Roadha Mihaaru
"ހަވީރު"ގެ ހުކުމް ބާތިލް، އަލުން ބަލަން އަންގައިފި

"ހަވީރު" ނޫހުގެ މައްސަލާގައި ކުރި ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފި

31 ޖެނުއަރީ 2019

"ހަވީރު" ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ހުކުމްކުރީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއްގެ މައްޗަށް ކަމަށް ވާތީ އެ ހުކުމް ބާތިލްކޮށް، ދައުވާގައި އެދިފައިވާ ކަންކަން ދަށު ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"ހަވީރު" ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ހުކުމްކުރީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއްގެ މައްޗަށް ކަމަށް ވާތީ އެ ހުކުމް ބާތިލްކޮށް، ދައުވާގައި އެދިފައިވާ ކަންކަން ދަށު ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

"ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ "ހަވީރު ނޫސް އޭޖެންސީ"ގެ އާމްދަނީން އެ ތިން މީހުންނަށް ލިބެން ޖެހޭ މިންވަރު ހޯދުމަށާއި އެތަން ހިންގުމުގައި އެ ތިން މީހުންނަށް ބައިވެރިވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

އެކަމަކު ސިވިލް ކޯޓުން 2016 ގައި ހުކުމް ކުރިއިރު، "ހަވީިރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެހެން މީޑިއާއެއްގައި މަަސައްކަތް ކުރާ ނަމަ، އެކަމަށް ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އަދި "ހަވީރު"ގެ ހުރިހާ މުދަލާއި ހަވީރު ވެބްސައިޓާއި އާކައިވް ވެސް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތަކަށް ބަދަލު ކުރުމަށާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވެސް ދައުލަތުގެ މައްޗަށް، އޭރުގެ ގާޒީ މުހައްމަދު ހަލީމް އިއްވެވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން ހައި ކޯޓުން މިއަދު ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ އެ ކޯޓުގައި ދައުވާކުރި ކަންކަމުގެ މައްޗަށް ނޫން ކަމަށާއި ދައުވާގައި އެދިފައި ނެތް ކަންކަމަށް ވެސް އެ މައްސަލާގައި ހުކުމް ކޮށްފައި އެބަ އޮތް ކަމަށެވެ. އަދި ދައުވާގައި ނެތް ކަންކަމަށް ހުކުމްކުރީ އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެގޮތުން "ހަވީރު"ގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި އުޅުން މަނާ ކަމަށް ކަނޑައެޅި ބަޔާއި އެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅޭ ނަމަ އެކަމަށް ފިޔަވަޅު އަޅަން އަންގާފައި އޮތް ބަޔާއި "ހަވީރު"ގެ މުދަލާއި ފައިސާ އާއި ވެބްސައިޓާއި އާކައިކް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ފަރާތަކަށް ބަދަލުކުރަން އެންގި އެންގުމާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން އެންގި އެންގުމަކީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއް ކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ދައުވާގައި އެދިފައިވާ ކަންކަމުގެ މައްޗަށް ގޮތްތަކެއް ނިންމާފައި ނުވާ ކަމާއި، އެއާ ޚިލާފަށް އެ ފަރާތްތަކުން އެދިފައިނުވާ ކަންކަމުގެ މައްޗަށް ގޮތްތަކެއް ނިންމާފައިވާ ކަން އެ ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭ" ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ދައުވާގައި އެދިފައި ނެތް ކަމަކަށް ހުކުމް ނުކުރެވޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކުރިން ކަނޑައަޅާފައިވާ ކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ ދައުވާކުރި ކަންކަމަށް ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލް ކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.

"ހަވީރު"ގެ މައްސަލާގައި ސިވިލް ކޯޓުން ހުކުމް ބާތިލް ކުރުމާ އެކު، ދައުވާގައި އެދުނު ކަންކަމަށް އަލުން ގޮތެއް ނިންމަން ހައި ކޯޓުން އަމުރު ކުރިއިރު، "ހަވީރު"ގެ ކުރީގެ މުވައްޒަފުންނާ ގުޅޭ ގޮތުން އެ ހުކުމުގައި އޮތް ބައި އެ މުވައްޒަފުންގެ ފަރާތުން ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅޭ ނަމަ އެކަމަށް ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އެ ހުކުމުގައި އަންގާފައި އޮތުމުން ދައުލަތުން ވެސް އޮތީ އެ ހުކުމުގެ އެ ބައި އިސްތިއުނާފްކޮށްފަ އެވެ.

"ހަވީރު"ގެ މިލްކުވެރިކަން

"ހަވީރު"ގައި އެ ބޭފުޅުންގެ ހިއްސާއެއް އޮތް ކަމަށް ބުނެ ފާރޫގާއި ރަޝީދު އަދި ނައީމް ދައުވާކުރެއްވީ "ހަވީރު"އަކީ 1983 ގައި އުފެއްދި "ހަވީރު ނިއުސް އެޖެންސީ"ގެ މުދަލެއް ކަމަށް ބަލައިފަ އެވެ. އެކަމަކު އެ ނިއުސް އެޖެންސީ އުފެއްދުމުގެ ހަތަރު އަހަރު ކުރިން ވެސް "ހަވީރު"އަކީ ޑރ. ޒާހިރުގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެމުން އައި ނޫހެކެވެ. އަދި "ހަވީރު ނިއުސް އެޖެންސީ" އުފައްދަން އެ ތިން ބޭފުޅުންނާ އެކު ޑރ. ޒާހިރު ސޮއިކުރެއްވި ނަމަވެސް، އޭރުގެ އިންފޮމޭޝަން ޑިޕާޓްމަންޓްގައި އެ އެޖެންސީ ރަޖިސްޓްރީކޮށްފައި އޮތީ ޒާހިރު ނުހިމަނަ އެވެ.

ކޯޓުގައި އަބަދުވެސް ޑރ. ޒާހިރުގެ ފަރާތްޕުޅުންނާއި "ހަވީރު"ގެ ފަރާތުން ބުނަމުން ދިޔައީ "ހަވީރު"ގެ މިލްކުވެރިކަން އެއްވެސް އިރެއްގައި "ހަވީރު ނިއުސް އެޖެންސީ" އަށް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަހަލަ އެއްވެސް މުއާމަލާތެއް އެއްވެސް ކޯޓެއްގައި ހިންގާފައިނުވާނެ ކަމަށް "ހަވީރު"ގެ ފަރާތުން ބުނެފައިވެ އެވެ.

"ހަވީރު"ގެ ތަރައްގީއަށް ހުރިހާ ހޭދައެއް ކުރައްވާފައި ވަނީ ޑރ. ޒާހިރުގެ ގެކޮޅާއި އަމިއްލަ ނަންފުޅުގައި ނެންގެވި ލޯނާއި އަމިއްލަ ލާރިންނެވެ. އޭގައި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުން ނޯންނާނެ ކަމަށް "ހަވީރު"ގެ ފަރާތުން ކޯޓު މަރުހަލާގައި ތަކުރާރުކޮށް ބުނެފައިވެ އެވެ.

"ހަވީރު މީޑިއާ ގްރޫޕް" އަކީ ޑރ. ޒާހިރުގެ ތިން ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފަހުން "ހަވީރު"ގެ ހުރިހާ މުދަލެއް ބަދަލުކޮށް، 2013 އިން ފެށިގެން، "ހަވީރު" ހިންގަމުން އައީ އެ ކުންފުނިންނެވެ.

މާޗު 31، 2016 ގައި، އޭރު 37 އަހަރު ވީ ނޫސް ހުއްޓާލީ، އަނެއް ތިން ބޭފުޅުން ބައިވެރިކޮށްގެން "ހަވީރު"ގެ ހުރިހާ މުއާމަލާތެއް ކުރަން ގާޒީ ހަލީމް ނެރުއްވި ވަގުތީ އަމުރާ ގުޅިގެންނެވެ.