Roadha Mihaaru
ހަމޭސް އާސެނަލަށް ދާން ލިބުނު ފުރުސަތު ދޫކޮށްލައިފި

ހަމޭސް އާސެނަލަށް ދާން ލިބުނު ފުރުސަތު ދޫކޮށްލައިފި

22 ޖެނުއަރީ 2019

މިއުނިކް (ޖެނުއަރީ 22) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަަލަށް ބަދަލުވާން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ހުނަރުވެރި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ދޫކޮށްލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ޖެނުއަރީ 22) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަަލަށް ބަދަލުވާން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ހުނަރުވެރި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ދޫކޮށްލައިފި އެވެ.

އުމުރުން 27 އަހަރުގެ ހަމޭސް މި ވަގުތު ބަޔާނުގައި ހުރީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަނުގެ ނިޔަަލަށް އެ އެއްބަސްވުން ހަމަވާއިރު، އޭގެ ކުރިން ހަމޭސް އެ ޓީމު ދޫކޮށްލަފާނެ ކަމަށް ބެލެވުނީ މި ސީޒަނުގައި ބަޔާނާ ހަވާލުވި ކޯޗު ނިކޯ ކޮވަޗްގެ ޓީމުން ހަމޭސް އަށް ފުރުސަތު ލިބުން މަދުވެފައިވާތީ އެވެ.

މި ސީޒަނުގައި މިހާތަނަށް ލީގުގައި ބަޔާނުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހަމޭސް ކުޅެފައިވަނީ ފަސް މެޗެވެ. މިދިޔަ ނޮވެމްބަރު މަހު މެދުތެރޭގައި ހަމޭސްގެ ކަކުލަށް އަނިޔާވިއިރު، އޭނާ ކުޅުމަށް އެނބުރި އައީ ފިނި މޫސުމަށް ޖަރުމަނު ލީގު މެދުކަނޑާލުމަށް ފަހު އަލުން ފެށި މެޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހަމޭސް ކުޅެން އެރި މި މެޗުން ބަޔާން މޮޅުވީ ހޮފެންހައިމާ ވާދަކޮށް 3-1 އިންނެވެ.

އީއެސްޕީއެން އިން ރިޕޯޓުކުރާ ގޮތުގައި އާސެނަލުން މަސައްކަތްކުރީ ސީޒަނުގެ ބާކީ ބަޔަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް މެސުތު އޮޒިލް ދިނުމަށް ފަހު ހަމޭސް އެ ޓީމަށް ގެންނާށެވެ. އެ ޑީލަށް ބަޔާނާއި ހަމޭސްގެ ބެލެނިވެރި ކްލަބް ރެއާލް މެޑްރިޑުން ވެސް އެއްބަސްވެ އެވެ. އެކަމަކު މި ހުށަހެޅުމަށް ފުރަގަސްދިނީ ހަމޭސް އެވެ. ރިޕޯޓްތައް ބުނާގޮތުން ހަމޭސް ބޭނުންވަނީ ބަޔާނާ އެކު ކާމިޔާބު ސީޒަނެއް ނިންމާލުމަށް ފަހު އަލުން ރެއާލަށް ގޮސް މުސްތަގުބަލާ ގުޅޭގޮތުން ރަނގަޅު ގޮތެއް ނިންމާށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ވިސްނުން ހުރީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ގަންނަން ހަމޭސް ބޭނުންކުރުމަށެވެ. އެ ގޮތުން ރެއާލުން މަސައްކަތްކުރާނީ 15 މިލިއަން ޕައުންޑާއި ހަމޭސް ދިނުމަށް ފަހު އެރިކްސަންގެ ސޮއި ހޯދާށެވެ.