Roadha Mihaaru
މައުމޫން މަގުމައްޗެއް ނުކުރެވޭނެ: ސައުދު

މައުމޫން މަގުމަތި ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން: ސައުދު

31 މާޗް 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "މަގުމަތި" ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ގައުމުގެ ސިޔާސީ އެންމެ ބޮޑު ރައުސްމާލު ކަމަށް ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "މަގުމަތި" ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ގައުމުގެ ސިޔާސީ އެންމެ ބޮޑު ރައުސްމާލު ކަމަށް ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހުންނެވި ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ކުރީގެ ރައީސުންނަށް މިއަދު ނުކުރި އިހުތިރާމެއް މާދަމާ ނުކުރެވޭނެ އެވެ. ކުރީގެ ރައީސުން ކަމަށްވާ މައުމޫނާއި މުހައްމަދު ނަޝީދު އަދި މުހައްމަދު ވަހީދުގެ ފޮޓޯފުޅާއެކު ކުރެއްވި ޓްވީޓުގައި ސައުދު ވަނީ އެ ބޭފުޅުންނަށް އިހުތިރާމް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ސައުދު ކުރެއްވި ޓުވީޓު.

ސައުދު އެހެން ވިދާޅުވިއިރު، ވެރިކަން ކުރާ ޕީޕީއެމް އުފެއްދުުމުގައި އެންމެ އިސްކޮށް ހުންނެވި މައުމޫން ވަނީ މިދިޔަ ހޯމަދުވަހު އެ ޕާޓީން ވަކިކޮށްފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ. މައުމޫން ޕާޓީން ވަކިކުރިއިރު، ސިވިލް ކޯޓުގެ އަމުރާ ގުޅިގެން ހ. ތެމާގައި ހިންގަމުންދާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައި ހުރި ނަންބޯޑާއި އެ ޕާޓީގެ ދިދަ ފުލުހުން ވަނީ މިރޭ ގެންގޮސްފަ އެވެ.

ސައުދުގެ ޓުވީޓާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މައުމޫނަކީ ވެރިކަން ކުރެއްވުމުގެ ދިގު ތާރީޚެއް އޮތް ބޭފުޅެއް ކަމަށާއި ގައުމުގައި ހިނގާ ކޮންމެ ކަމެއްގައި އެމަނިކުފާނުގެ ލަފަ އާއި އިރުޝާދު ބޭނުންވާ ކަމަށެވެ. އެކަމަކު ޕީޕީއެމުން މައުމޫން ވަކިކުރި ގޮތާ މެދު ސައުދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ސައުދު ވިދާޅުވީ ޕީޕީއެމްގައި ތިއްބެވީ އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް ހައްލު ކުރެވޭނެ ވަރުގެ ބޭފުޅުންތަކެއް ކަމަށެވެ. އަދި މައްސަލަތައް ހައްލު ކުރަން ކޮންގްރެސްއެއް ބޭއްވުމަށް އޭނާ ގޮވައިލެއްވި އެވެ.

"ޕީޕީއެމްގެ މައްސަލަތައް ހައްލު ކުރެވިގެން ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ޕީޕީއެމް އާންމު މެމްބަރުންނަށް ފުރުސަތު ދޭން ޖެހޭ ކޮންގްރެސްއެއް ބާއްވައިގެން،" މައުމޫންގެ މަންމާފުޅުގެ އާއިލާ އެ ރަށަކުން ފެށިފައިވާ ވިލިނގިލީ ދާއިރާގެ ސައުދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މައުމޫން މަގުމަތި ކުރެވެން ޖެހޭނެ ކަމަކަށް. އެމަނިކުފާނަކީ ވެރިކަމުގައި ހުންނެވި ދުވަސްތަކުގައި ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް."

މައުމޫންގެ ބޮޑު ތާއީދެއް ވެސް އޮންނަ ރަށަށް ނިސްބަތްވާ ސައުދު ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ކުރީގެ ރައީސުންނަށް ގައުމުގައި ތިއްބަވައިގެން ޚިދުމަތް ކުރެއްވުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ އޮއިވަރު ބަދަލުވެ، ރައީސުންނަށް ގައުމުގައި ނުތިއްބެވޭ ނަމަ، ހަމަޖެހުން ގާއިމުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގެ ރައީސުންނަށް ގައުމުގައި ހިދުމަތް ނުކުރެވި، އެހެން ގައުމަކަށް ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަވީމަ، ގަބުރު އެނބުރި ގައުމަށް ގެންނަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ސައުދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މައުމޫން މަގުމަތި ކުރެވެން ޖެހޭނެ ކަމަކަށް. އެމަނިކުފާނަކީ ވެރިކަމުގައި ހުންނެވި ދުވަސްތަކުގައި ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް،" -- ސައުދު

އޭނާ ވަނީ ކުރީގެ ރައީސުންނާ މެދު ކަންކަން ކުރަމުން ދާ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސުންނަށް ޒުވާނުން ކުރާ އިހުތިރާމް ވަރަށް ބޮޑަށް ގެއްލެމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ގާނޫނީ ކުށެއްކޮށްފިނަމަ، އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ކުރެވޭ ކަމަކުން މާދަމާ އަށް ލިބިދާނެ ގެއްލުމަކަށް ވިސްނަން ޖެހޭ. އަޅުގަނޑު ގަބޫލެއް ނުކުރަން އެބޭފުޅުން [ކުރީގެ ރައީސުން] ލެގަސީ ނެތިގެން ދާން ޖެހޭނެ ކަމަކަށް،" ސައުދު ވިދާޅުވި އެވެ.

"ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުން ގައުމުގައި ހަމަޖެހިލައިގެން ތިބެވޭނެ ގޮތް އޮންނަން ޖެހޭ. އެއީ ރައީސް މައުމޫނަކަސް ނަޝީދަކަސް، އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް،"

ސައުދު ވިދާޅުވީ ޝަރުއީ ނިޒާމުގެ ތެރެއިން ކަންކަން ކުރެވެން ޖެހޭނީ އިންސާފުވެރިކަމާއެކު ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ. ޝަރުއީ ނިޒާމު ހަރުދަނާ ވުމަކީ ގައުމުގެ އަމާންކަމާއި މަސްލަހަތު އިތުރަށް ގާއިމު ކުރަން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ ހިމާޔަތުގައި ޚާއްސަކޮށް މައުމޫންގެ ދިފާއުގައި ސައުދު ވާހަކަ ދެއްކެވިއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިޕާ މެދު މީގެ ކުރިން އުފެދުނު ހިޔާލު ތަފާތުވުން ތަކެއްގައި އެ ގްރޫޕްގެ ވައިބަ ގްރޫޕުން ސައުދު ވަނީ ނުކުމެފަ އެވެ. ނަމަވެސް ފަހުން އޭނާ އެ ގްރޫޕަށް ވެއްދި އެވެ. ސައުދު އޭރު ވިދާޅުވެފައި ވަނީ ހިޔާލު ތަފާތުވުންތައް އުޅުނަސް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަކާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ކުރީގެ ރައީސުންނަށް ގައުމުގައި ޚިދުމަތް ނުކުރެވި، އެހެން ގައުމަކަށް ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަވީމަ، ގަބުރު އެނބުރި ގައުމަށް ގެންނަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" --ސައުދު

ގައުމު އިސްލާހު ކުރުމުގެ މަސައްކަތް އިދިކޮޅު ލީޑަރުން ގުޅިގެން ކުރަން ފެށުމުން ލީޑަރުންނަށް ބިރު ދައްކައި، ފިއްތުންތައް ކުރިމަތި ކުރަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ މިއަދު ބުނެފަ އެވެ. އެ ގޮތުން މައުމޫން ޕީޕީއެމުން ވަކި ކުރުމާއި ނަޝީދުގެ މައްޗަށް ޖިނާއީ އިތުރު ދައުވާއެއް ކުރުމަކީ އިދިކޮޅު ލީޑަރުންނަށް ޖެއްސުން ކުރަން ވެގެން ކުރާ ކަމެއް ކަމަށް ކޯލިޝަނުން ބުންޏެވެ.