Roadha Mihaaru
ސައީދު އިންތިޚާބުވި ދާއިރާގެ ވޯޓު އަލުން ގުނަނީ

ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަނީ

08 އެޕްރީލް 2019

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކަން ކަށަވަރު ކޮށްދިން ނަމަވެސް ތަފްސީލެއް ނުދެ އެވެ.

މާވަށު ދާއިރާގައި ހިމެނެނީ އެ ރަށުގެ އިތުރުން ހިތަދު އާއި ކުނަހަންދު އެވެ. ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިފައިވާ މި ދާއިރާ އިން ސައީދު ކުރި ހޯއްދެވީ ފަސް ވޯޓުގެ ތަފާތުންނެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.

އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމީ އެނގިފައިވާ ގޮތުގައި، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ފަލާހް ޝަކުވާ ހުށަހެޅުއްވުމުންނެވެ.

ސައީދާއި ފަލާހުގެ އިތުރުން ވެސް ދެ ކެންޑިޑޭޓަކު އެ ދާއިރާ އިން ވާދަކުރެއްވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު ޕީޕީއެމާއި ޕީއެންސީ އަށް ލިބުނީ ޖުމްލަ ހަތް ގޮނޑި އެވެ. މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ.