Roadha Mihaaru
ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރަނީ

ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރަނީ

28 ޖެނުއަރީ 2019

ކައުންސިލަރުންނާ ދެކޮޅަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކައުންސިލަރުންނާ ދެކޮޅަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުންނަށް ނުހައްގުން ފިޔަވަޅު އެޅި މައްސަލަތައް ދާދި އަވަހަށް ބަލައި ނިމި އިންސާފު ގާއިމްވެގެންދާނެ ކަމަށެވެ. ސިޔާސީ ސަބަބުތަކާ ހުރެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެލްޖީއޭއިން ގިނަ ކައުންސިލަރުންތަކަކާ ދެކޮޅަށް ފިޔަވަޅު އެޅިއެވެ. އެގޮތުން މުސާރަ ނުލިބޭ ގޮތަށް އެތައް ކައުންސިލަރުންނެއް ސަސްޕެންޑް ކުރި އިރު ބައެއް ކައުންސިލްތަކުގެ ހުރިހާ މެމްބަރުން އެއް ފަހަރާ ވެސް ސަސްޕެންޑް ކުރި އެވެ. އެގޮތުން ގިނަ ފިޔަވަޅުތައް އަމާޒުކުރީ ސަރުކާރާ އިދިކޮޅު ފިކުރުތަކުގެ ކައުންސިލަރުންނަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި އެންމެ ބޮޑަށް ވައުދުވީ އެއް ކަމަކީ ސިޔާސީ ސަބަބަކާ ހުރެ ވަޒީފާ ގެއްލުމާއި ވަޒީފާއާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލައި ބަދަލު ދިނުމެވެ.