Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

22 ޖެނުއަރީ 2019

ޒީ ސްޓޫޑިއޯސް އިން މި އަހަރަށް ރާވާފައިވާ ޕްލޭންތަކުގެ ދަށުން ފިލްމުތަކެއް ހަދަން ހަތަރު ޑައިރެކްޓަރަކާ އެކު އެއްބަސްވުންތަކެއް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒީ ސްޓޫޑިއޯސް އިން މި އަހަރަށް ރާވާފައިވާ ޕްލޭންތަކުގެ ދަށުން ފިލްމުތަކެއް ހަދަން ހަތަރު ޑައިރެކްޓަރަކާ އެކު އެއްބަސްވުންތަކެއް ހަދައިފި އެވެ.

މީގެ ތެރޭގައި މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ކޮރިއޯގްރާފަރު ބޮސްކޯ މާޓިސް ހިމެނެ އެވެ. އޭނާއަކީ ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކުގެ ކޮރިއޯ ހަދައިދީފައިވާ މަޝްހޫރު ފަންނާނެކެވެ.

ޒީ ސްޓޫޑިއޯ އިން ދެން އެއްބަސްވުން ހެދި ޑައިރެކްޓަރުންނަކީ "ޓޮއިލެޓް: އޭކް ޕްރޭމް ހަތާ" އާއި ""ބައްތީ ގުލް މީޓަރު ޗާލޫ" ފަދަ ފިލްމުތައް ގެނެސް ދިން ޝްރީ ނާރަޔަން ސިންގް އާއި "ހައުސްފުލް 3" ގެ ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު ސާޖިދު ސަމްޖީ އާއި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ޖޯން އަބްރަހަމްގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެނެސް ދިން އަބީޝެކް ޝަރުމާ އެވެ.

ޒީ ސްޓޫޑިއޯސް މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަކީ ކްރިޝް އާއި ބަތަލާ ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށްފައިވާ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.

ރޯނީގެ ހަމަލާއެއް ޝާކްރުކަށް

"ޒީރޯ"ގެ ބޮޑު ނާކާމިޔާބީއާ ގުޅިގެން ޝާހްރުކް ހާން ސޮއިކޮށްފައި އޮތް، ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" އިން އޭނާ ވަކިވުމުން، ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ނުސީދާކޮށް ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ ބައެއް ފަހަރު ކާމިޔާބީ އާއި ނާކާމިޔާބީއަކީ ހީ ވެސް ނުކުރާ ކަހަލަ ކަމަކަށް ވެދާނެ ކަމަށެވެ.

އެހެންވެ ކަމެއް ފެށުމުގެ ކުރިން ދުރާލައި އެކަމަށް ތައްޔާރުވެ، ހިސާބުކިތާބު ހަދައިގެން ކުރިއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރޯނީ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް "ސާރޭ ޖަހާ ސެ އައްޗާ" ދޫކޮށްލީ ފަރްހާން އަހްތަރު ޑައިރެކްޓް ކުރާ "ޑޮން 3" އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި އެ ފްރެންޗައިޒަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެއްޗަކަށްވާތީ، "ޑޮން 3" އަކީ ކާމިޔާބު ފިލްމަކަށް ވެދާނެ ކަމުގެ ޔަގީންކަން ޝާހްރުކަށް އޮތް ކަމަށްވެ އެވެ.

ނަކްޝްފެ ރޯލަށް ޝެހެޒާދު

ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނަކްޝްގެ ރޯލް ކުޅެމުން ދިޔަ ރޯހަން މެހެރާ އެ ރޯލް ދޫކޮށްލުމުން އަލަށް އެ ރޯލާ ހަވާލުވި ޝެހްޒާދު ޝެއިހް ކާސްޓާ ގުޅި ޝޫޓިން ވެސް ފަށައިފި އެވެ.

ޝެހްޒާދު "ޔޭ ރިޝްތާ" ގެ ސެޓްގައި.

އޭނާ ވަނީ އިންސްޓަގްރާމްގައި ޝޫޓިން ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. ޝެހްޒާދު އެންމެ ފަހުން ފެނިފައި ވަނީ ކަލާޒުން މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ބޭޕަނާ" އިންނެވެ. ނަކްޝްގެ ކެރެކްޓާއަކީ ސިލްސިލާގެ މިހާރުގެ ލީޑް ބަތަލާ ނައިރާގެ ބޭބެ އަދި އޭނާގެ ފިރިމީހާ ކާތިކްގެ ދައްތަ ކްރިތީގެ ފިރިމީހާގެ ރޯލެވެ.

"ޔޭ ރިޝްނާ ކިޔާ ކެހެލާތާ ހޭ" އަކީ ސްޓާ ޕްލަސްގެ އެންމެ ދުވަސްވީ އެއް ސިލްސިލާ އެވެ. މީގެ ކާސްޓުން ކުރިން ވެސް ތަރިންތަކެއް ވަކިވެގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި ނައިތިކްގެ ރޯލް ކުޅުނު ކަރަން މެހެރާ އާއި އަކްޝަރާގެ ރޯލް ކުޅުނު ހީނާ ހާން ފާހަގަކޮށްލެވެ އެވެ.

"އިންޑިއަން 2" ގެ ރޯލަކަށް އަބީޝެކް

ކަމަލް ހަސަންގެ ވަދާއީ ފިލްމު "އިންޑިއަން 2" ގެ ރޯލަކަށް އަބީޝެކް ބައްޗަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން މި ފިލްމުގެ ރޯލެއް ވަނީ އަކްޝޭ ކުމާރާއި އަޖޭ ދޭވްގަން އަށް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް އެ ދެ ތަރިން އެހެން ފިލްމުތަކެއްގައި ބިޒީވެގެން ވަގުތު ދެވެން ނެތުމުން، އަބީޝެކް ފިލްމަށް ނެގީ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ.

އަބީޝެކް: "އިންޑިއަން 2" އިން ފެންނާނެ ކަމަށްވޭ.

މިދިޔަ އަހަރު "2.0" ގެނެސް ދިން ޝަންކަރު ޑައިރެކްޓް ކުރާ "އިންޑިއަން 2" ގެ ޝޫޓިން މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ފިލްމުގެ ބަތަލާއަކީ ކާޖަލް އަގަރްވާލެވެ.

"އިންޑިއަން 2" އަކީ ކަމަލްއާ އެކު 1996 ގައި ޝަންކަރު ގެނެސް ދިން ދިން "އިންޑިއަން" ގެ ދެވަނަ ބައެވެ.

އަބީޝެކް މި ވަގުތު އަންނަނީ އަނޫރާގް ބާސޫގެ އައު ފިލްމާއި އެމެޒޯންގެ ވެބް ސީރީޒް "ބްރީތު 2" ގެ މަސައްކަތް ކުރަމުންނެވެ.