Roadha Mihaaru
އިމާރާތްކުރުމުގެ ސަލާމަތީ ކަންކަމުގެ ގަވައިދު ހަދައިފި

އިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދަށް އަމަލުކުރަން ފަށައިފި

31 ޖެނުއަރީ 2019

އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން އިއްޔެ ގެޒެޓްކޮށް، އެއަށް އަމަލުކުރަން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން އިއްޔެ ގެޒެޓްކޮށް، އެއަށް އަމަލުކުރަން ފަށައިފި އެވެ.

"އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު"ގެ މައިގަނޑު މަގްސަދަކީ އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ފިޔަވަޅުތަކުގެ އެންމެ ދަށް މިންގަނޑެއް ކަނޑައެޅުމެވެ. ގަވައިދާ ހިލާފުވުމުން އަޅާނެ ފިޔަވަޅުތައް ވެސް މީގައި ބަޔާންކޮށްފައިވެ އެވެ.

އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންގެ ސަލާމަތީ އަދި ސިއްހީ ކަންކަމަ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ގޮތް މި ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއެއްގައި ނަމަ ސަލާމަތީ އަދި ސިއްހީ ކަންތައް ބަހައްޓަން ޖެހޭ ގޮތް އަންގައިދޭ އަތްމަތީ ފޮތެއް ހަދާފައި އޮންނަން ޖެހެ އެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސަލާމަތީ އާލާތްތައް، މި ގަވައިދަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި ހޯދައިދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި މަސައްކަތު މީހުންގެ ރައްކާތެރިކަމަށް ބޭނުންވާނެ ސޭފްޓީ ބެލްޓް، ހެލްމެޓް، އަންގި، ބޫޓު އަދި ވެލްޑިން މާސްކް ފަދަ ތަކެތި ހިމެނެ އެވެ.

http://www.gazette.gov.mv/gazette/download/4624

އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު

މަސައްކަތް ކުރުވާ ފަރާތުން، މަސައްކަތް ކުރާ ތަން ބަލަހައްޓަން ސައިޓް އިންސްޕެކްޓަރުން އައްޔަނުކުރުން ވެސް ގަވައިދުގައި ލާޒިމްކުރެ އެވެ. އަދި ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއެއް ނަމަ، މަސައްކަތްތެރިންނާއި ވަށައިގެން އުޅޭ މީހުންނަށް ވެސް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އިންޝުއަރެންސް ވެސް ނަގަން ޖެހޭނެ އެވެ.

ގަވައިދު ގެޒެޓްކުރުމާ އެކު އެއަށް އަމަލުކުރަން ފެށި ނަމަވެސް، ގަވައިދާ ހިލާފްވާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަށަން ގަވައިދުގައި ބުނެފައި ވަނީ އަމަލުކުރަން ފަށާތާ 90 ދުވަސް ފަހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު، މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު ވަކީލުންތަކެއް ވަނީ އިމާރާތްކުރުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 13 ގަވާއިދެއް ހަދަން ދައުލަތަށް އަމުރުކޮށްފަ އެވެ.

އިމާރާތްކުރުމުގައި ގެންގުޅޭނެ ރައްކާތެރި ކަމުގެ މިންގަނޑާ ބެހޭ ގަވައިދު ފިޔަވައި ދެން ހުރި ގަވާއިދުތައް ނިންމަން ކަނޑައަޅާފައި ވަނީ އަންނަ މާޗު މަހުގެ ނިޔަލަށެެވެ.