Roadha Mihaaru
ރިޔާޒު އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އޭސީސީއަށް

ރިޔާޒު، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލައެއް އޭސީސީން ބަލަނީ

30 ޖެނުއަރީ 2019

ތ. މޭވަންޑޫގައި ސަރުކާރުގެ ބަޖެޓުން އަޅާ ފުޓްސަލް ދަނޑު ހަދަނީ އެ ރަށް ހިމެނޭ ތިމަރަފުށީ ދާއިރާގެ މަޖިލިސް ގޮނޑިއަށް މިފަހަރު ވާދަކުރައްވާ އަބްދުﷲ ރިޔާޒު ކަމަށް ދޭހަވާ ގޮތަށް ކެމްޕެއިން ކުރާ މައްސަލައެއް އޭސީސީން ބަލަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތ. މޭވަންޑޫގައި ސަރުކާރުގެ ބަޖެޓުން އަޅާ ފުޓްސަލް ދަނޑު ހަދަނީ އެ ރަށް ހިމެނޭ ތިމަރަފުށީ ދާއިރާގެ މަޖިލިސް ގޮނޑިއަށް މިފަހަރު ވާދަކުރައްވާ އަބްދުﷲ ރިޔާޒު ކަމަށް ދޭހަވާ ގޮތަށް ކެމްޕެއިން ކުރާ މައްސަލައެއް އޭސީސީން ބަލަން ފަށައިފި އެވެ.

ކުރީ ސަރުކާރުން ވޭމަންޑޫގައި ފުޓްސަލް ދަނޑެއް އަޅަން އެމްއާރުޑީސީއާ 2016 ގައި ހަވާލުކުރިޔަސް އެ ކުންފުނި އުވާލުމުން އެ މަސައްކަތާ ހަވާލުވީ އެފްއޭއެމުންނެވެ. އެ އެސޯސިއޭޝަނުން އެ މަސައްކަތް ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ނުގާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަ އެވެ. ދަނޑު ހަދަން ބޭނުންވާ ހުރިހާ ސާމާނެއް އެ ރަށަށް ގެންގޮސްފައި ވިޔަސް، މަސައްކަތް އަދި ނުނިމެ އެވެ.

ސަރުކާރުން އެ ރަށުގައި އަޅަން ނިންމީ 97 ފޫޓް ދިގު އަދި 76 ފޫޓް ފުޅާ ދަނޑެކެވެ. ނަމަވެސް ރިޔާޒު ފައުންޑޭޝަނުން މިހާރު ވަނީ އެ ދަނޑު 116 ފޫޓް ދިގު އަދި 82 ފޫޓް ފުޅާކުރަން ނިންމައިފަ އެވެ. ދަނޑު ބޮޑުކުރުމުގެ މަސައްކަތަށް ހޭދަވާ 231،900ރ. ދެނީ ރިޔާޒް ފައުންޑޭޝަނުންނެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެއީ ކުރިން ބަޔަކާ ހަވާލުކޮށްފައި މަސައްކަތެއް ނަމަވެސް އެ މަޝްރޫއު ހިންގަނީ މިހާރު ކުރިމަތިލައްވާ ކެންޑިޑޭޓެއްގެ ފަރާތުން ކަމަށް ދޭހަވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ހުށައެޅީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ރިޔާޒާ ވާދަކުރަައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ކެމްޕެއިންގެ ފަރާތުންނެވެ.

"އެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓަކު ކޮށްދެއްވާ ކަމެއްގެ ގޮތުގައި އެކަން ދައްކާފައި ވާކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވަނީ. އެއީ އިންތިޚާބަށް ނުފޫޒު ފޯރުވޭނެ ކަމަކަށް ވާތީ އެކަން ބަލަމުން މިދަނީ. އަދި ގޮތެއް ނުނިމޭ،" ރިޔާޒުގެ ނަން ވިދާޅުނުވެ، ލުތުފީ ތަފްސީލު ދެއްވި އެވެ.

ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއް ކަމަށްވާ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ރިޔާޒު ވިދާޅުވީ ފުޓްސަލް ދަނޑު ފުރިހަމަ ކޮށްދިނުމަށްޓަކައި އެރަށުގެ ރައްޔިތުން އެދޭ ގޮތަށް ކަންތައްތަކެއް، އޭނާގެ ފައުންޑޭޝަނުން ކޮށްދޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މުސްތަފާ ވިދާޅުވީ އެއީ ޔޫތު މިނިސްޓްރީން ކުރާ މަސައްކަތަކަށް ވާއިރު، ރިޔާޒު އަމިއްލަ ގޮތުން އެކަމުގެ ތެރެއަށް މި ދަނޑިވަޅުގައި ވެންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އެއީ ސަރުކާރުގެ ޕްރޮޖެކްޓެއް. ސާމާނު ފޮނުވާފައި ހުރި. މި ދަނޑިވަޅުގައި ޚާއްސަކޮށް ސަރުކާރުގެ މަސައްކަތެއް ނިންމައި ދިނުމަށް އަޅުގަނޑު އަމިއްލަ އަށް ހޭދަކުރުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލެވޭނެ،" މުސްތަފާ ވިދާޅުވި އެވެ.

"އެއީ ސީދާ ކެމްޕެއިނަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭނެތީ އަޅުގަނޑު މި ހުރީ ދުރުގައި."

އެކަމަކު ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަތުހީ ވިދާޅުވީ އެ ދަނޑުގެ މަސައްކަތް ރިޔާޒު ކޮށްދެއްވަނީ ނުފޫޒު ފޯރުއްވަން ނޫން ކަމަށެވެ. އެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް މުސްތަފާގެ އަރިހުގައި ވެސް ތަކުރާރުކޮށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަތުހީ ވިދާޅުވީ މުސްތަފާއަށް އެކަން ނުކޮށްދެއްވުނު ކަމަށެވެ.