Roadha Mihaaru
އަޅުގަނޑުގެ މައްޗަށް ކުރީ ބާތިލް ދައުވާއެއް: ޒާހިރު

ހަވީރު ނޫސް އޭޖެންސީއާ ހަވީރު ނޫހާ ގުޅުމެއް ނެތް، ކުރީ ބާތިލް ދައުވާއެއް: ޒާހިރު

04 ޖުލައި 2016

ހަވީރު ނޫސް އޭޖެންސީއަކީ ހަވީރު ނޫހާއި އަދި އޮންލައިނާ އެއްވެސް ގުޅުމެއް ހުރި އެެއްޗެއް ނޫން ކަމަށް ހަވީރުގެ ޗެއާމަނަކަށް މިހާތަނަށް ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ހަވީރު ނޫސް އޭޖެންސީއަކީ ހަވީރު ނޫހާއި އަދި އޮންލައިނާ އެއްވެސް ގުޅުމެއް ހުރި އެެއްޗެއް ނޫން ކަމަށް ހަވީރުގެ ޗެއާމަނަކަށް މިހާތަނަށް ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ހަވީރު ނޫހާއި އޮންލައިނާއި އޭގެ ވިޔަފާރިތަކަކީ ހަވީރު ނޫސް އޭޖެންސީގެ މިލްކެއް ކަމަށާއި އެ އޭޖެންސީގެ ހިއްސާދާރުންނަކީ ޒާހިރުގެ އިތުރުން ހ. މީރުބަހުރުގޭ އިބްރާހިމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގް ހަސަނާއި ހ. ޓައިމްލެސް މުހައްމަދު ނައީމް ކަމަށް ހައި ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ސަބަބުން "ހަވީރު" ގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ޒާހިރު ނެރުއްވި ބަޔާނެއްގައި ވަނީ ހަވީރު ނޫސް އޭޖެންސީއަކީ އޭނާއާ އެއްވެސް ގުޅުމެއް ހުރި ތަނެއް ނޫން ކަމަށާއި އެއީ ރަޝީދު މޫސާ އާއި ފާރޫގާއި ނައީމްގެ ނަމުގައި އޮތް ކުންފުންޏެއް ކަމަށެވެ. އެ އޭޖެންސީގައި ޒާހިރުގެ ނަމެއް ނެތް ނަމަވެސް ހައި ކޯޓުން ހުކުމް ކުރީ އޭނާ ވެސް ހިމެނޭ ގޮތުން އެ އޭޖެންސީގެ މައްޗަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އޭޖެންސީގެ މީހަކު މިހާތަނަށް ހަވީރު ނޫސް ކުރިއަރުވަން އެއްވެސް އިންވެސްޓެއްކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ޒާހިރު ވިދާޅުވެފައިވެ އެވެ.

"އެހެން ބަޔަކު ރަޖިސްޓްރީކޮށްފައިވާ އޭޖެންސީއެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އަޅުގަނޑު އޭގައި ނުހިމެނޭ ހިނދު، އަޅުގަނޑުގެ މައްޗަށް އިލްޒާމް ކުރެވޭނެ ކަމެއް ނޫނެވެ،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ހަވީރު ނޫހުގެ މިލްކުވެރިކަން ހަވީރު ނޫސް އޭޖެންސީ ކިޔާ ތަނަށް ބަދަލުކޮށްފައި ނެތް ކަމަށާއި ހަވީރު ނޫސް އޭޖެންސީއަކީ ހަވީރު ނޫސް ހިންގަން އުފެއްދި އޭޖެންސީއެއް ކަން ދައުވާކުރި މީހުންނަށް ސާބިތުކޮށް ނުދެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އޭޖެންސީގެ އަސާސީ ގަވާއިދުގެ 6 ވަނަ މާއްދާއަށް ބެލުމުން ވެސް އެކަން އެނގޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އޭޖެންސީގެ އަސާސީ ގަވާއިދުގެ 6 ވަނަ މާއްދާގައި ވަނީ "މި އޭޖެންސީއަކީ ވިޔަފާރި އުސޫލުން ހިންގާ ތަނަކަށް ނުވާތީ ހިއްސާ ވިއްކުމެއް ނޯންނާނެ އެވެ. އަދި ރައުސްމާލެއް ވެސް ނޯންނާނެ އެވެ. އަދި ބައިވެރިވާ ފަރާތްތަކުން ޗަންދާގެ ގޮތުގައި އެއްޗެއް އަތުލުމެއް ވެސް ނޯންނާނެ އެވެ،" މިފަދައިންނެވެ.

"ވީމާ މިއީ މާލީ އެއްވެސް މުއާމަލާތެއް ނުކުރާ ޚައިރީ ޖަމާއަތެއް ކަހަލަ ނޮން ޕްރޮފިޓް އުސޫލުން ގާއިމް ކުރެވިފައިވާ ތަނެކެވެ. އެހެންކަމުން މިފަދަ ޖަމާއަތަކުން ހަވީރުގެ މުދާ އޭގެ ތެރެއަށް ވައްދަން 30 އަހަރު ފަހުން މިކުރާ ދައުވާއަކީ އެއްވެސް އަސާސެއް ނެތި ކޮށްފައިވާ ދައުވާއެއް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ޒާހިރު ވިދާޅުވެފައިވެ އެވެ.

ނޫސް އޭޖެންސީ އުފެއްދިޔަސް އެތަން ހިންގާފައިިނުވާ ކަމަށާއި އެއީ ހަމައެކަނި ނަމެއްގައި އޮތް އެއްޗެއް ކަމަށާއި އެތަން ހިިނގާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ރަޝީދު މޫސާ އާއި ފާރޫގާއި ނައީމްގެ ވަކީލް ކޯޓުގައި ބުނެފައިވާ ކަމަށް ވެސް ޒާހިރުގެ އެ ބަޔާނުގައިވެ އެވެ. އަދި މިހާތަނަށް ހަވީރު ނޫހަކީ އިތުރު އެއްވެސް ބަޔަކު އިންވެސްޓްކޮށްފައިވާ ނޫހެއް ނޫން ކަމަށާއި ސަރުކާރުން ހަދާފައިވާ ރަޖިސްޓްރީތަކަށް ބަލާއިރު ވެސް ހަވީރު ނޫހުގައި އިތުރު ބައެއްގެ މިލްކުވެރިކަން ނުވަތަ ހިއްސާ ނެތްކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހަވީރު ނޫހާއި އޭގެ ވިޔަފާރީގައި ޒާހިރުގެ އިތުރުން ރަޝީދު މޫސާ އާއި ފާރޫގާއި ނައީމްގެ ހިއްސާ އޮތް ކަމަށް ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލަައިނުގެންފަ އެވެ.

ހައި ކޯޓުގެ ހުކުމާ އެކު ހަވީރު ނޫސް ހިންގައިގެން ލިބުނު ފައިދާގެ މިންވަރު ހޯދަން އެ ތިން މީހުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހާއި ހަމައަށް ހަވީރު ނޫހުގައި މަސައްކަތް ކުރި މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.