Roadha Mihaaru
އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދިއްޖެ

މަޖިލީސް އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދިއްޖެ

23 ފެބުރުއަރީ 2019

އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކޮށްދޭން އިދިކޮޅު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކޮށްދޭން އިދިކޮޅު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.

ޕީޕީއެމާއި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ އިންތިޚާބަކަށް އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ. އެހެންވެ، މަޖިލީސް އިންތިޚާބު ފަސްކޮށްދޭން އިލެކްޝަންސް ކޮމިޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން، އިންސާފުވެރި އިންތިޚާބަކަށް އެކަށޭނެ މާހައުލެއް ގާއިމްވެފައި އޮތް ކަމަށް އަޅުގަނޑުމެންގެ ކޯލިޝަނަކަށް ނުފެނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބު ފަސްކޮށްދޭން އެދުނީ މިނިވަން މާހައުލެއް ގާއިމްވަންދެނެވެ.

މަޖިލީސް އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދުނު އިރު، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްދޭން ޕީޕީއެމުން ސިވިލް ކޯޓުގައި އެދުނެވެ. ސިވިލް ކޯޓުން އެ ފަހަރު ހުކުމް އިއްވީ ޕީޕީއެމާ އެއްކޮޅަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިންތިޚާބަކަށް މިނިވަން މާހައުލެއް ނެތް ކަމަށް ގަބޫލުކުރަނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ގާނޫނާ ޚިލާފަށް، އުސޫލުން ބޭރުގައި ހައްޔަރުކޮށްފައިވާތީ އެވެ. އެމަނިކުފާނު، މާފުށީ ޖަލުގައި ބަންދުކުރީ، މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެންނެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، އެމްއެމްޕީއާރުސީ ފައިސާ ވަން އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ މަނީ ލޯންޑަރިން ހިންގަވައިފަ އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ މިވަގުތުގެ އަމާޒަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޔާމީން މިނިވަން ކުރެވޭނެ ގޮތެއް ހޯދުމެވެ. ޔާމީން ޖަލަށް ލުމުގެ އިތުރުން ވެސް އެ ކޯލިޝަންގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ކޯލިޝަންގެ ބައެއް ކެންޑިޑޭޓުންގެ ނަން ނޯންނާނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.