Roadha Mihaaru
ޕީއެންސީގެ ހުއްދަ ލަސްކޮށް މެމްބަރުން "ތާށިކޮށްފައި"!

ޕީއެންސީގެ ހުއްދަ ލަސްކޮށް ޕީޕީއެމްގެ މެމްބަރުން "ތާށިކޮށްފައި"!

23 ޖެނުއަރީ 2019

ޕީޕީއެމްގެ ގާނޫނީ މައްސަލަތައް ދިގުލައިގެން ދާތީ ފަރުވާއެއް ހޯދަން އުފައްދާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުން ލަސްވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ މެމްބަރުންގެ ހައްގުތަކެއް ގެއްލިދާނެ ކަމުގެ ބިރު ކުރިމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ގާނޫނީ މައްސަލަތައް ދިގުލައިގެން ދާތީ ފަރުވާއެއް ހޯދަން އުފައްދާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުން ލަސްވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ މެމްބަރުންގެ ހައްގުތަކެއް ގެއްލިދާނެ ކަމުގެ ބިރު ކުރިމަތިވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސެއްގެ ގޮތުގައި ހުންނެވި ޕީޕީއެމުން މަޖިލިސް އިންތިޚާބަށް އެ ޕާޓީގެ ޓިކެޓް ގިނަ ބޭފުޅުންތަކަކަށް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ތިއްބެވި 27 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ޔާމީންގެ ސަރުކާރުގެ މިނިސްޓަރުންނާއި އެ ނޫން ވެސް އިސް މަގާމްތައް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ އަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އަންނަ ހޯމަ ދުވަހު ފުރުސަތު ހުޅުވައިލާނެ އެވެ.

ޕީޕީއެމްގެ ޓިކެޓް ހަވާލުކޮށްފައި އޮތަސް، އެ ޕާޓީގެ ނަމުގައި އެ ބޭފުޅުންނަށް ކުރިމަތިލެވޭކަށެއް ނެތެވެ. އެއީ، ޕާޓީގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރަން އާއްމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން އަމިއްލަ އަށް ބަލާ މައްސަލައިގެ ހުކުމް އަތުވެދާނެ ގޮތަކުންނެވެ. މަޖިލިސް އިންތިޚާބު އަންނަ އެޕްރީލް މަހު އޮންނައިރު، ދެން އޮތް އެންމެ ކުރު މަގަކަށް ޕީޕީއެމްގެ ލީޑަޝިޕަށް ފެނިވަޑައިގަތީ ޕީއެންސީ އުފެއްދެވުމެވެ.

އެކަމަކު ޕާޓީ ރަޖިސްޓަރީވެ، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެވިދާނެ ކަމުގެ ޔަގީންކަން ވެސް ކުޑަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

މިއީ، ގަސްތުގައި ޖެއްސުންކޮށް އެތައް ބައެއްގެ ހައްގު ނަގާލުން. --ނިހާން

ޕީއެންސީ ރަޖިސްޓަރީ ކުރުން ލަސްވެ، އެތައް މެމްބަރުންނެއްގެ ހައްގު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. އެއީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ، އިލެކްޝަންސް ކޮމިޝަނުން ޒާތީވެ، ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާ ދެކޮޅަށް ހިންގާ "ވަރަށް ބޮޑު ޖަރީމާއެއް"ގެ ގޮތުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ސިފަކުރައްވަ އެވެ.

"މިއީ، މަޖިލީސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ޕީޕީއެމްގެ މެމްބަރުންނާއި ޕާޓީގެ އާއްމު މެމްބަރުންނާ ދެކޮޅު ވަރަށް ބޮޑު ޖަރީމާއެއް. މިއީ، ގަސްތުގައި ޖެއްސުންކޮށް އެތައް ބައެއްގެ ހައްގު ނަގާލުން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި އެވެ.

ނިހާން: އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕީއެންސީ އުފެއްދުމުގެ ހުއްދަ ހިފަހައްޓަނީ ޕާޓީ އުފައްދަން ހުރަސްއެޅުމަށް. --ފޮޓޯ/މިހާރު

ނިހާން: އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕީއެންސީ އުފެއްދުމުގެ ހުއްދަ ހިފަހައްޓަނީ ޕާޓީ އުފައްދަން ހުރަސްއެޅުމަށް. --ފޮޓޯ/މިހާރު

ޕީއެންސީ އުފެއްދަން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތު އީސީން އިއްޔެ ވަނީ ދޮގުކޮށްފަ އެވެ. މި ތުހުމަތުކުރާނެ ޖާގަ ލިބުނު އެއް ސަބަބަކީ، ޕީޕީއެމް ދަރަންޏާ އެކު "ވަޔަށް ދޫކޮށްލައި" އެހެން ޕާޓީއެއް ހެދުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު އީސީން ދީފައި އޮތުމުންނެވެ.

މި ހާލަތަކީ އިމަޖެންސީ ފަރުވާ އަށް ގެންދިޔަ މީހަކު އިމަޖެންސީ ރޫމުގެ ބޭރުގައި ބާއްވައިގެން ބަލަހައްޓައިގެން ތިބުން. --ނިހާން

އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެއްވެސް ޕާޓީއަކަށް ހުރަސްއެޅުމަކީ އެ ކޮމިޝަނުން ކުރާނެ ކަމެއް ނޫން ކަމަށެވެ. ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ މެމްބަރުންގެ ހައްގު ރައްކާތެރިކޮށް ހިމާޔަތްކޮށްދޭން ކަމަށް ވިދާޅުވި އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، ޕާޓީގެ އާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ ލަސްވަނީ ހުށަހެޅި ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ސައްހަ ނުވެގެންނެވެ. އާ ފޯމުތަކެއް ހުށަހެޅުމުން އެކަން ބަލަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"ޕީއެންސީ އުފައްދަން ސައްހަ 3،000 ފޯމު ހަމަނުވެއޭ ބުނުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫން. އެ އަދަދަށް ފޯމު ހަމަނުވާނެ ބައެއް ނޫން ޕާޓީ އުފައްދަނީ،" ނިހާން ވިދާޅުވި އެވެ.

"އާ ޕާޓީއެއް އުފެއްދުމާ ހަމައަށް ދިޔައީ އަވަސް ފަރުވާއެއް ހޯދަން. އެކަމަކު މި ހާލަތަކީ އިމަޖެންސީ ފަރުވާ އަށް ގެންދިޔަ މީހަކު އިމަޖެންސީ ރޫމްގެ ބޭރުގައި ބާއްވައިގެން ބަލަހައްޓައިގެން ތިބުން."

އޭނާ ވިދާޅުވި ގޮތުގައި، ޕީއެންސީ އުފައްދައި މެމްބަރުންތަކެއްގެ ހައްގު ކަށަވަރުކޮށްދޭން އެ ޕާޓީގެ އިސްބޭފުޅުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ މަސައްކަތަށް، މިނިވަން މުއައްސަސާތަކުންނާއި ގާނޫނީ އެހެން ހުރަސްތަކެއް ގަސްތުގައި ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް ޕީޕީއެމްގެ ޓިކެޓުގައި ނުވަތަ ޕީއެންސީގެ ނަމުގައި ވާދަ ނުކުރެވިއްޖެ ނަމަ ދެން އޮތީ މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހަށް ވާދަކުރުން ކަމަށެވެ. އެކަމަކު އެއީ ވެސް ވަގުތު ނަގާނެ ކަމެއް ކަން ފާހަގަކުރައްވައި، މި މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.