Roadha Mihaaru
އިންތިހާބީ ރިޝްވަތުގެ 16 މައްސަލައެއް ނިންމައިފި

މަޖިލިސް އިންތިޚާބާ ގުޅޭ ރިޝްވަތުގެ 16 މައްސަލައެއް އޭސީސީން ބަލައިފި

21 މެއި 2019

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅި ރިޝްވަތުގެ މައްސަލައިގެ ތެރެއިން 16 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅި ރިޝްވަތުގެ މައްސަލައިގެ ތެރެއިން 16 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

މަޖިލިހުގެ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ 22 މައްސަލަ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގުކޮށްފައިވެ އެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އޭސީސީން އިސްނަގައިގެން ބަލަން ފެށި 10 މައްސަލަ އަކާއި އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބެލި 12 މައްސަލައެއް ކަމަަށް އެ ކޮމިޝަނުން ބުންޏެވެ.

އޭގެ ތެރެއިން މިހާތަނަށް 16 މައްސަލައެއްގެ ތަހުގީގު މަރުޙަލާ ނިމިފައިވާ އިރު، ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބެލެވޭ މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީ (ޕީޖީ އޮފީސް) އާ އެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުންނެވެ.

އެގޮތުން ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށް ގެންދަނީ ހަތަރު މައްސަލައެއްގަ އެވެ. އަދި އިންތިޚާބީ ކޮރަޕްޝަންގެ އިތުރު ހަ މައްސަލައެއް އޭސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހަރުގެ އާންމު އިންތިޚާބު 65 މެމްބަރުންނާ އެކު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އެވެ.

ދެން އެންމެ ގިނަ ގޮނޑި ނެގި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ވަނީ ކޮންމެ ޕާޓީ އަކަށް ފަސް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ކޮންގްރެސް ޕާޓީން ތިން ދާއިރާ ކާމިޔާބު ކުރިއިރު އެމްޑީއޭން ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބުވީ ހަތް ބޭފުޅަކަށެވެ.