގަނޑަކަށް 13 ޕަސެންޓް ވެއްޓިފަ އެވެ.

ރާއްޖެ އައި ޗައިނާގެ ދެ ޓޫރިސްޓަކު އެއާޕޯޓުގައި މަޑުކޮށްލައިގެން: ޗައިނާ މާކެޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އައި ޗައިނާގެ ދެ ޓޫރިސްޓަކު އެއާޕޯޓުގައި މަޑުކޮށްލައިގެން: ޗައިނާ މާކެޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މިފްޒާލް ވިދާޅުވީ ޗައިނާ އިން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ ގެންނަ މެގަ މޯލްޑިވްސް ނެތް ނަމަ، ޗައިނާ މާކެޓް އެ އަށް ވުރެ ވެސް ދަށަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއާލައިނުން އުފުލި ޗައިނާގެ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި އެކަމަކު އެކަން ކުރެވުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ޓިކެޓްގެ އަގުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރަން ޖެހުނު ކަމަށް މިފްޒާލް ވިދާޅުވި އެވެ.

ޗައިނާ މާކެޓް ދަށަށް ދިޔައީ، އޭނާ ވިދާޅުވި ގޮތުގައި، ޗައިނާ ޓޫރިސްޓުންގެ މެދުގައި މެލޭޝިއާ އާއި އިންޑޮނީޝިއާގެ ބާލީ އަދި ސްރީ ލަންކާ ފަދަ ގައުމުތައް ވެސް ޕްރޮމޯޓްކޮށް، އެ މަންޒިލްތަކުގެ މަގުބޫލުކަން އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. އެހެންވެ، ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން އިތުރުކުރުމަށް ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށް، ތަފާތު ކަންކަން ކުރަންޖެހޭކަން މިފްޒާލް ފާހަގަކުރެއްވި އެވެ.

"ސަރުކާރާއި އެމްއެމްޕީއާރުސީ އާއި އެއާލައިންތަކުން ގުޅިގެން މަސައްކަތްކޮށްގެން މިއީ ކުރެވިދާނެ ކަމެއް،" މިފްޒާލް ވިދާޅުވި އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގާ މޯލްޑިވްސްގެ ފަސްވަނަ އަހަރީ ދުވަސް އަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އެ އެއާލައިނުން ވަނީ އަވަށްޓެރި އިންޑިއާ އާއި ލަންކާ އަށް ދަތުރުތައް ފަށަން ނިންމައިފަ އެވެ. މި މަހު ފަށާ އެ ދަތުރުުތަކާ އެކު، ކުރިން ޗައިނާ މާކެޓަށް ބަރޯސާވެފައި އޮތް އެއާލައިންގެ އުދުހުންތައް ފުޅާވާނެ އެވެ.