Roadha Mihaaru
އެޑިއުކޭޝަންގެ ޕީއެސް އެއް މަހަށް ސަސްޕެންޑްކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި

26 ޖެނުއަރީ 2019

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު ސަސްޕެންޑްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު ސަސްޕެންޑްކޮށްފި އެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ "މިހާރު" އަށް މިއަދު ވިދާޅުވީ، ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ސައީދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮމިޝަނުން ބަލާ މައްސަލައިގެ ތަފްސީލެއް ސީއެސްސީ އަކުން ނުދެ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ.

ވަރަށް ކުރިއްސުރެ ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސައީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭނާ އޭގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.

ޖުލައި 21، 2016 ގައި ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުގައި ވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ޖެހެނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

އެކަމަކު، ސިވިލް ސާވިސް ގާނޫނުގައި ކުރިން ވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީ އައްޔަން ކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ސިވިލް ސާވިސް ކޮމިޝަނަށެވެ. ނަމަވެސް، މިނިސްޓަރުގެ ލަފާގެ މަތިން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމަށް ޔާމީންގެ ސަރުކާރުގެ ތާއީދާ އެކު ސިވިލް ސާވިސްގެ ގާނޫނު ފަހުން އިސްލާހު ކުރީ އެވެ. ޔާމީންގެ ސަރުކާރުގެ ފަރާތުން އެ އިސްލާހު ގާނޫނަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ އޭރުގެ ޕީޕީއެމްގެ މެމްބަރު އަދި މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި އަބްދުއްލަތީފް މުހައްމަދެވެ.

އެ އިސްލާހު ފާސްކުރުމާ އޭރުގެ އިދިކޮޅު މެމްބަރުން އަދި މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި މެމްބަރުން ދެކޮޅެވެ.

ސީއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑް ކުރިއިރު، ކުރީގެ ސަރުކާރުތަކުން އޭރުގެ ސިޔާސީ އިދިކޮޅު ހަރަކާތުގައި ބައިވެރިވިކަމަށް ބުނެ ބައެއް ސްކޫލުތަކުގެ ޓީޗަރުންނަށް ފިޔަވަޅު އަޅާފައި ވެ އެވެ.