Roadha Mihaaru
ހަމޭސް އަށް އަނިޔާވެ ބަޔާނަށް އިތުރު ބޮލުގެ ރިހުމެއް

ހަމޭސް އަށް އަނިޔާވެ ބަޔާނަށް އިތުރު ބޮލުގެ ރިހުމެއް

16 ނޮވެމްބަރ 2018

ބާލިން، ޖަރުމަން (ނޮވެމްބަރު 16) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި އަހަރު ބާކީ ބައިގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާލިން، ޖަރުމަން (ނޮވެމްބަރު 16) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި އަހަރު ބާކީ ބައިގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ހަމޭސްގެ ކަކުލު ލިގަމެންޓަށް އަނިޔާވީ އަންގާރަ ދުވަހު ބަޔާންގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހަމޭސްގެ ހާލަތު މޮނިޓަކުރާނެ ކަމަށް ބަޔާނުން ވަނީ ބުނެފަ އެވެ. އަދި ކުޅުމަށް އެނބުރި އަންނާނެ ރަސްމީ ތާރީހެއް އިއުލާން ނުކުރި ނަމަވެސް އެ ކްލަބުން ބުނީ މި އަހަރު އޭނާ އަށް ކުޅެވުމުގެ ފުރުސަތު ކުޑަކަމަށެވެ.

ފިނި މޫސުމަށް ޖަރުމަނު ލީގު މެދުކަނޑާލާނީ އަންނަ މަހު 23 ވަނަ ދުވަހު އެވެ. ބަޔާނުން އުއްމީދުކުރަނީ އަލުން ޖެނުއަރީ މަހު ލީގު ފަށާއިރު އުމުރުން 27 އަހަރުގެ ހަމޭސް އަށް ކުޅެވޭގޮތް ހެދުމަށެވެ.

ހަމޭސް އަކީ ބަޔާނުގެ އަނިޔާ ލިސްޓަށް އިތުރުވި ހަތަރު ވަނަ މިޑްފީލްޑަރެވެ. އޭނާގެ އިތުރުން ބަޔާނުގެ މެދުތެރެއަށް ކުޅޭ ތިއާގޯ އަލްކަންޓްރާ އާއި ކޮރެންޓިން ޓޮލީސޯ އަދި އާރްޔެން ރޮބެން ހުރީ އަނިޔާގަ އެވެ.

ބަޔާނުން ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ފަހަކަށް އައިސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ހަމޭސް އަށް އަނިޔާވުމުކީ ކޮވަޗަށް ކުރިމަތިވި އިތުރު ބޮލުގެ ރިހުމެކެވެ.

މިދިޔަ ސީޒަނުގައި އެއިންޓްރަކްޓް ފްރޭންކްފާޓްގައި ކާމިޔާބު މަސައްކަތެއްކުރި ކޮވަޗް މި ސީޒަނުގައި ބަޔާނާ ހަވާލުވެ ފުރަތަމަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަދި އެ ޓީމަށް ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ލީގު ހޯދުމަށް ވެސް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ލީގުގައި މިހާތަނަށް 11 މެޗު ކުޅުނުއިރު އެއް ވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެން ހަތް ޕޮއިންޓް ފަހަތުގައި ބަޔާން އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.