Roadha Mihaaru
ސައީދާއި އާދަމް ޝަރީފަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ދީފި

މާވަށު ދާއިރާ އަށް ސައީދު، މަޑުއްވަރީ ދާއިރާގެ ޓިކެޓު އާދަމް ޝަރީފަށް

02 ފެބުރުއަރީ 2019

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓުގައި މާވަށުގައި ދާއިރާ އަށް ވާދަ ކުރެއްވުމުގެ ފުރުސަތު ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އަދި މަޑުއްވަރީ ދާއިރާގެ ޓިކެޓު ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ރޭ ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓުގައި މާވަށުގައި ދާއިރާ އަށް ވާދަ ކުރެއްވުމުގެ ފުރުސަތު ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އަދި މަޑުއްވަރީ ދާއިރާގެ ޓިކެޓު ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ރޭ ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަޖިސްޓަރީ ކުރި ކޮންގްރެސް ޕާޓީގެ ވަގުތީ ނައިބު ރައީސް ކަން ކުރައްވާ ދެ ބޭފުޅުންގެ ތެރެއިން ސައީދަކީ ހއ. ތުރާކުނަށް އުފަން ބޭފުޅެކެވެ. އަދި އާދަމް ޝަރީފަކީ ރ. ފައިނަށް އުފަން ބޭފުޅެކެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ސައީދު ކުރިމަތިލައްވަން ނިންމެވި މާވަށު ދާއިރާގެ މިހާރުގެ މެމްބަރަކީ އަހުމަދު އަޒްހާން ފަހުމީ އެވެ. މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި އަޒްހާނަށް ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދީފަ އެވެ. އާދަމް ޝަރީފް ކުރިމަތިލައްވަން ނިންމެވި މަޑުއްވަރި ދާއިރާގެ މިހާރުގެ މެމްބަރަކީ ޖުމްހޫރީ ޕާޓީގެ މުހައްމަދު އަމިތެވެ. އޭނާ މި ފަހަރު ވެސް އެ ދާއިރާ އަށް ވާދަކުރައްވަ އެވެ.

މާވަށު ދާއިރާގައި ސައީދާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަކީ މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ މެމްބަރު އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް އެ ދާއިރާ އަށް ނުކުންނަވާ މުހައްމަދު ފަލާހްގެ ކޮއްކޮ އިބްރާހިމް ފަލާހެވެ. މަޑުއްވަރި ދާއިރާގައި އެމްޑީޕީގެ ފަރާތުން ކޮންގްރެސް ޕާޓީގެ އާދަމް ޝަރީފާ ވާދަކުރައްވާނީ އާދަމް ޝިހާމެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ ކޯލިޝަން ހެދުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ޓިކެޓު ވަނީ ނުވަ ބޭފުޅަކަށް ދީފަ އެވެ. މި ބޭފުޅުންނަކީ ކޮންގްރެސް ޕާޓީ އުފެދުނު ފަހުން، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ބަޔަކަށް ދިން ފުރަތަމަ ފަހަރެވެ. ރޭގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ އެ ޕާޓީގެ ޓިކެޓު އިތުރު ބޭފުޅަކަށް ދެއްވައިފަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި، އިންތިހާބުގައި އުނގޫފާރު ދާއިރާގެ ޓިކެޓު ދިނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދަށެވެ. ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ ޓިކެޓު ދިނީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި އާއި ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ހީނާ ވަލީދަށެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހަނިމާދޫ ދާއިރާ އަށް އިދުރީސް އަބްދުﷲ، ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ފާރޫގު މުހައްމަދު، ހުޅުދޫ ދާއިރާ އަށް އަހުމަދު ހަމްދާން، މަނަދޫ ދާއިރާ އަށް ހުސްނީ މުބާރަކް، ކެންދޫ ދާއިރާ އަށް އަހުމަދު ރިޒާ އަދި ކުރެންދޫ ދާއިރާ އަށް އާދަމް ތައުފީގް ހިމެނެ އެވެ.

މި ފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީ ގުޅިގެން ވާދަކުރަން ނިންމިއިރު، ޕީޕީއެމުން މިހާތަނަށް ވަނީ 53 މީހަކަށް ޕާޓީގެ ޓިކެޓު ދީފަ އެވެ. އަދި ވިލުފުށީ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ރިޔާޒް ރަޝީދާއި ހެންވޭރު ދެކުނަށް ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ފިޝަވިން ސަލީމަށް ވަނީ ތާއީދުކޮށްފަ އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ ގުޅިގެން 62 ދާއިރާ އަކަށް ވާދަކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.