30 ޖެނުއަރީ 2019
ޕީޕީއެމްގެ ރައީސްގެ މަގާމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ނިންމި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް މިއަދު ހުކުމް ކޮށްފި އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ނިންމި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް މިއަދު ހުކުމް ކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގައި، އެ ޕާޓީގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށް، ޕާޓީގެ މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. ކޮންގްރެސްގެ އެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ހައި ކޯޓުން ކުރިން އަމުރު ކޮށްފައި އޮތީ އެ ނިންމުންތައް ބަލައިގަތުމަށެވެ.
ހައި ކޯޓުގެ އެ ހުކުމް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި މަޖިލީހުގައި އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށެވެ. އެހެންވެ، އެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބެލެވެން ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ކޮންގްރެސް ސައްހަ ނޫން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުން ނޫން އެހެން ބަޔަކު ވޯޓު ދިނުން ފަދަ ކަންކަން ހިމަނާފައި ވިޔަސް، އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އެ ކޮންގްރެސްގައި ވޯޓު ދިނީ ކޮން ބައެއް ކަން ކޮމިޝަނަށް ބުނެދެވިފައި ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ކޮންގްރެސްގައި ވޯޓު ދިން އެހެން ބައެއް މެމްބަރުންގެ ފުރިހަމަ މައުލޫމާތު ކޮމިޝަނަށް ނުލިބޭ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް، އެ މައުލޫމާތު ހޯދަން އެ ކޮމިޝަނުން ޕީޕީއެމްގައި އެދިފައި ނެތް ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ކޮންގްރެސްގައި ވޯޓު ނެގީ ވޯޓިން ބޫތު ބެހެއްޓުމުގެ ބަދަލުގައި މަންދޫބުން ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެން ކަމަށް ބުނެ ކޮޮމިޝަނުން އެކަން ފާހަގަ ކުރިޔަސް، ވަކި ތަނެއްގައި ވޯޓިން ބޫތު ބަހައްޓަން ޖެހޭ ކަމަށް ޕީޕީއެމްގެ އިންތިޚާބާ ބެހޭ ގަވާއިދުގައި ބުނެފައި ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިންތިޚާބާ ބެހޭ ގަވާއިދުގައި ވޯޓިން ބޫތުގެ ވާހަކަ ފާހަގަ ކޮށްފައި އޮންނަ އޮތުމުގެ މަގްސަދަކީ ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. އަދި މަންދޫބުން ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެން ވޯޓު ނެގިޔަސް، ވޯޓުގެ ސިއްރުކަން ހިފެހެއްޓޭ ފަދަ ގޮތަކަށް އަމަލު ކޮށްފައިވާ ނަމަ ގަވާއިދުގައި މަގްސަދު ހާސިލްވީ ކަމަށް ބަލަންޖެހޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މަންދޫބުން ކައިރިއަށް ވޯޓު ފޮށި ގެންދިއުމުގެ ކުރިން، ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ކަންކަން ނުކުރަން ކޮންގްރެސްގެ ރިޔާސަތުން އިއުލާން ކޮށްފައި އޮތް ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލުނު ކަމަށް ބުނެ ކޮންގްރެސްގެ އެއްވެސް މަންދޫބަކު ޝަކުވާ ކޮށްފައި ނެތް ކަމަށެވެ.
ކޮންގްރެސްގައި، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ހަތަރު ނައިބު ރައީސުން އިންތިޚާބު ކުރި ކަމަށް ބުނެ އެކަން ކޮމިޝަނުުން ފާހަގަ ކޮށްފައި ވިޔަސް، އެކަމުގައި ވެސް އަސާސީ ގަވާއިދާ ޚިލާފް ކަމެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެކަމަކީ ކޮންގްރެސްގެ ނިންމުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަންކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ. އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހެޅުމުން އެ ކޯޓުން މިހާރު ނިންމާފައި އޮތީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ގޮތެއް ނިންމުމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން މިހާރު ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އާ ޕާޓީއެއް އުފައްދަނީ ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލަތައް ކޯޓުގައި އޮތުމުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް ކޮންގްރެސްގެ މައްސަލަ ހުކުމާ ހަމައަށް
ޕީޕީއެމް ކޮންގްރެސް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
ކުށްވެރިންނަށް ފުރުސަތު ދެވޭގޮތަށް ގާނޫނު މާނަނުކުރެވޭނެ
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!
ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއްތަ؟
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ފަނޑިޔާރުން: ޖަލުގައި ހުރެ ހޮވިއްޖެނަމަ ވާނީ ކިހިނެއް
އިސްތިއުނާފް ނުނިމެނީ އަޅުގަނޑުގެ ކުށަކުންނޫން: ޔާމީން