Roadha Mihaaru
ފިނޭންސް އިމާރާތް އަޅާނީ ސަރުކާރުން ފައިސާ ދޭ ނަމަ

ފިނޭންސް އިމާރާތް އަޅާނީ ސަރުކާރުން ފައިސާ ދޭ ނަމަ: އެޗްޑީސީ

29 ޖެނުއަރީ 2019

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް ހުޅުމާލޭގައި އަޅާނީ އެ މަޝްރޫއަށް ސަރުކާރުން ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް ހުޅުމާލޭގައި އަޅާނީ އެ މަޝްރޫއަށް ސަރުކާރުން ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ސުހެއިލް ވިދާޅުވީ، ކުރިން ފިނޭންސް މިނިސްޓްރީން މާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ 25 ބުރީގެ އޮފީސް އިމާރާތް ހުޅުމާލެ އަށް ބަދަލުކޮށް އެޗްޑީސީން ތަރައްގީކުރާ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ. އެޗްޑީސީގެ މާލީ ހާލަތު އޮތްގޮތުން އެވަރުގެ މަޝްރޫއެއް ހިންގުމުގެ ގާބިލްކަން މި ވަގުތު ނެތް ކަމަށާއި އެކަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ، އިމާރާތް ތަރައްގީ ކުރުމުގެ މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް ކުރުމަށް ވެސް ނިންމާފައި އޮތީ މެލޭޝިއާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ކަމަށެވެ.

"ހުއްޓާލާކަށް ނިންމީކީ ނޫން. ފައިނޭންސިންގެ ވެސް އިޝޫއެއް ނޫޅޭ. އެކަމަކު އެވަރުގެ ބޮޑު ލޯނެއް ނަގާއިރު އޭގެ ރީޕޭމެންޓް ޔަގީންވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ، ސަރުކާރުން ވެސް ބައެއް މިނިސްޓްރީތައް ހުޅުމާލެ އަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި ޕްލޭނިން މިނިސްޓްރީން ވެސް އޮފީސް އިމާރާތަކަށް އިންވެސްޓް ކުރުމަށް ވިސްނާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ބިލްޑިންގު އަޅަން އެންމެ ފުރަތަމަ އެއްބަސްވެވުނީ އެ މިނިސްޓްރީގެ ގޯތި ތެރޭގައެވެ. މި މަސައްކަތް ކުރަން ހަވާލު ކުރީ 2016 ވަނަ އަހަރުގެ މާޗު މަހު އެވެ.

ފިނޭންސް މިނިސްޓްރީގެ ބިލްޑިންގު ހަވާލު ކުރީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ޑަބްލިޔް ޒެޑް އާރް ޕްރޮޕަޓީއާ އެވެ. ގާތްގަނޑަކަށް 122 މިލިއަން ޑޮލަރަށް މި މަސައްކަތް ހަވާލުކުރި އިރު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތިން އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެން ނަމަވެސް މަސައްކަތް ހަވާލު ކުރިތާ ތިން އަހަރުވާ އިރު އަދިވެސް އޭގެ މަސައްކަތެއް ފަށާފައެއް ނުވެ އެވެ.

މި މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރުމަށް ހަމަޖެހިފައިވާ އިރު ސަރުކާރުން ކުންފުންޏަށް އަނބުރާ ފައިސާ ދައްކާ ހަލާސް ކުރުމަށް 23 އަހަރުގެ ދިގު މުއްދަތެއް ލިބޭނެ ކަމަށް ކަމަށް ކަނޑައަޅާފައިވެ އެވެ.

ގާތްގަނޑަކަށް 32000 އަކަފޫޓުގެ ބިމެއްގައި އިމާރާތް އެޅުމަށް ހަމަޖެހިފައިވާ އިރު ޖިމަކާއި ރެކްރިއޭޝަން ހޯލުތަކާއި ޝޮޕިން އޭރިއާއެއްގެ އިތުރުން ބައްދަލުވުންތަކާއި ސެމިނާތައް ބޭއްވޭ ހޯލުތަކާއި ނަމާދުކުރާ ތަނަކާއި ކެފެޓޭރިއާތަކާއި ފުޑްކޯޓުތަކާއި އިމާރާތުގެ އެންމެ މަތީގައި ގާޑަން ރެސްޓޯރަންޓަކާއި ވެންޑިން މެޝިނާއި އޭޓީއެމް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައިވެއެވެ.

މީގެ އިތުރުން އިމާރާތަށް ބޭނުންވާ 20 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފައްދާއިރު 100 ކާރާއި 1500 ސައިކަލް ޕާކު ކުރެވޭނެ ޖާގަ އިމާރާތުގައި ހެދޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ. އަދި އެ އިމާރާތުގައި 30000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

ހުޅުމާލެއަށް އިމާރާތް ބަދަލުވުމާ އެކު ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ޑިޒައިނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުނެ އެވެ.