Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

24 ޖެނުއަރީ 2020

ޝާހްރުކް ޚާން ޕްރޮޑިއުސްކޮށް، އަބީޝެކް ބައްޗަން ކުޅޭ ފިލްމު "ބޮބް ބިސްވާސް" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާން ޕްރޮޑިއުސްކޮށް، އަބީޝެކް ބައްޗަން ކުޅޭ ފިލްމު "ބޮބް ބިސްވާސް" ގެ ޝޫޓިން ފަށައިފި އެވެ.

މި ކްރައިމް ތުރިލާ އަކީ ޑައިރެކްޓަރު ސުޖޯއި ގޯޝް 2012 ގައި ވިދިޔާ ބާލަންއާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "ކަހާނީ" ގައި ހިމެނުނު ނުރައްކާތެރި ކެރެކްޓާ ބިސްވާސް އަށް ބިނާކޮށްހަދާ ފިލްމެކެވެ. "ކަހާނީ" ގައި އެ ކެރެކްޓާ ކުޅުނީ މަޝްހޫރު ބެންގާލީ އެކްޓަރު ސަސްވަތާ ޗެޓަޖީ އެވެ.

"ބޮބް ބިސްވާސް" ޑައިރެކްޓަރު ސުޖޯއިގެ ދަރިފުޅު ދިވްޔާ އައްނަޕޫރްނާ ގޯޝް އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޗިތުރަންގަދާ ސިންގް ވެސް ހިމެނެ އެވެ.

"ބޮބް ބިސްވާސް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "މަންމަރުޒިޔާ" އިން ފެނިގެން ދިޔަ އަބީޝެކް މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކީ އަންނަ އެޕްރީލް މަހުގެ 24 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ލޫޑޯ" އެވެ.

އޭނާ މިހާރު ކުޅެމުން އަންނަ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ކުކީ ގްލާޓީ ޑައިރެކްޓްކުރާ "ދަ ބިގް ބުލް" ވެސް ހިމެނެ އެވެ.

"ޝަލާންގް" ގެ ޕޯސްޓަރު ދައްކާލައިފި

އަޖޭ ދޭވްގަން އާއި ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސްކޮށްފައިވާ ޑައިރެކްޓަރު ހެންސެލް މެހެތާގެ އާ ފިލްމު "ޝަލާންގް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަންނަ މާޗް މަހުގެ 13 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ ސޯޝަލް ބްލެކް ކޮމެޑީއެކެވެ. "ޝަލާންގް" ގެ ލީޑް ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ނުސްރަތު ބަރޫޗާ އެވެ.

ފިލްމުގެ ރޯލަކުން މުހައްމަދު ޒީޝާން އައްޔޫބް ވެސް ފެނިގެން ދާނެ އެވެ.

"ޕަންގާ" އަކީ މޮޅު ފިލްމެއް

ހުކުރު ދުވަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ޕަންގާ" އަކީ މޮޅު ފިލްމެއް ކަމަށާއި އެ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.

ފިލްމަށް ފަހެކުން ތިނެއް ބައިގެ ރޭޓިންއެއް ދެމުން އޭނާ ބުނީ އެ ފިލްމަކީ "ހާޓްވޯމިން" ފިލްމެއް ކަމަށާއި މީގެ އެންމެ ހާއްސަ ކަމަކީ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ރަނގަޅުވުމުގެ އިތުރަށް ކަންގަނާގެ އެކްޓިން ވެސް ފުރިހަމަވުން ކަމަށެވެ.

ކައިވެނިކޮށް ދަރިއަކު ލިބޭ ފަހުން އަންހެނަކު، ގައުމީ ފެންވަރުގެ ކަބައްޑީ ކުޅުންތެރިއަކަށްވާން ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތްތައް ދައްކުވައިދޭ "ޕަންގާ" އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރި އިރު، ސްކްރީންޕްލޭ ލިޔުނީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ފިލްމުތައް ގެނެސްދިން އޭނާގެ ފިރިމީހާ ނިތޭޝް ތިވާރީ އެވެ.

"ޕަންގާ" ކާސްޓުންގެ ތެރޭގައި ޖައްސީ ގިލް، ނީނާ ގުޕްތާ އަދި ރިޗާ ޗައްޑާ ހިމެނެ އެވެ.

"އިޝްގް މޭ މަރުޖާވާ 2" ގެ ޕްރޮމޯއެއް

ކަލާޒުން ގެނެސްދިން ކާމިޔާބު ތުރިލާ ސިލްސިލާ "އިޝްގް މޭ މަރުޖާވާ" ގެ ދެވަނަ ސީޒަނެއް މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ނިންމައި، އޭގެ ޕްރޮމޯއެއް ވެސް ދައްކާލައިފި އެވެ.

ކަލާޒުން މިހާރު ގެނެސްދޭ "ބިގް ބޮސް" ސީޒަން 13 ނިމުން ދައްކަން ފަށާ މި ސިލްސިލާގެ ލީޑް ރޯލުން މި ފަހަރު ފެނިގެންދާނީ ހެލީ ޝާހާއި ވިޝާލް ވަޝިސްތާގެ އިތުރުން ރަހޫލް ސުދީރެވެ.

ސެޕްޓެމްބަރު 28، 2017 ފެށިގެން ޖޫން 28، 2019 އަށް ގެނެސްދިން "އިޝްގް މޭ މަރުޖާވާ" ގެ ލީޑް ރޯލް ކުޅުނީ އަރުޖުން ބިޖިލާނީ އާއި އާލިޝާ ޕަންވަރާއި ނިއާ ޝަރުމާ އެވެ.

ފުރަތަމަ ސީޒަނުގައި ބެލުންތެރިންނަށް ޖުމްލަ 475 އެޕިސޯޑް ގެނެސްދިނެވެ.