Roadha Mihaaru
މުވައްޒަފުންނަށް ފާރަލާ ކުޝަންއެއްގެ މައްސަލަ ހޫނުވެއްޖެ

މުވައްޒަފުންނަށް "ފާރަލާ" ކުޝަންއެއްގެ މައްސަލަ ހޫނުވެއްޖެ

14 ޖެނުއަރީ 2021

ޗައިނާގެ ޓެކް ކުންފުންޏަކުން އެތަނުގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި، އިށީންނަ ގޮނޑިގައި އަޅަން ދިން "ސްމާޓް ކުޝަން" އަކީ މުވައްޒަފުންގެ ސިއްހަތަށްޓަކައި ދިން އެއްޗެއް ކަމަށް ގަބޫލު ކުރެވުނަސް އޭގެ ބޭނުން ކުންފުނީގެ މެނޭޖްމަންޓުން ހިފަނީ "ފާރަލާ" އެއްޗެއްގެ ގޮތުގައިކަން ފަޅާއަރައި މައްސަލަ ހޫނުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ޓެކް ކުންފުންޏަކުން އެތަނުގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި، އިށީންނަ ގޮނޑިގައި އަޅަން ދިން "ސްމާޓް ކުޝަން" އަކީ މުވައްޒަފުންގެ ސިއްހަތަށްޓަކައި ދިން އެއްޗެއް ކަމަށް ގަބޫލު ކުރެވުނަސް އޭގެ ބޭނުން ކުންފުނީގެ މެނޭޖްމަންޓުން ހިފަނީ "ފާރަލާ" އެއްޗެއްގެ ގޮތުގައިކަން ފަޅާއަރައި މައްސަލަ ހޫނުވެއްޖެ އެވެ.

ޒެޖިއަން ޕްރޮވިންސްގައި ހީބޯ ޓެކްނޮލޮޖީގެ ނަމުގައި ހިންގާ ކުންފުނީގެ ބައެއް މުވައްޒަފުން މި ވާހަކަ ބައެއް މީޑިއާތަކާ ވެސް ހިއްސާކޮށްފައިވެ އެވެ. އެ މީހުން ބުނި ގޮތުގައި ކުންފުނީގެ ފަރާތުން "ސްމާޓް ކުޝަން" ދިނީ މުވައްޒަފުން މަސައްކަތްކުރާ ވަގުތުތަކުގައި ސިއްހަތަށް ސަމާލުކަން ދިނުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ގަބޫލުކުރި އެވެ.

އެ ކުޝަން އަކީ އިށީންނަ ގޮނޑީގައި އެ އަޅާލައިގެން އޭގެ މަތީގައި އިންނަ އިރު އޮފީސްތެރޭގައި ބަހައްޓާފައި ހުންނަ ސިސްޓަމްތަކެއް މެދުވެރިކޮށް މީހާގެ ހިތުގެ ވިންދާއި ނޭވާލާ މިންވަރާއި އިށީނދެގެން އިންނަ ގޮތް ފަދަ ކަންކަން މޮނިޓާކުރާ އެއްޗެކެވެ. އަދި މާ ގިނަ އިރު އިށީނދެ އިންނަ ނަމަ ތެދުވެ، ހަރަކާތްކުރަން ވެސް "ސްމާޓް ކުޝަން" އިރުޝާދު ދެ އެވެ.

މިކަންކަން ކުޝަން ކޮށްދޭތީ މުވައްޒަފުން ކުރިން ގަބޫލުކުރީ މިއީ އެ މީހުންނާ ދޭތެރޭ ކުންފުނީގެ ފަރާތުން އަޅާލާތީ ދިން ހަދިޔާއެއް ކަމަށެވެ. އެކަމަކު މަސްތަކެއް ފަހުން އެނގުނީ "ސްމާޓް ކުޝަން" ގެ އެހީގައި ކުންފުނީގެ ވެރިން މުވައްޒަފުނަށް ފާރަލައި، ޒާތީ ކަންކަން ވެސް ބަލަމުންދާ ކަމެވެ.

"އެކަމަކު އެ ކުޝަން ބޭނުންކޮށްގެން މުވައްޒަފުންނަށް ވަރަށް ބޮޑަށް މެނޭޖްމަންޓުން ފާރަލާ. އެގޮތުން މޫޑް ބަލައި މަސައްކަތްކުރާ ޑެސްކް ކައިރީގައި މުވައްޒަފަކު ނެތް ނަމަ އެކަން ވެސް ފާހަގަކޮށް އުސޫލުތަކުގެ ބޭރުން ފިޔަވަޅު އަޅާކަން ވެސް ވަނީ ފާހަގަކުރެވިފައި،" އަންހެން މުވައްޒަފަކު ބުންޏެވެ.

އެހެން މުވައްޒަފަކު ބުނި ގޮތުގައި މިފަދަ ގޮތަކަށް "ސްމާޓް ކުޝަން" ގެ ބޭނުން ކުންފުނިން ހިފުމަކީ އެ މީހުން "ބަރަހަނާކޮށް، އަޅުވެތިކުރަން" މަސައްކަތް ކުރުމެވެ.

"އެއިން ނަގާ ޑޭޓާގެ ބޭނުން މެނޭޖްމަންޓުން ދަނީ ނަހަމަގޮތުގައި ހިފަމުން. މިއީ ހަގީގަތުގައި މުވައްޒުންނަށް ބިރު ވެސް ދެއްކުން ކަހަލަ ކަމެއް،" މުވައްޒަފަކު ބުންޏެވެ.

ހީބޯ ޓެކްނޮލޮޖީގެ މި އަމަލުގެ ވާހަކަ ތިލަވުމުން ވަރަށް ގިނަ ބަޔަކު ދަނީ އެ ކުންފުންޏަށް ފާޑު ވެސް ކިޔަމުންނެވެ.

މިކަމާ ގުޅިގެން ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ "ސްމާޓް ކުޝަން" މުވައްޒަފުންނަށް ދިނީ އެއްކުރަން ހަމަޖެހިފައިވާ ޓެސްޓް ޑޭޓާތަކެއްގެ ބޭނުމުގައި ކަމަށެވެ.

"އެއީ މުވައްޒަފުން މޮނިޓަކޮށް ފާރަލާން ބޭނުންކުރާ އެއްޗެއް ނޫން. އެއީ އަހަރެމެން މާކެޓަށް ނެރެން ނިންމާފައިވާ ސްމާޓް-ސީޓް އެކްސަރީޒްތަކެއް ޓެސްޓްކުރުމުގެ ތެރެއިން މުވައްޒަފުންނަށް ދިން ކުޝަންތަކެއް." އޭނާ ވިދާޅުވި އެވެ.